ބޭކާރު މައްސަލައެއް ސުޕްރީމް ކޯޓުން ބަލައިގަތުމަކީ ދެރަ ކަމެއް: ހިސާން

އޮކްޓޯބަރ 21، 2018: ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން، ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ: ރިޔާސީ އިންތިޚާބު ބާތިލު ކުރަން ނުޖެހޭ ކަމަށް ސުޕްރީމު ކޯޓުން ވަނީ ހުކުމް ކޮށްފައި -- ސަން ފޮޓޯ// ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި އިންތިހާބާ ބެހޭ މައްސަލަ ފަދަ ބޭކާރު މައްސަލައެއް ސުޕްރީމް ކޯޓުން ބަލައިގަނެ ރައްޔިތުންގެ އިހުސާސްތަކާ ކުޅުމަކީ ދެރަ ކަމެއް ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ނިންމައި އިންތިހާބު ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.

އެމައްސަލައިގައި ކަން ހިނގައި ދިޔަ ގޮތާ ބެހޭގޮތުން ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ކޯލިޝަނުގެ ފަރާތުން މައްސަލައިގައި ވަކާލާތު ކުރެއްވި ހިސާން ވިދާޅުވީ، އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ބަލައިގަނެގެންވާނެ މައްސަލައެއްވެސް ނޫން ކަމަށެވެ.

" ހަގީގަތުގައި މިއީ ވަރަށް ދެރަ ކަމެއް. މުޅި ރައްޔިތުންނާ ގުޅުން ހުރި މިހާބޮޑު މައްސަލައެއްގައި ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަންދެން ރައްޔިތުން މިގޮތަށް މާޔޫސްކަން މަތީގައި މި ތިބެން ޖެހުނީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މިކަހަލަ ބޭކާރު މައްސަލައެއް ބަލައިގަނެގެން ކުރިއަށް ގެންދެވީމަ،" ހިސާން ވިދާޅުވި އެވެ.

އިބްތިދާއީ އަޑުއެހުމެއް ބޭއްވުމަށް ފަހު މައްސަލަ ބަލައިގަތުމަކީ ސުޕްރީމް ކޯޓުން އަމަލު ކުރާ އުސޫލެއްކަން ފާހަގަކޮށް ހިސާން ވިދާޅުވީ އިންތިހާބީ މައްސަލަ ބަލައިގަތުމުގައި އެ އިޖުރާއަތު ސުޕްރީމް ކޯޓުން ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ.

އަދި އެ މައްސަލަ ނިންމައި ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން މައްސަލަ ބަލައިގަތީ ހުށަހެޅި މައްސަލަ ސާބިތުކުރަން އެއްވެސް ހެތްކެއް ހުށަނާޅަނީސް ކަން އެނގިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

" ދުނިޔޭގެ އެއްވެސް ކޯޓަކުން މި ސްޓޭންޑަޑަށް އޮތް މައްސަލައެއް މިއީ ބަލައިގަނެ ކުރިއަށް ގެންދާނެ މައްސަލައެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާ ގައުމެއްގެ ސުޕްރީމް ކޯޓަކަށް މައްސަލައެއް ހުށަހަޅުއްވާއިރު އެއަށްވުރެ ތަންކޮޅެއް ހަރުދަނާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް މައްސަލަ ހުށަހަޅުއްވަން ޖެހޭ ކަމަށެވެ.

އިންތިހާބާ ބެހޭ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބުނީ، ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށެވެ. އަދި އިންތިހާބު ބާތިލުކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށާއި މައްސަލަ ހުށަހެޅި ފަރާތުން އެކަށީގެންވާ ގާނޫނީ އަސާސްތަކެއް އަދި ގަރީނާއެއް ދައްކާފައި ނުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

comment ކޮމެންޓް