ސަރުކާރު ބަދަލުކުރަން އެހީވުމަށް އިބޫ ރައީސް ޔާމީނަށް ގޮވާލައްވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ދަމަހައްޓަން ކުރި ހުކުމް ބަލައިގަނެ ސަރުކާރު ބަދަލު ކުރުމަށް އެއްބާރުލުން ދެއްވައި ސަރުކާރު ބަދަލު ކުރުމަށް އެހީވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ޔާމީންއަށް ގޮވާލައްވައިފި އެވެ.

ރިޔާސީ އިންތިހާބު ބާތިލު ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ދުސްތޫރީ މައްސަލައާ މެދު ސުޕްރީމް ކޯޓުގެ ފަސް ފަނޑިިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ ރައީސް ޔާމީން ހުށަހެޅުއްވި ކަންކަން ސާބިތުކުރަން އެކަށީގެންވާ ވަރަށް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ތަހުގީގު ކުރަން އެދުނު ކަންކަން ތަހުގީގު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި އިބޫ ވިދާޅުވީ، އިންތިހާބާ މެދު ގޮތެއް ނުނިމި އޮތުމަށް ފަހު ރައްޔިތުންގެ ހިތްތަކަށް މިއަދު ހިތްހަމަޖެހުން ލިބިފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ އިންތިހާބު ބާތިލު ކުރުމަށް ވެއްދި ދުސްތޫރީ މައްސަލައަކީ ބުރަދަނެއް ހުރި މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ކޯޓަށް ވެއްދުމުން ދޭހަވީ އިންތިހާބާ މެދު ކަންބޮޑުވުން ހުރިކަމަށް ވުރެ ބޮޑަށް ރައީސް ޔާމީނަށް ބަލި ގަބޫލުކުރައްވަން ދަތިވުން ކަކަމަށެވެ.

އަދި ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައި އިހުލާސްތެރިކަމާ އެކު ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތަށް އެއްބާރުލުން ދެއްވައި އެހީވުމަށް އިބޫ ރައީސް ޔާމީންއަށް ގޮވާލެއްވި އެވެ.

އެ ބަޔާނުގައި އިބޫ އިތުރަށް ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިނުގެ ދުވަސްވަރު ވެފައިވާ ވައުދުތައް ފުރިހަމައަށް ފުއްދުމަކީ ވެސް ވަރަށް މުހިއްމު ކަމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް، ގާނޫނު އަސާސީ ދަމަހައްޓައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަަރުކޮށްދޭން ޖެހޭ ކަމަށެވެ.

އިންތިހާބު ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ އިރު ނޮވެމްބަރު 11ގައި އިބޫ ހުވާ ކުރައްވަން އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.

comment ކޮމެންޓް