މިހާރު އޮތް އިލެކްޝަން ކޮމިޝަނުން ޕީޕީއެމްގެ ލީޑާޝިޕް ބަލައިނުގަތަސް ވަރިހަމަ: އަދުރޭ

ޕީޕީއެމުން މިރޭ ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން

ޕީޕީއެމުން ކޮންގްރެސް ބާއްވާފައިވަނީ އަސާސީ ގަވާއިދުގެ ތެރެއިން ކަމަށާއި މިހާރު އޮތް އިލެކްޝަން ކޮމިޝަނުން އެ ޕާޓީގެ ލީޑާޝިޕް ބަލައި ނުގަތް ނަމަވެސް ފަރުވާލެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ދެ ގޮތަކަށް ކޮންގްރެސް ބޭއްވޭނެ ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވާނެ ކަމަށާއި އެއީ އާންމު ކޮންގްރެސް އާއި ހާއްސަ ގޮތުން ބާއްވާ ކޮންގްރެސް ކަމަށެވެ. އަދި ހާއްސަ ގޮތުން ބާއްވާ ކޮންގްރެސްގައި އަމަލުކުރާނެ ވަކި ގޮތެއް އަސާސީ ގަވާއިދުގައި ނެތް ކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

ހާއްސަ ގޮތުން ބާއްވާ ކޮންގްރެސްގައި ހުރިހާ ބާރެއް ދީފައިވަނީ ކައުންސިލަށް ކަމަށާއި އެންމެ ފަހުން ބޭއްވި ކޮންގްރެސް ބާއްވާފައިވާނީ ކައުންސިލުން ފާސްކޮށްފައިވާ ގޮތުގެ މަތިން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް އޯކޭ މިހާރު އޮތް އިލެކްޝަން ކޮމިޝަނުން އަޅުގަނޑުމެންގެ ލީޑާޝިޕް ބަލައި ނުގަތަސް. އެ މައްސަލަ ވެސް އަޅުގަނޑުމެން ހިގަން އޮންނަ މަގުން ހިނގައިގެން ހައްލު ހޯދާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބީގެ ނާކާމިޔާބީއަށް ފަހު ޕީޕީއެމުން ވަނީ ކުއްލި ގޮތަކަށް އެޕާޓީގެ ކޮންގްރެސް އެއް ބާއްވާއި، މުސްތަސާރުގެ މަގާމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމްގެ ރައީސްގެ މަގާމަށް އިންތިހާބު ކޮށްފަ އެވެ.

އަދި އެ ކޮންގްރެސްގެ ނިންމުންތައް އީސީއިން ބަލައި ނުގަންނަކަން ހާމަކޮށްފައިވާއިރު، ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ބޭއްވި ކައުންސިލް ބައްދަލުވުން ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

comment ކޮމެންޓް