ފެރީގައި ހުޅުމާލެއަށް ދިއުމުގެ ހިތްހަމަޖެހުން

ޖޫން 25، 2015: ހުޅުމާލެއަށް ދަތުރުފަތުރުކުރުމުގެ ނިޒާމު ތަރައްގީކޮށް ޒަމާނީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް އެމްޓީސީސީ އިން ބޭއްވި ރަސްމިއްޔާތު -- ސަންފޮޓޯ/ އަލީ ނަސީރު

ހުޅުމާލެއާއި މާލެއާ ދެމެދު ފާލަމެއް އެޅުމުގެ ކުރީން، ކޮންމެ ދުވަހަކު ފެރީގައި ދަތުރު ކުރުމަކީ ހުޅުމާލޭގައި ދިރިއުޅޭ ކޮންމެ މީހެއްގެ ދުވަހީ އާދައެކެވެ. އެ ނޫން އިހުތިޔާރެއް އެމީހުންނަކަށް ނޯވެއެވެ. މާލެ ދާން ބޭނުމިއްޔާ ޖެހެނީ ފެރީއަށް އަރާންށެވެ. އެހެންނަމަވެސް މި އާދައަށް މިހާރު މިވަނީ ބަދަލު އައިސްފައެވެ. ފެރީގައި ދަތުރު ކުރުމަކީ މިހާރަކު މަޖުބޫރު ކަމެއް ނޫނެވެ.

ތިމާއަށް އިތުރު ގޮތެއް ނެތިގެން ކުރާ ކަންކަމާއި ތިމާގެ އަމިއްލަ އިހުތިޔާރުގައި ކުރާ ކަންކަމާ ދެމެދު ވަރަށް ބޮޑު ތަފާތެއް ހުންނަ ކަމީ ނަފްސާނީ އިލްމުވެރީން އަބަދުވެސް ދައްކާ ވާހަކައެކެވެ. މި ވާހަކައިގެ ތެދުކަން މިހާރު ހުޅުމާލެއަށް ފެރީގައި ދަތުރެއް ކޮށްލުމުން ވަޒަން ކުރެވެއެވެ.

ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރު ކުރާން އޮތް ހަމައެކަނި ނިޒާމަކީ ފެރީގެ ނިޒާމު ކަމުގައި އޮތް ދުވަސްވަރު މާލެ އައިސް ގޮސް ހަދާ މީހުން ވަރަށް ބޮޑު ހާސްކަމެއް އިހުސާސް ކުރާން ޖެހެއެވެ.

ފެރީގައި ދެވޭނީ ފެރީ ދަތުރު އޮންނަ ގަޑީގައެވެ. އެހެންކަމުން ކުރިޔާލައި އެ ގަޑިޔަށް ތައްޔާރުވެގެން ފެރީ ގިމަތައަށް ދާން ޖެހެއެވެ. އަދި ބައެއް ފަހަރު ފެރީގެ އިންތިޒާރުގައި ހަދައިފައި އޮންނަ ދިގު ސަފުގެ ސަބަބުން އަރާން ދިޔަ ފެރީން ޖާގަ ނުލިބުމަކީ ވެސް ދިމާވާ ކަމެކެވެ. އެހެންކަމުން ފެރީއަށް އަރައިގެން ގަޑިޔަކަށް މާލެ އަންނަ، ނުވަތަ ހުޅުމާލެއަށް ދާން ޖެހޭ ނަމަ ހުންނާން ޖެހެނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ރޭގަނޑު ތަންކޮޅެއް ލަހުން މަސައްކަތް ނިމިގެން ދާ މަގުމަތީގައި ރައްޓެއްސަކާ ދިމާވިޔަސް "ފަހު ފެރީ" ކަޓައިފާނެތީ އަނގައިން ބުނެލަން މަޑުކޮށްލެވޭކަށް ނޯވެއެވެ.

އަމިއްލަ ސައިކަލެއް ހުރިއްޔާ ނުވަތަ ކާރެއް އޮތިއްޔާ މިހާރު ހާސްވާކަށް ނުޖެހޭނެއެވެ. އަދި ފެރީން ދާން ބޭނުން ނަމަ، އެ ފުރުސަތު ވެސް އެބަ އޮތެވެ. މިހާރު ފެރީގެ އިންތިޒާރުގައި ހަދައިފައި އޮންނަ ދިގު ސަފުތަކެއް ނޯވެއެވެ. އަދި މިހާރު ފެރީގައި ހުޅުމާލެއަށް ދާ މީހާ ދަނީ ފެރީގައި ދާން މަޖުބޫރު ވެގެންނެއް ނޫނެވެ. އަމިއްލަ އިހުތިޔާރުގައެވެ. މަޖުބޫރުވެގެން ކުރާން ޖެހޭތީ ކުރާ ކަމަކަށް ވުމުން ބޮލަށް ކުރާ ބާރެއް ވެސް މިހާރަކު ނުކުރެއެވެ.

ދިވެހީންނަކީ ކަނޑުމަގުން ދަތުރުކުރުމަށް ފަރިތަ ބައެކެވެ. އަދި އެކަމަށް ލޯބިވެސް ކުރާ ބައެކެވެ. މިހާރު އޮތް ފެރީގެ ނިޒާމުން، ކަނޑު ދަތުރެއް ކޮށްލުމުން އެލިބޭ އުފަލާއި ހިތްހަމަ ޖެހުން ކުރީން ނުލިބުނީ، މާލެއާ ހުޅުމާލެއާ ދެމެދު އޭރު އޮތް ފެރީގެ ނިޒާމު އާދަޔާ ޚިލާފަށް ކާރޫބާރޫ ބޮޑުވުމުންނެވެ. ނަމަވެސް މިހާރު އެދުވަސް މާޒީއާ އެކުވެ ގޮސްފިއެވެ. މިއަދު ބޭނުން ނަމަ އެއްގަމު މަގުވެސް އިޚްތިޔާރުކުރާންވީއެވެ. އެހެންކަމުން ކަނޑު މަޑު ދުވަސްދުވަހު ފެރީގައި ދަތުރުކޮށްލުމަކީ މިހާރު ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

comment ކޮމެންޓް