އާސިއާން އެކްސްޕޯގައި ރާއްޖެ އިޝްތިހާރުކޮށްފި

ޗައިނާގެ ގުއިލިންގައި ކުރިއަށްގެންދާ ޗައިނާ އާސިއާން އެކްސްޕޯ ޓުއަރިޒަމް އެގްޒިބިޝަން 2018 ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއަދުން ފެށިގެން މިމަހުގެ 28 އަށް ކުރިއަށްގެންދާ ފަތުރުވެރިކަމުގެ މި ފެއާގައި ރާއްޖެ ތަމްސީލުކުރަނީ އެމްއެމްޕީއާރްސީ އިންނެވެ. މި ފެއާގައި ރާއްޖެ ތަމްސީލުކޮށް އެމްއެމްޕީއާރްސީ އިން ޗައިނާގެ ގުއަންޖީ ސަރަހައްދުގެ އެންމެ އިސް އޮޕަރޭޓަރުންނާއި، މީޑިޔާތަކާ ބައްލުކުރާނެއެވެ.

މި ފެއާއަށް ޒިޔާރަތްކުރާ މީހުންގެތެރެއިން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ މީހުންނަށް ވާޗުއަލް ރިއަލިޓީ ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތައް ބަލާލުމުގެ ފުރުސަތު ދޭނެކަމަށާއި މީގެއިތުރުން ދިވެހި ކާނާގެ ރަހަތައް ބަލާލުމުގެ ފުރުސަތު ހޯދަދިނުމުގެ ގޮތުން ތެލުލި ބަނބުކެޔޮ، ތެލުލި އަލަ، ކުޅި ކާޖާ، އަދި އައްޑޫ ބޮނޑި ފަދަ ދިވެހި ލުއިކާނާ ރަހަބަލާލަން ލިބެން ހުންނާނެކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ. އަދި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށް ސެލްފީއެއް ނަގައި ޗައިނާގެ އެންމެ މަޝްހޫރު އެއް ސޯޝަލް މީޑިޔާ ޕްލެޓްފޯމް ވެއިބޯގައި ޕޯސްޓްކުރުމުން، ހާއްސަހަދިޔާއެއް ދޭނެކަމަށްވެސް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

މި ފެއާރގައި ކުރިއަށްދާ ބީޓުބީ ސެޝަންތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އަދި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ދާއިރާގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުންނާ ބައްދަލުކުރާނެއެވެ.

ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރީން ޒިޔާރަތްކުރާ ގައުމެވެ. މި ފެއާއާއެކު އެގައުމުގައި ރާއްޖެ އިތުރަށް އިޝްތިހާރުވެ، ޗައިނާ އިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޗައިނާއިން 222108 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.

comment ކޮމެންޓް