އިންޓަ ބަލިކޮށް ބާސާ ދެވަނަ ބުރާ ގާތަށް ޖެހިލައިފި

ރޭ ބާސާއާ އިންޓަ ބައްދަލު ކުރި މެޗުގެ ތެރެއިން-- -

ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ބާސެލޯނާއިން އިންޓަމިލާންގެ މައްޗަށް ކުރި ހޯދައި ދެވަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.

ރޭގެ މެޗު ބާސާއިން ކާމިޔާބު ކުރީ 2-0ގެ ނަތީޖާއިންނެވެ. އަތަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެ މެޗުގައި ބާސާގެ ތަރި ލައޮނަލް މެސީ ނުކުޅެ އެވެ.

ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ބާސާއިންނެވެ. ބާސާއިން އުފެއްދި ގިނަ ހަމަލާތައް އިންޓަގެ ގޯލް ކީޕަރު ސަމީރް ހެންޑަނޮވިޗް ވަނީ މަތަކޮށްފަ އެވެ.

ރޭގެ މެޗުގައި ބާސާގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ ރަފީނިއާ އެވެ. މެޗުގެ 32 ވަނަ މިނެޓުގައި އޭނާ އެ ގޯލު ކާމިޔާބު ކުރީ ލުއިސް ސުއާރޭސް އަރިމަތިން ނެގި ހިތްގައިމު ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ބާސާގެ ދެވަނަ ގޯލު ކާމިޔާބު ކުރީ ޖޯޑީ އަލްބާ އެވެ. އެ ގޯލަކީ މެދު ތެރެއިން އިވާން ރަކިޓިޗް ދިން ޕާހެއްގެ ބޭނުން ހިފައިގެން އޭނާ ކާމިޔާބު ކުރި ގޯލެކެވެ.

ރޭ ބާސާއިން ތިން ޕޮއިންޓު ހޯދާފައިވާ އިރު އެ ގްރޫޕުގައި ދެން ހިމެނޭ ޓޮޓެންހަމް ވަނީ ޕީއެސްވީ އަތުން އެއްވަރުވެ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. އެ މެޗު އެއްވަރުވީ 2-2ގެ ނަތީޖާއިންނެވެ.

އެ މެޗުގައި ފުރަތަމަ ގޯލު ކާމިޔާބު ކުރީ ޕީއެސްވ އިންނެވެ. ނަމަވެސް އެ މެޗުން މޮޅުވާން މަޖުބޫރުވެފައި އޮތުމުން ޓޮޓެންހަމް ވަނީ ފަހަތުން އަރައި ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. ޕީއެސްވީއިން ނަތީޖާ އެއްވަރު ކުރީ ޓޮޓެންހަމްގެ ކީޕަރު ލޮރިސްއަށް ރަތް ކާޑެއް ދެއްކުމުން އެކަމުގެ ފައިދާ ނަގައިގެންނެވެ.

އެ ނަތީޖާއާއެކު ބާސާ އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު ގްރޫޕުގެ އެއްވަނައިގަ އެވެ. ދެވަނާގައި ހަ ޕޮއިންޓާ އެކު އިންޓަ އޮތް އިރު ޓޮޓެންހަމް ތިންވަނައިގައި އޮތީ އެންމެ ޕޮއިންޓަކާ އެކު އެވެ. ގްރޫޕުގެ ފުލުގައި ޕީއެސްވީ އޮތީ ހަމަ އެ އަދަދަށް ޕޮއިންޓު ލިބުނު ނަމަވެސް ގޯލުގެ ތަފާތުންނެވެ.

comment ކޮމެންޓް