ރާޖަޕަކްސާ ލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވައިފި

މަހިންދަ ރާޖަޕަކްސަ -- ފޮޓޯ: އައްޒާމް އަމީން ޓްވިޓާ

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފިއެވެ. މިއަދާ ހަމަޔަށް މަގާމުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކޮށްފައިވަނީ ކުއްލި ގޮތަކަށެވެ.

ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާކުރައްވާފައިވަނީ އެގައުމުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެއްޕާޓީ އަދި ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ހިމެނޭ އިއްތިހާދު، ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ސަރުކާރު ކޯލިޝަނުން ވަކިވިތާ މާގިނައިރުތަކެއް ނުވަނީހެވެ. ޔޫޕީއެފްއޭ އިއްތިހާދުގެ ލީޑަރަކީ ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ކުމާރަތުންގައެވެ.

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އާ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ކޯލިޝަންއެއް ހައިދައި ގުޅިފައިވާ ވެރިކަމެއް ކުރަން އެއްބަސްވީ 2015 ވަނަ އަހަރުގެ އާންމު އިންތިހާބަށް ފަހުއެވެ.

ރަނިލްގެ ޕާޓީ އާއި ސިރިސޭނާގެ ޕާޓީއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ސިރިސޭނާގެ ޕާޓީއަށް ނިސްބަތްވާ ޕާލިމެންޓޭރިއަނުން ވަނީ ރަނިލްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ވޯޓުން ވިކްރަމަސިންހަ ވަނީ ސަލާމަތްވެވަޑައިގެންފައެވެ.

comment ކޮމެންޓް