ޔުނައިޓެޑާއި ޗެލްސީއަށް މޮޅެއް، އާސެނަލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް

އާސެނަލްއާ ކްރިސްޓަލް ޕެލެސް ބައްދަލު ކުރި މެޗުގެ ތެރެއިން--

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ މޮޅުވިއިރު، އާސެނަލް ކްރިސްޓަލް ޕެލަސް އަތުން 2-2 އިން އެއްވަރުވެ އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް އައިސްފިއެވެ.

އިއްޔެ ޗެލްސީ ނުކުތީ ބާންލީއާ ދެކޮޅަށެވެެ. އެ މެެޗު މުޅިންހެން ކޮންޓްރޯލު ކުރި ޗެލްސީން ވަނީ ބާންލީ ކޮޅަށް ހަތަރު ގޯލު ޖަހާފައެވެ. ބާންލީއަށް އެންމެ ގޯލެއް ވެސް ނުޖެހެއެވެ. ޗެލްސީގެ ގޯލުތައް ޖެހީ މޮރާޓާ، ބާކްލީ، ވިލިއާން، އަދި ލޮފްޓަސްޗީކް އެވެ.

އިއްޔެ އާސެނަލްއާއި ކްރިސްޓަލް ޕެލެސް ބައްދަލު ކުރި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޕެލެސް އިންނެވެ. އެއީ އެ ޓީމަށް ލިބުުނު ޕެނަލްޓީ އަކުން ފުރަތަމަ ހާފު ނިމެން ދަނިކޮށް ޖެހި ގޯލެކެވެ.

ދެވަނަ ހާފުގައި އާސެނަލްއިން ވަނީ މެޗުުގެ ނަތީޖާ އަނެއް ކޮޅަށް އަނބުރާލާފައެވެ. އާސެނަލްއަށް ނަތީޖާ ހަމަ ހަމަކޮށްދިން ގޯލު ކާމިޔާބު ކުރީ 52 ވަނަ މިނެޓުގައި ގްރެނިޓް ޝަކާ އެވެ. އެ ގޯލަކީ އަރިމަތިން ލިބުނު ފްރީކިކެއް ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކުރި ގޯލެކެވެ. އޭގެ ހަތަރު މިނެޓު ފަހުން އަބޯމަޔެން އާސެނަލް އަށް ލީޑު ނަގައިދިން ނަމަވެސް މެޗު ނިމެން ދަނިކޮށް ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން ޕެލެސް އިން ވަނީ ޕޮއިންޓެއް ސަލާމަތް ކޮށްފައެވެ.

އެ މެޗުގެ ކުރިން އާސެނަލް ވަނީ ޖެހިޖެހިގެން 11 މެޗުން މޮޅުވެފައެވެ.

ރޭ ޔުނައިޓެޑު މޮޅުވީ އެވަޓަން އަތުންނެވެ. އެ ޓީމު އެ މެޗު ކާމިޔާބު ކުރީ 2-1ގެ ނަތީޖާއިންނެވެ. އެއާ އެކު ޔުނައިޓެޑުގެ ކޯޗް މޮރީނިއޯއަށް އޮތް ޕްރެޝަރު ވަނީ ކުޑަވެފައެވެ.

މެޗުގައި ފުރަތަމަ ގޯލު ޖެހީ ޔުނައިޓެޑުންނެވެ. އެ ގޯލަކީ ޕޮގްބާ ފޮނުވާލި ޕެނަލްޓީ އެވަޓަންގެ ކީޕަރު ޕިކްފޯޑް މަތަ ކުރުމުން، ބޯޅަ ރިބައުންޑު ވެގެން އަލުން ޕޮގްބާއަށް ލިބުމުން އޭނާ ކާމިޔާބު ކުރި ގޯލެކެވެ.

ޔުނައިޓެޑަށް ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެންތޮނީ މާސިއާލް އެވެ. އޭނާގެ ގޯލަކީ އޭރިއާގެ ރޮނގު މަތީގައި ހުރެފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކުރި ހިތްގައިމު ގޯލެކެވެ. މެޗުގައި އެވަޓަން އިން ޖެހި ހަމައެކަނި ގޯލަކީ ލިބުނު ޕެނަލްޓީއަކުން ސިގަޑްސަން ކާމިޔާބު ކުރި ގޯލެކެވެ.

އިއްޔެގެ މޮޅާ އެކު ޗެލްސީ ވަނީ 24 ޕޮއިންޓާ އެކު ދެވަނައަށް ޖެހިލާފައެވެ. އެހެން ނަމަވެސް މިރޭ ސިޓީއާ ޓޮޓެންހަމް ބައްދަލު ކުރާ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ ސިޓީ އެއްވަނައަށް އަދި ލިވަޕޫލް ދެވަނައަށް ދާނެ އެވެ. އާސެނަލް މިވަގުތު އޮތީ 22 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގައެވެ. އިއްޔެގެ ތިން ޕޮއިންޓާ އެކު ޔުނައިޓެޑު އަށް ވަނައިގައި އޮތީ 17 ޕޮއިންޓާ އެކުއެވެ.

comment ކޮމެންޓް