ކެއުމަށް ބަދަލު ގެނެސްގެން ހަކުރުބައްޔަށް ދާއިމީ ހައްލެއް ހޯދިދާނެކަމުގެ އުންމީދު

ބައެއް ކަހަލަ ކާނާ ނުހިމެނޭ ލޯކެލަރީ ޑައެޓަކަށް ކެއުން ބަދަލުކޮށް ހަކުރު ބައްޔަށް ދާއިމީ ހައްލެއް ހޯދިދާނެ ކަމަށް ދިރާސާވެރީން ބުނޭ --

ހަކުރުބައްޔަކީ ލޭގެ ތެރޭގައި ހަކުރު ހުންނަ މިންވަރު ހަމަ މިނުގައި ހިފަހައްޓައިދޭ މާއްދާ ކަމުގައިވާ އިންސިއުލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުގެ ސަބަބުން ނުވަތަ އިންސިއުލިންއަށް ހަށިގަނޑު އިޖާބަ ނުދިނުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހަކުރުބަލި ޖެހުމުން، ލޭގެ ތެރޭގައި ހަކުރު ހުންނަ މިންވަރު ހަމަ މިނުން ކައްސައިލައެވެ.

ލޭގެ ތެރޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، ލޮލަށް ގެއްލުންވެ ލޯ ފުސްވުމާއި، ފައި ހަލާކުވުމާއި، ޒަހަމްވާ ތަންތަން ފަސޭހަ ނުވެ ގިނަ ދުވަސްވުމާއި، ހަމުގެ ތަފާތު އެކި ބަލިބަލި ޖެހުމާއި، ހަށިގަނޑުގެ ލޭ ހޮޅިތަކަށް ގެއްލުންވުމާއި، އިހުސާސް ނާރުތަކަށް ގެއްލުންވެ އައްސިވުން ފަދަ ކަންކަމުގެ އިތުރުން ގުރުދާއާއި ހިތާއި އަދި މި ނޫންވެސް ނާޒުކު އެތައް ގުނަވަނެއް މަޑުމަޑުން ބަލިކަށިވަމުން ބަލިކަށިވަމުން ގޮސް ފެއިލްވާ ތަން އާދެއެވެ.

ހަކުރުބަލި ޖެހިފައިވާކަން އެނގުމަކީ ކޮންމެ މީހަކަށް ވެސް މިސަބަބުތަކާ ހުރެ ވަރަށް ބޮޑު ނުތަނަވަސް ކަމެއް ކުރިމަތި ކުރުވާ ކަމެކެވެ. އަދި ހަކުރުބަލި ޖެހިފައިވާ މީހެއްގެ ގޮތުގައި ދިރިއުޅުން ވޭތު ކުރުމަކީ ގިނަ މީހުންނަށް ފަސޭހަ ކަމެއް ވެސް ނޫނެވެ.

ހަކުރު ހުރި މިންވަރު ބަލާން އާންމުކޮށް ހަދާން ޖެހޭ ލޭގެ ޓެސްޓުތަކާއި، އިންސިއުލިން އިންޖެކްޝަން ޖެހުމާއި، ބޭސް ކެއުމަކީ ދާއިމީ ގޮތެއްގައި ކުރާކަށް ފަސޭހަ ކަންކަމެއް ނޫނެވެ. އެހެންކަމުން ހަކުރުބައްޔަށް ދާއިމީ ހައްލެއް ލިބޭނެ ގޮތެއް އޮތް ކަމަށް ވާ ނަމަ، އެ ގޮތް ދެނެގަންނާން ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ.

ހަކުރުބަލީގެ ވައްތަރުތަކުގެ ތެރެއިން ޓައިޕް 1 ޑައިބެޓީސް ޖެހިފައިވާ މީހުންނަށް ވެސް ފައިދާހުރި، އަދި ޓައިޕް 2 ޑައިބެޓީސް ޖެހިފައިވާ މީހުންނަށް އޭގެ ސަބަބުން ދާއިމީ ހައްލެއް ހޯދިދާނެ ޑައެޓެއް ހޯދިއްޖެ ކަމުގައި ދިރާސާވެރީން ބުނާން ފެށުމަކީ ހަކުރުބަލީގެ ވޭން ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް އޮތް އުފާވެރި ހަބަރެކެވެ.

ހަކުރުބައްޔަށް ދާއިމީ ހައްލެއް ހޯދުމަށް ކާން ޖެހެނީ ދުވާލަކު 750 ކެލޮރީޒްއަށް ވުރެ މަތި ނޫން ޑައެޓެކެވެ. އެހެންނަމަވެސް މި 750 ކެލޮރީޒް ތެރޭގައި ވެސް، ފުރަތަމަ 3 މަސް ދުވަހު އެއްގޮތަކަށްވެސް ބޭނުންކޮށްގެން ނުވާނެ ބައެއް ތަކެތި ދިރާސާވެރީން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ކުރުކޮށް ބުނާ ނަމަ، މި ޑައެޓުގައި ހިމެނެނީ ތަރުކާރީއާއި ބިހާއި މަހެވެ. މި ގޮތުން މި ޑައެޓުގައި ހިމެނޭނީ ހަމައެކަނި މަހުގެ ބާވަތްތަކާއި، ބިހާއި، ބްރޮކޮލީއާއި، ކޮލިފްލާވާއާއި، އެސްޕަރަގަސްއާއި، މަޝްރޫމާއި، ކޮޕީފަތާއި، ކިއުކަންބާއާއި، ލެޓިއުސްއާއި، ސެލެރީއާއި، ޓޮމާޓޯއާއި، ލުނބޯއާއި، ފިޔާއާއި، ބަށީގެ އިތުރުން ކެބެޖާއި، ބޯވެލިފަތާއި، ކަންކުންފަތާއި، ރެޑިޝްއާއި، ބާމިޔާތޮޅިއާއި، ލޮނުމެދާއި، ބެސިލްއާއި، އޯބަތާއި، ހިކަނދިފަތާއި، ލޮނުމެދާއި، ޒައިތޫނިތެލާއި ފެނެވެ.

ތޫތުފަތުގެ ސަޔާއި، އަނބުފަތުގެ ސައި ބޭނުން ކުރުމުން ނަތީޖާ އިތުރަށް ރަނގަޅުވާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ހިތިފަތް ވެސް ބޭނުން ކުރެވޭނެއެވެ. ހިތިފަތަކީ ހަކުރުބަލީގެ މީހުންނަށް ފައިދާ ހުރި ފަތެއް ކަން ދިރާސާތަކުން ދައްކައެވެ.

ހަކުރު ބައްޔަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި މި ހާއްސަ ޑައެޓަށް ކެއިންބުއިން ބަދަލު ކުރުމަށް ފަހު، ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި، ތަރުކާރީގެ ތެރެއިން ވެސް މި ލިސްޓުގައި ނެތް އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެއެވެ.

ޒައިތޫނިތެޔޮ ބޭނުންކުރުމުގެ ހުއްދަ އޮތް ނަމަވެސް، ބޮކިޖަހާ ގަދަ ހޫނުގައި ތެލުލައިގެން އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެއެވެ.

ހަކުރާއި އަދި އެނޫންވެސް ކާބޯތަކެތީގައި ފޮނި ރަހަ ލައްވާން ބޭނުންކުރާ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެއެވެ. މިގޮތުން ހަކުރުބަލީގެ މީހުންނަށް ބޭނުންކުރެވޭ ކަމަށް ލޭބަލްކޮށްފައި ހުންނަ އާޓިފިޝަލް ސްވީޓްނާއެއް ވެސް ބޭނުންކޮށްގެން ނުވާނެއެވެ. ހަމައެހެންމެ މޭވާއާއި މޭވާ ޖޫސް ވެސް މި މުއްދަތުގެ ތެރޭގައި ބޭނުންކޮށްގެން ނުވާނެއެވެ. އަދި ކިރާއި ކިރުން އުފައްދާ އެއްވެސް ބާވަތެއްގެ ކާނާ ވެސް ބޭނުންކޮށްގެން ނުވާނެއެވެ.

މި ޑައެޓުގެ މުއްދަތުގެ ތެރޭގައި ހަށިގަނޑުގެ ބަރުދަނުން 7-15 ކިލޯ ވަރު ލުއި ކުރުމަކީ އެދެވިގެންވާ ކަމެކެވެ. މިކަމަށް ޓަކައި ކަސްރަތުކުރުން މުހިންމެވެ.

މި ގޮތަށް ކެއިންބުއިމުގެ އާދަތައް ބަދަލުކޮށްލުމުން، ފުރަތަމަ ތިން ހަތަރު ދުވަހު ވަރަށް ބޮޑަށް ބަނޑުހައިވުމާއި ވަރުބަލިކަން އިހުސާސް ކުރެވުނު ނަމަވެސް، ފަސް ވަރަކަށް ދުވަހުން މި ޑައެޓަށް ރަނގަޅަށް ހަށިގަނޑު ހޭނޭނެއެވެ. އަދި ހަކުރު ބަލީގެ ސަބަބުން ކުރިމަތިވެފައި ހުރި ގިނަ އުނދަގޫތައް ބާރަ ދުވަސްވާއިރު ހަމަޔަކަށް އެޅެއެވެ.

މި ޑައެޓުގައި ތިންމަސް ވުމަށް ފަހު، ލޭގެ ޓެސްޓްތައް ހައްދައި ނަތީޖާއަށް އައިސްފައިވާ ބަދަލަށް ރިއާޔަތްކޮށް، މަތީގައިވާ ލިސްޓުގައި ނެތް ތަރުކާރީގެ ބާވަތްތައް ވެސް ބޭނުން ކުރާން ފެށޭނެއެވެ. އެހެންނަމަވެސް މި ތަކެތިވެސް ހިމަނާން ޖެހޭނީ ދުވާލަކު 750 ކެލޮރީޒްއަށް ވުރެ މަތި ނުވާ ގޮތަށެވެ.

މޭވާގެ ބާވަތްތަކާއި، އާޓާފުށާއި، ބްރައުން ރައިސް ބޭނުން ކުރާން ހުއްދަ ލިބޭނީ އިތުރު ހަ މަސް ދުވަހުގެ މުއްދަތަކަށް ފަހުގައެވެ.

ހުދުފުށާއި، ދޯބުރާލި ހަކުރާއި، ގިނަދުވަހު ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ކިރުގެ ބާވަތްތަކާއި، ޕެކެޓާއި ދަޅާއި ފުޅީގައި ބަންދުކޮށްފައި ހުންނަ ކާނާގެ ބާވަތްތަކާއި، ޕާމްއޮއިލްއާއި ވެޖެޓެބަލްއޮއިލް ފަދަ ތަކެތި، އެއީ މުޅި އުމުރަށް ވެސް ކެއުމުގެ ތެރޭގައި ބޭނުންކޮށްގެން ނުވާނެ ބާވަތްތަކެވެ.

comment ކޮމެންޓް