ބިން ސަލްމާން ދެކެނީ ހުޅަނގުން އޭނާއާ ދެކޮޅަށް އިންގިލާބެއް ގެންނަން މަސައްކަތްކުރާ ކަމަށް

ރިޔާޟް (އޮކްޓޯބަރ 22): ހުޅަނގުން އޭނާ މަގާމުން ދުރުކުރަން މަސައްކަތް ކުރާކަމުގެ ޝަކުވާ، ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖަރެޑް ކުޝްނާގެ އަރިހުގައި ކުރައްވައިފިއެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ "ވޯލްސްޓްރީޓް ޖޯނަލް" ބުނާގޮތުން އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސުލޭޓްގައި އަވަހާރަކޮށްލި ސައޫދީ ލިޔުންތެރިޔާ ޖަމާލް އަލްޚާޝުގްޖީގެ މަރާގުޅިގެން ހުޅަނގުން ސައޫދީއަށް ކުރިމަތިކުރާ ފިއްތުންތަކަކީ ސައޫދީ ވަލީއުލްއަހްދު ކަމުގެ މަގާމުން މުހައްމަދު ބިން ސަލްމާން ދުރުކޮށް އޭނާއާ ދެކޮޅަށް އިންގިލާބެއް ގެނައުމަށް ހުޅަނގުން ކުރާ މަސައްކަތެއްކަތެއްކަމަށް ވިދާޅުވެ ބިން ސަލްމާން ވަނީ ޖަރެޑް ކުޝްނާއާ ފޯނުން ގުޅުއްވައި ޝަކުވާ ކުރައްވާފައެވެ.

"ވޯލްސްޓްރީޓް ޖާނަލް" ބުނާގޮތުން ބިން ސަލްމާން ޖަރެޑް ކުޝްނާއާ ފޯނުން ގުޅުއްވައި ކުރެއްވި ޝަކުވާތަކުގައި އޭނާއާ ދެކޮޅަށް އިންގިލާބެއް ގެނައުމަށް ހުޅަނގުން ކުރި މަސައްކަތްތައް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ވިދާޅުވިއެވެ. އަދި ހުޅަނގަށް އެހާ އިޚްލާސްތެރިވިއިރުވެސް އެކަމަށް ރިޢާޔަތްނުކޮށް އޭނާއާ ދެކޮޅަށް އިންގިލާބެއް ގެނައުމަށް ހުޅަނގުން މަސައްކަތްކުރުމުން މާޔޫސްވެ ވަޑައިގެންނެވި ކަމަށާ އަދި އެކަން ބަލައިނުގަންނާނެކަންވެސް ކުޝްނާއަށް ބިންސަލްމާން ދެންނެވި ކަމަށް އެނޫސް ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޚާޝުގްޖީގެ މަރުގެ މައްސަލާގައި އެކިފަހަރު އެކިގޮތަށް ބަޔާންތައް ދެއްވާފައެވެ. އެމައްސަލާގައި ޓްރަމްޕް އެއްފަހަރު ސައޫދީ ސަރުކާރު ކުށްވެރި ކުރައްވާއިރު އަނެއްބައި ފަހަރު ގެންދަނީ ސައޫދީ ސަރުކާރަށް ތާރީފް ކުރައްވަމުންނެވެ. އަދި ސައޫދީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްއަޅާނެ ކަމުގެ އިންޒާރު ބައެއްފަހަރު ދެއްވާއިރު އަނެއްބައިފަހަރު ޓްރަމްޕް ވަނީ ފިޔަވަޅު އެޅުމުން ސައޫދީ އަށްވުރެ ބޮޑަށް ގެއްލުން ލިބޭނީ އެމެރިކާ ކަމަށް ވިދާޅުވެ އެމެރިކާގެ ހަތިޔާރުގެ ވިޔަފާރީގެ މަސްލަހަތު ހިމާޔަތް ކުރައްވައި ވާހަކަ ދައްކަވާފައެވެ.

ޓްރަމްޕްގެ ދަނބިދަރިކަލުން ޖަރެޑް ކުޝްނާއަކީ ޒަޔަނިސްޓް ފިކުރުގެ ޔަހޫދީ އެކެވެ. އަދި އޭނާއަކީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންއާ ވަރަށް ގުޅުން ބޮޑު ބޭފުޅެއްވެސް މެއެވެ. އެމެރިކާގެ ނޫސްތަކުގައި ޝާއިޢުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ކުޝްނާވަނީ ޓްރަމްޕްގެ އާއިލާގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެތަށް ސަތޭކަމިލިޔަން ޑޮލަރެއް ބިން ސަލްމާންގެ އަތްޕުޅުން ހޯއްދަވާފައެވެ.

ސައޫދީ އާ މުއާމަލާތް ކުރުމުގައި ޓްރަމްޕްގެ ބަސްމަގު އެކިފަހަރު އެކިގޮތަށް ހުންނަނީ މިކަމުގެ ސަބަބުންކަމަށާ ސައޫދީއާ މެދު ހަރުކަށިނުވުމަށް ޓްރަމްޕަށް ބާރު އަޅުއްވަނީ ކުޝްނާ އާއި އެމެރިކާގައި ބާރުގަދަ ޔަހޫދީ ލޮބީ ޖަމާއަތްތަށް ކަމަށް އެރިޕޯޓްތައް ބުނެއެވެ.

ޚާޝުގްޖީގެ މަރުގެ މައްސަލައިގެ އެންމެ އަޑީގައި ހުންނެވި ކަމުގެ ތުހުމަތު ބިން ސަލްމާންގެ މައްޗަށް ކުރެވޭތީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ވެސް ކަންބޮޑުވެ ވަޑައިގެންފައިވާ ކަމަށް އިސްރާއީލުގެ މީޑީޔާ ބުނެއެވެ.

މިމައްސަލާގައި ސައޫދީއާ ދެކޮޅަށް އިސްރާއީލުން އެއްވެސް އެއްޗެއް ނުބުނެއެވެ. ގުދްސުގެ މައްސަލައާއި ފަލަސްތީނުގެ މައްސަލާގައި ސައޫދީން ކުރިން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ބަދަލުގައި އެކަންކަމާ އަޅާނުލައި އިސްރާއީލަށް ދޫދީ އަދި ފަރުދާގެ އަނެއް ފަރާތުން އިސްރާއީލާ ގާތްވުމުގެ ސިޔާސަތެއް މިފަހަކަށް އައިސް ސައޫދީން ގެންގުޅެން ފެށުމުން އިސްރާއީލުގެ މަސްއޫލުވެރިންނާއި އެމެރިކާގައި ބާރުގަދަ ޔަހޫދީ ލޮބީ ޖަމާއަތްތަކުންވަނީ ބިންސަލްމާންއަށް ތާރީފުކޮށް ބަޔާންތައް ދެއްވާފައެވެ.

(އެމެރިކާގެ ނޫސްތައް)

comment ކޮމެންޓް