ޑެލޭ އަލީގެ ކޮންޓްރެކްޓު ޓޮޓެންހަމް އިން އާކޮށްފި

ޓޮޓެންހަމްގެ މިޑްފީލްޑަރު ޑެލޭ އަލީ--

މިޑްފީލްޑަރު ޑެލޭ އަލީއާ އެކު ހަދާފައިވާ ކޮންޓްރެކްޓު ޓޮޓެންހަމް އިން އާކޮށްފި އެވެ.

އުމުރުން 22 އަހަރުގެ އަލީގެ ކޮންޓްރެކްޓު އާ ކުރީ ހަ އަހަރު ދުވަހަށެވެ. އެހެން ކަމުން އޭނާގެ ކޮންޓްރެޓު ހަމަވާނީ 2024 ވަނަ އަހަރު އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާ ކޮންޓްރެކްޓުގެ ދަށުން ޑެލޭއަށް ހަފްތާ އަކު 100،000 ޕައުންޑާ ގާތް ކުރާ އަދަދަކަށް ފައިސާ ލިބޭނެ އެވެ. މީގެ ކުރިން އޭނާއަށް ލިބެމުން ދިޔައީ ހަފްތާއަކު ގާތްގަނޑަކަށް 50،000 ޕައުންޑެވެ.

ޓޮޓެންހަމްގައި މުހިންމު ރޯލެއް އަދާ ކުރާ ޑެލޭގެ ކޮންޓްރެކްޓު އާ ކުރުމަކީ އެ ކްލަބަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ. އެއީ އޭނާގެ ސޮއި ހޯދުމަށް ދުނިޔޭގެ ބޮޑެތި ކްލަބުތަކުން މަސައްކަތް ކުރާތީ އެވެ.

ޑެލޭ ޓޮޓެންހަމްއަށް އެންމެ ފުރަތަމަ ސޮއި ކުރީ 2015 ވަނަ އަހަރު އެވެ. އެފަހުން އޭނާ ވަނީ 153 މެޗުގައި އެ ކްލަބަށް 48 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޭނާ އަކީ އިނގިރޭސި ގައުމީ ޓީމުގައި ވެސް މިހާރު މުހިންމު ކުޅުންތެރިއެކެވެ.

ޓޮޓެންހަމް ވެގެން ދިޔައީ ފާއިތުވި ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރަގައި އާ ކުޅުންތެރިން ނުގަތް ހަމައެކަނި ޔޫރަޕުގެ ބޮޑު ކްލަބަށެވެ. ނަމަވެސް އެ ކްލަބުގެ ސްޓާރުން ކަމަށްވާ ހެރީ ކޭން، ހިއުން މިން ސަން އަދި އެރިކް ލަމޭލާގެ ކޮންޓްރެކްޓު އެ ކްލަބުން ވަނީ އާކޮށްފަ އެވެ.

comment ކޮމެންޓް