ޕީޕީއެމްގެ ލީޑާޝިޕުގެ ނިންމުންތައް ތަންފީޒު ނުކުރަން ނަދީމް އީސީގައި އެދިއްޖެ

ޕީޕީއެމްގެ ލީޑާޝިޕުން ނިންމާ ނިންމުންތައް ތަންފީޒުކުރުން ފަސް ކުރުމަށް އެދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ހުށަހަޅައިފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު ހުށަހެޅި އެ ސީޓީގައި ނަދީމް އެދިފައި ވަނީ ސިވިލް ކޯޓަށް ހުށަހެޅި މިހާރު ކުރިއަށްދާ ޕީޕީއެމްގެ މައްސަލަތަކާ މެދު ވަކި ގޮތެއް ނިމެންދެން، މިހާރު ޕީޕީއެމްގެ ހިނގުމާ ހަވާލުވެ ތިބި ފަރާތްތަކުން ނިންމައި އެ ކޮމިޝަނަށް ހުށަހަޅާ އެންމެހާ މައްސަލަތައް ތަންފީޒުކޮށްދިނުން ފަސްކޮށްދިނުމަށެވެ.

ނަދީމްގެ ސިޓީގައި ފާހަގަކޮށްފައިވާ، ސިވިލް ކޯޓުގައިވާ މައްސަލަތަކުގެ ތެރޭގައި ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ހަވާލު ކުރަން ފާސް ކުރި ކައުންސިލުގެ ބައްދަލުވުން ބާތިލު ބައްދަލުވުމަށް ކަނޑައެޅުމަށް ހުށަހެޅި މައްސަލައެއް ހިމެނެ އެވެ. މައްސަލަ ހުށަހެޅި ފަރާތުން ބުނާ ގޮތުގައި އެ ބައްދަލުވުމަކީ ޕާޓީގެ ހިންގާ ގަވާއިދާ އާންމު ގަވާއިދާ ހިލާފަށް ބާއްވާފައިވާ ބައްދަލުވުކެވެ.

ޕާޓީގ މިހާރުގެ ލީޑާޝިޕުން ނިންމާފައިވާ ސައްހަ ނޫން ނިންމުންތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ހުސްވެއްޖެ ކަމަށް ނިންމައި އީސީއަށް ކުރުން ހިމެނޭ ކަމަށް އެ ސިޓީގައި ނަދީމް ވަނީ ފާހަގަކޮށްފަ އެވެ.

ނަދީމްގެ ސިޓީގައި އިތުރަށް ފާހަގަކޮށްފައި ވަނީ ޕީޕީއެމްގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމާއި، ޕާޓީގެ ރައީސަކީ ޕީޕީއެމްގެ އެންމެ ފުަރަތަމަ އާންމު ޖަލްސާގައި ފާސް ކުރި ގޮތަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމެވެ.

comment ކޮމެންޓް