އެކައުންޓުގެ މައުލޫމާތު ހޯދަން ބީއެމްއެލް އިން މެއިލްއެއް ނުކުރާނެ

ކަސްޓަމަރުންގެ އެކައުންޓުގެ މައުލޫމާތު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އީ މެއިލް ނުފޮނުވާނެކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން މިހެން ބުނެފައިވަނީ އެކައުންޓުގެ މައުލޫމާތު ހިއްސާކުރަން އެދި އެ ބޭންކުގެ ބައެއް ކަސްޓަމަރުންނަށް ފޭކު އީމެއިލް ފޮނުވަމުންދާ މަައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

ބީއެމްއެލް އިން ބުނީ އޮޅުވާލައިގެން އެކި ތަންތަނުގެ ނަމުގައި އެކި ފަރާތްތަކުގެ އިންޓަރނެޓް ބޭންކިންގ، ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދަމުން އައުމަކީ މިހާރަކަށް އައިސް މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑަށް ފެތުރެމުން އަންނަ ކަމެއް ކަމަށެވެ. މިގޮތުން ފޯން ކޯލް، އީމެއިލް އަދި އެސްއެމްއެސްގެ މެދުވެރިކޮށް ބައެއް ފަރާތްތަކަށް އޮޅުވާލައިގެން އެކައުންޓް ނުވަތަ ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދާކަމަށް އެ ބޭންކުން ބުނެއެވެ. .ބީއެމްއެލް އިން ބުނީ ސައްހަ ނޫން ވެބްސައިޓް ނުވަތަ އެފަދަ ވެބްސައިޓްތަކުގެ ލިންކްވެސް މިފަދަ މަޢުލޫމާތު ހޯދުމަށްޓަކައި ބޭނުންކުރާ ކަމަށެވެ.

މިފަދަ ކަންތަކަށް ބޭންކުގެ ކަސްޓަމަރުން ސަމާލުވުމަށާއި ކައުންޓް ، އިންޓަރނެޓް ބޭންކިންގް ޔޫސަރނޭމް އަދި ޕާސްވޯޑް، ކާޑު އަދި ޕިންގެ މަޢުލޫމާތު ކާކުކަން ނޭނގޭ އެއްވެސް ފަރާތަކާ ޙިއްސާ ނުކުރުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ބީއެމްއެލްގެ ނަމުގައްޔާއި އެހެނިހެން ބައެއް އިދާރާތަކުގެ ނަމުގައި ކަސްޓަމަރުންނަށް އީމެއިލް ލިބެމުންދާކަން ކަސްޓަމަރުންވެސް ފާހަގަކޮށްފައިވާކަމަށާއި ކަސްޓަރަމުންގެ އަމިއްލަ މައުލޫމާތު މައުލޫމާތު އޮޅުން ފިލުވުމަށް ބީއެމްއެލް އިން އެއްވެސް ކަސްޓަމަރަކަށް އީމެއިލް ނުފޮނުވާނެ ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން މީގެ ކުރީންވެސް ވަނީ، ބޭންކުގެ ކަސްޓަމަރުންނަށް އޮޅުވާލުމަށްޓަކައި މިފަދަ ތަފާތު އަމަލުތައް ފޯނާއި އިންޓަނެޓް މެދުވެރިކޮށް ހިންގަމުން ދާކަމަށާއި އެފަދަ ކަންކަމަށް ކަސްޓަމަރުން ހޭލުންތެރިކުރުވުމަށް މަސައްކަތް ފަށައިފައެވެ.

comment ކޮމެންޓް