ނޮވެމްބަރު 11 ހެއްޔެވެ؟ ނޫނީ ނޮވެމްބަރު 17 ހެއްޔެވެ؟

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވި ދުވަހުގެ އަނެއް ދުވަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވުން އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހު ކަމަށެވެ. އަދި ދައުލަތުގެ ބަންޑާރަ ނައިބު ވެސް ވަނީ އިބޫ ހުވާ ކުރައްވާނީ ނޮވެމްބަރު 17ގައި ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، އިބޫ ނޮވެމްބަރު 11ގައި ހުވާ ކުރެއްވުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ވަކާލާތު ކުރަމުންނެވެ. އިބޫ ނޮވެމްބަރު 11ގައި ހުވާ ކުރެއްވުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުން އިބޫ ހުވާ ކުރައްވާނެ ދުވަހަކާ މެދު ވަނީ ބަހުސްތަކެއް އުފެދިފަ އެވެ.

މާޒީގެ ސަފްހާތައް!

ސުމުއްވުލްއަމީރު އިބްރާހިމް ނާސިރު ދިވެހިރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެ، 11 ނޮވެމްބަރު 1968 ވަނަ އަހަރު ރައީސް ކަމުގެ ހުވާ ކުރެއްވި ފަހުން އެ ދުވަސް ފާހަގަ ކުރަމުން އައީ ޖުމްހޫރީ ދުވަހުގެ ގޮތުގަ އެވެ. އެހެންނަމަވެސް ޖުމްހޫރީ ދުވަހަކީ ގާނޫނު އަސާސީ ނުވަތަ ގާނޫނަކުން ކަނޑައަޅައިގެން ފާހަގަ ކުރާ ދުވަހެއް ނޫނެވެ.

ރާއްޖޭގައި ކޮންމެ ފަސް އަހަރަކުން ފަސް އަހަރަކުން ރައީސުން ހުވާ ކުރެއްވުން އޮތީ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ. އެ ދުވަހު ރައީސުން ހުވާ ކުރައްވަމުން ވަޑައިގަތީ ގާނޫނު އަސާސީގައި ބުނާ ފަސް އަހަރުގެ ދައުރު އެ ދުވަހަށް ހަމަވާތީ އެވެ. ކޮންމެހެން އެ ދުވަހުގައި ހުވާ ކުރުމަކީ ގާނޫނު އަސާސީ ނުވަތަ އެއްވެސް ގާނޫނެއްގައި ލާޒިމް ކުރާ ކަމަކަށް ވާތީއެއް ނޫނެވެ.

ނަމަވެސް، 2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ފަހު ދެވަނަ ފަހަރަށް އިންތިހާބު ބާއްވަން ޖެހުމުން އެފަހަރު ނޮވެމްބަރު 11ގައި އާ ރައީސަށް ހުވާ ކުރެވޭ ގޮތެއް ނުވި އެވެ. ސުޕްރީމް ކޯޓުން ހުކުމް ކުރީ އޭރުގެ ރައީސް ވަހީދުގެ ދައުރާއި ރައީސް ހުވާ ކުރައްވަންދެން ދެމިގެންދާނެ ކަމަށެވެ. އަލުން އިންތިހާބު ބާއްވައި ރައީސް ޔާމީން ހުވާ ކުރެއްވީ ނޮވެމްބަރު 17ގަ އެވެ.

ސްޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރައީސް ޔާމީން ހުވާ ކުރެއްވިތާ ފަސް އަހަރު ހަމަވާނީ މި އަހަރުގެ ނޮވެމްބަރު 16ގައި ކަމަށްވާ އިރު، އިންތިހާބީ ރައީސް އިބޫ ހުވާ ކުރުން ގާނޫނީ ގޮތުން އެންމެ އެކަށީގެން ވަނީ ނޮވެމްބަރު 11ގައި ތޯ ނުވަތަ ނޮވެމްބަރު 17ގައި ތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ނޮވެމްބަރު 17ގައި ކަމަށް ބުނާ ސަބަބު

އިބޫ ނޮވެމްބަރު 17ގައި ހުވާ ކުރަން ޖެހޭ ކަމަށް ބުނާ ފަރާތްތަކުން އެހެން ބުނަމުން ދަނީ ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެވެ. އެ މާއްދާގައި ވާ އިބާރާތަކީ "ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ" މިއެވެ. އަދި ގާނޫނު އަސާސީގައި ބުނާ ގޮތުން ގާނޫނު އަސާސީގައި ވާ އުމުރުތަކާއި ތާރީހުތައް ބަލަން ޖެހޭނީ މީލާދީ ކަލަންޑަރުންނެވެ. ވީމާ ހިޖުރީ ގޮތުން ފަސް އަހަރު ވުމުގެ މާނައެއް ވެސް ނެގޭކަށް ނެތެވެ.

ރައީސް ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އެހެން ކަމުން އެމަނިކުފާނުގެ ފަސް އަހަރު ނިމޭނެ ކަމަަށް ބައެއް ފަރާތްތަކުން ދެކެނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

މި މަހުގެ 22 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިކަމަށް ބާރުލައި ވާހަކަފުޅު ދައްކަވައިފަ އެވެ.

ޕީޕީއެމުން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން

"ގާނޫނު އަސާސީގައި ނޯވޭ ވަކި ތާރީހެއްގައޭ ހުވާކުރަން ޖެހޭނީ، ގާނޫނު އަސާސީގައި އޮންނަނީ ރިޔާސީ ދައުރެއްގެ މުއްދަތު، އެއީ ފަސް އަހަރޭ،" އެ ދުވަހު އަދުރޭ ވިދާޅުވި އެވެ.

ނޮވެމްބަރު 11ގައި ކަމަށް ބުނާ ސަބަބުތައް!

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންއިން އިޢުލާނުކުރީ، 2008 ވަނަ އަހަރު ފެށުނު ރިޔާސީ ދައުރު 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ހަމަވާކަމަށް ބަލައިގެންނެވެ. އެ އަހަރު ފުރަތަމަ އިންތިހާބު ބާތިލުކޮށް ދެވަނަ އިންތިހާބުގެ ނަތީޖާ އިއުލާނު ކުރެވުނު އިރު، އެ އިޢުލާނުގައި ވެސް ބުނެފައި އޮތީ "11 ނޮވެމްބަރު 2013 ގައި ފެށުނު ދައުރަށް" ޔާމީން އަބްދުލް ގައްޔޫމް އިންތިހާބުވެފައިވާ ކަމަށެެވެ. އެހެން ކަމުން އެމަނިކުފާނުގެ ދައުރު ނިމޭނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަށް ކަމަށާއި އިބޫއަށް އޭގެ އަނެއް ދުވަހު ހުވާ ކުރެއްވޭނެ ކަމަށް ބައެއް ގާނޫނީ މާހިރުން ދެކެ އެވެ.

މިކަމަށް ބާރުދީ 27 ސެޕްޓެންބަރުގައި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ވެސް ވަނީ ޓްވީޓު ކުރައްވައިފަ އެވެ.

ttps://twitter.com/FuwadThowfeek/status/1045308508898390016

މީގެ އިތުރުން، 2014 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު އާންމު ކުރި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރަސްމީ ރިޕޯޓުގައި ވެސް ބުނެފައި އޮތީ 2013 ވަނަ އަހަރު ދެވަނަ ފަހަރަށް ބޭއްވި ރިޔާސީ އިންތިހާބަކީ އެ އަހަރުގެ 11 ނޮވެމްބަރުގައި ފެށޭ ދައުރަކަށް ރައީސަކު ހޮވުމަށް ބޭއްވުނު އިންތިހާބެއް ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރު އިންތިހާބު ލަސްވެ ރަައީސަކު ހުވާ ކުރުން ނޮވެމްބަރު 17 އަށް ލަސްވެގެން ދިޔައީ ޙާލަތުއްޟަރޫރާގެ ދަށުން ކަމަށް، އޭރު ހުރި ރައީސް ޑރ. ވަހީދުގެ ދައުރު ހަ ދުވަހަށް އިތުރު ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުން އެނގޭން އޮވެ އެވެ.

ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން "ސަން" އަށް ވިދާޅުވީ، ހާލަތުއްޟަރޫރާގެ ދަށުން އޭރު ސުޕްރީމް ކޯޓުން ހަ ދުވަސް ޑރ. ވަހީދުގެ ދައުރަށް އިތުރު ކުރީ ރައީސް ޔާމީންގެ ދައުރުން ހަ ދުވަސް އުނި ކުރުމަށް ފަހު ކަމަށެވެ.

"ރައީސް ޔާމީން ކުރިމަތިލެއްވީ 11 ނޮވެމްބަރު 2018 ގައި ދައުރު ހަމަވާ އިންތިހާބަކަށް. ހުށަހަޅާފައިވާ ފޯމުގައި ވެސް އޮންނާނީ 11 ނޮވެމްބަރު 2013 އިން 11 ނޮވެމްބަރު 2018 އަށް، އެ މުއްދަތަށް. އެހެންވީމާ ފޯމުލާނީ ވެސް އެގޮތަށް، ފޯމު ބަލައިގަންނާނީ ވެސް އެގޮތަށް. އިންތިހާބު ބޭއްވީ ވެސް އެގޮތަށް ބަލައިގެން. އެހެންވީމަ ހާލަތުއްޟަރޫރާގެ ދަށުން ޔާމީންގެ އެ ދައުރުގެ ތެރެއިން ސުޕްރީމް ކޯޓުން ނަގާފައި ވަހީދުއަށް ހަވާލު ކުރި ހަ ދުވަސް އެއީ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން ވެސް ވަނީ އިންތިހާބީ ރައީސް ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ ނޮވެމްބަރު 11ގައި ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވައިފަ އެވެ. ނަމަވެސް އޭނާ ކަނޑައެޅިގެން ރައުޔެއް ހާމައެއް ނުކުރައްވައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން

އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާއިޒް ވިދާޅުވީ ގާނޫނު އަސާސީގެ 301 ވަނަ މާއްދާއާ 107 ވަނަ މާއްދާ ގުޅުވާލައިގެން ބަލާނަމަ ދޭހަވަނީ، ކޮންމެ ފަސް އަހަރަކުން ރިޔާސީ ދައުރު ހަމަ ވާނީ ނޮވެމްބަރު 11ގައި ކަމަށާއި އަދި ދައުރު ނިމޭނީ ވެސް ނޮވެމްބަރު 11ގައި ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވޭ ކޮންމެ މީހަކަށް އެމީހަކު ހުވާ ކުރާ ތާރީޚުން ފެށިގެން ފަސް އަހަރުގެ ދައުރެއް ލިބުން ލާޒިމުނޫންކަން ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ (ށ) އަދި 125 ވަނަ މާއްދާގެ (ނ) އިން އެނގެން އޮންނަ ކަމަށް ފާއިޒް ވިދާޅުވި އެވެ.

ސަތޭކަ ހަތް ވަނަ މާއްދާގެ (ށ) އިން ދޭހަ ވަނީ، ހިނގަމުންދާ ރިޔާސީ ދައުރެއްގައި އެއްވެސް ސަބަަބަކާ ހުރެ ރައީސް ކަމުގެ މަގާމް ހުސްވެ އެ މަގާމަށް ނައިބު ރައީސް ހަވާލު ވެއްޖެ ހިނދެއްގައި، މަގާމުން ފޭބި ރައީސް މަގާމުގައި ހުރީ ތިން އަހަރު ކަމުގައި ވިޔަސް އޭނާ ދައުރެއް ފުރިހަމަ ކުރި ކަމަށް ބެލެވޭނެ ކަމަށެވެ. އަދި 125 ވަނަ މާއްދާގެ (ނ) އިން އެނގެނީ ހިނގަމުންދާ ރިޔާސީ ދައުރެއްގެ ތެރެއިން ރިޔާސީ އިންތިހާބެއް ބާއްވަން ޖެހުނު ނަމަވެސް، އެ އިންތިހާބުން އިންތިހާބުވާ ރައީސާއި ނައިބު ރައީސްގެ ދައުރު ހަމަވާނީ ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތު ހަމަވުމުން ކަމެވެ.

ފާއިޒް ވިދާޅުވި މި ދެ މާއްދާއިން އެނގެނީ ރިޔާސީ ދައުރަކީ ކަނޑައެޅިފައިވާ ހާއްސަ މުއްދަތެއް ނޫން ކަމާއި ހުވާ ކުރާ ދުވަހަކީ ދައުރު ގުނަން ފަށާ ދުވަސް ނޫން ކަމަށެވެ. ފާއިޒް އޭނާގެ ޕޯސްޓުގައި ވިދާޅުވީ ރައީސް ކަން މުންތަހަބު ރައީސާ ހަވާލު ކުރުމަކީ މަޖިލީހުގެ ޒިންމާއަކަށް ވާ އިރު، މަޖިލީހަށް ހުވާ ކުރާ ތާރީހު ކަނޑަނޭޅިއްޖެ ނަމަ ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފާ ހޯދިދާނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ޗެންބަރު އެތެރެ --- ފޮޓޯ/ ރައްޔިތުން މަޖިލިސް

އިބޫ ރައީސް ކަމުގެ ހުވާ ކުރައްވާނެ ދުވަހަކާ މެދު ގާނޫނީ ގިނަ ބަހުސްތަކެއް ކުރެވިފައިވާ އިރު، އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ނޮވެމްބަރު 11ގައި އިބޫ ހުވާ ކުރެއްވުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އެގޮތަށް ނިންމެވި ސަބަބެއް ކަމަށް އެ ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ، 2013 ވަނަ އަހަރު އިލެކްޝަން ކޮމިޝަނުން ނެރެފައިވާ އިއުލާންގައި ރައީސް އަބްދުﷲ ޔާމީންގެ ދައުރު ފެށިފައި ވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ބުނެފައިވާތީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ނިންމާފައިވާ އިރު ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި ބުނާ، ރައީސް ހުވާ ކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ ބާއްވާނެ ދުވަސް ކަނޑައެޅުމުގެ މަސައްކަތް މިއަދު މަޖިލީހުގައި ފަށާނެ އެވެ. އިބޫ ހުވާ ކުރައްވާނެ ދުވަހެއް ޔަގީންވާނީ މަޖިލީހުން އެކަމާ މެދު ގޮތެއް ނިންމީމަ އެވެ. އެ ނިންމުމަށް ގިނަ ބަޔަކު ތިބީ ކެތް މަދުވެފަ އެވެ.

comment ކޮމެންޓް