ރޮނާލްޑޯގެ ދެ ގޯލާ އެކު ޔުވެންޓަސް ފަހަތުން އަރައި މޮޅުވެއްޖެ

ރޭގެ ޔުވެންޓަސްއާ އެމްޕޮލީ ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭގަސް

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު ޔުވެންޓަސް އިން ފަހަތުން އަރައި އެމްޕޮލީގެ މައްޗަށް ކުރި ހޯދައިފި އެވެ.

ރޭގެ މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 2-1ގެ ނަތީޖާއިންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އެއްވަރުވެފައި އޮތުމުން، ޔުވެންޓަސް އިން ރޭގެ މެޗަށް ނުކުތީ އިތުރު މޮޅެއް ހޯދައި ލީގުގެ އެއްވަނައިގައި އޮތް ލީޑު ފުޅާ ކުރާށެވެ.

ރޭގެ މެޗުގައި އެންމެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ އެމްޕޮލީ އިންނެވެ. އެ ގޯލު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ފްރެންސެސްކޯ ކަޕޫޓޯ އެވެ. އޭރިއާގެ ތެރެއިން ބޯޅަ ލިބުމުން އޭނާ ބޯޅަ ފޮނުވާލީ ގޯލުގެ ވާތު ކަނަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެ ނަތީޖާގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން ޔުވެންޓަސްގެ މިރިލަމް ޕްޔަނިޗް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. އޭނާ ފޮނުވާލި ބާރު ޝޮޓު އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާ އެވެ.

ޔުވެންޓަސްއަށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްދިން ގޯލު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ރޮނާލްޑޯ އެވެ. އެ ގޯލު ކާމިޔާބު ކުރީ މެޗުގެ 54 ވަނަ މިނެޓުގަ އެވެ. އެ ޕެނަލްޓީ ޔުވޭ އަށް ލިބުނީ އޭރިއާގެ ތެރެއިން އެމްޕޮލީގެ ކުޅުންތެރިއަކު ޕައުލޯ ޑިބާލާއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުން ޔުވޭ މޮޅުކޮށްދިން ގޯލު ރޮނާލްޑޯ ކާމިޔާބު ކުރީ 70 ވަނަ މިނެޓުގަ އެވެ. އެ ގޯލަކީ ކައުންޓާ އެޓޭކެއްގައި، އޭރިއާގެ ބޭރުން ބޯޅަ ލިބުމުން، ގޯލުގެ މަތީ ކަނަށް ބާރު ޝޮޓެއް ފޮނުވާލައިގެން އޭނާ ކާމިޔާބު ކުރި ހިތްގައިމު ގޯލެކެވެ.

މި ނަތީޖާއާ އެކު ޔުވެންޓަސް ލީގުގެ އެއް ވަނައިގައި އޮތީ 10 މެޗުން 27 ޕޮޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އޮތީ ނުވަ މެޗުން 21 ޕޮއިންޓާ އެކު އެވެ. ތިންވަނައިގައި އިންޓަ އޮތީ ނުވަ މެޗުން 19 ޕޮއިންޓާ އެކު އެވެ.

comment ކޮމެންޓް