އިންތިހާބާ ބެހޭ މައްސަލަތައް ފުލުހަށް ހުށަހަޅާނެ: މިނިސްޓަރު ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ސަން"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ އިންތިހާބު ބާތިލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މިއަދު ސުޕްރީމް ކޯޓުން ނިންމި ނަމަވެސް، އިންތިހާބާ ބެހޭ މައްސަތައް ފުލުހަށް ހުށަހަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ،

ޕީޕީއެމްގެ ކައުންސިލް ވައިބާ ޗެޓު ލޮގެއް ލީކުވެފައިވާ އެ ޗެޓު ލޮގު މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. އެއީ އަސްލު ޗެޓްލޮގެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ މިރޭ ވަނީ މީޑިއާއަށް ކަށަވަރުކޮށްދެއްވާފަ އެވެ. އެ ޗެޓުލޮގުން ފެންނަ ގޮތުގައި އިކޮނޮމިކް މިނިސްޓާ ސައީދު ވެސް ވަނީ މައްސަލަ ޕޮލިހަށް ހުށަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

"ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމުން ޖިނާއީ ތަހުގީގަށް އޮތް ފުރުސަތު ބަންދެއް ނުވޭ. އިންތިހާބާ ބެހޭ މައްސަލަތައް ޕާޓީގެ ފަރާތުން ޕޮލިސްއަށް ހުށަހަޅާނެ." މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިރޭ ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ މިއަދުގެ ހުކުމުގައި، ރައީސް ހުށަހެޅި މައްސަލައިގައި ހިމެނޭ ޖިނާއީ ކަންކަން ތަހުގީގީ އިދާރާތައް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ. އަދި ކޮރަޕްޝަންގެ ކަމެއް އެކުލެވޭ ނަމަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ތަހުގީގު ކުރެވޭނެ ކަމަށެވެ.

"ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމުގައި އަޅުގަނޑުމެންނަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައިގެން ވެސް މި އިންތިހާބުގެ، އަޅުގަނޑުމެންނަށް ގެއްލިގެން އުޅޭ ހައްގުތައް ހޯދުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާނަމޭ." އަބްދުލްރަހީމް ވިދާޅުވި އެވެ.

މިރޭ އަދުރޭ ވަނީ ރައީސް ޔާމީން ރާއްޖެއިން ފިއްލަވައިގެން ވަޑައިގަންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް އަނެއްކާވެސް ދޮގު ކުރައްވައިފަ އެވެ.

ލީކުވެފައިވާ ޗެޓުލޮގުން ފެންނަ ގޮތުގައި މިއަދު ރައީސް ޔާމީން ވަނީ އެއްވެސް ބޭފުޅަކު މާޔޫސްނުވާން ގްރޫޕުގައި ވިދާޅުވެފަ އެވެ.

އޭގެ ފަހުން އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ވަނީ "ކަމެއް ރަނގަޅަށް ކުރަންޏާ" މިރޭ ޕީޕީއެމްގެ ކައުންސިލް ކުއްލި ބައްދަލުވުމެއް ބާއްވައި ޕީޕީއެމް އުވާލަން މާދަމާ އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ނިންމަން ޖެހޭ ކަމަށެވެ. އެކަމަށް ރައްދެއްގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވީ "ފަލާހް، ވަޓް؟" (ތި ވިދާޅުވީ ކީކޭ؟) އެވެ.

މިރޭ އަބްދުލްރަހީމް ވިދާޅުވީ ވަކިވަކި ފަރުދުން އަމިއްލަ ހިޔާލަކީ ޕާޓީގެ ނިންމުން ނޫން ކަމަށެވެ.

ރިޔާސީ އިންތިހާބު ބާތިލު ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ދުސްތޫރީ މައްސަލައާ މެދު ސުޕްރީމް ކޯޓުގެ ފަސް ފަނޑިިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ ރައީސް ޔާމީން ހުށަހެޅުއްވި ކަންކަން ސާބިތުކުރަން އެކަށީގެންވާ ވަރަށް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ތަހުގީގު ކުރަން އެދުނު ކަންކަން ތަހުގީގު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މިއަދުގެ ހުކުމުގައި ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި ބޮޑެތި ޖިނާއީ މައްސަލަތައް ތަހުގީގު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްއަށް ފެންނަ ހާލަތްތަކުގައި ތަހުގީގު ކުރަން ފުލުހުންނަށް އެންގޭނެކަން ހިމެނެ އެވެ.

comment ކޮމެންޓް