ނާޒިމް ރައީސް ޔާމީނަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފި

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ---- ފޮޓޯ: މަޖިލިސް

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ ގުޅުން އޮތް ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ތުހުމަތު ކުރައްވައިފި އެވެ.

ނާޒިމް ޓްވީޓާ މެދުވެރިކޮށް މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މުޅި ދައުލަތް "ލޫޓުވާލީ" ރައީސް ޔާމީނަށް އެކަމުގެ ހުރިހާ ހަގީގަތްތަކެއް އެނގިގެން ކަމަށާއި އެކަން ހިނގައި ދިޔައީ އެމަނިކުފާނުގެ ވާގިވެރިކަމާ އެކު ކަމަށެވެ.

ރައީސް ޔާމީންއާ ވަރަށް އަރިސްކޮށް އުޅުއްވި ނާޒިމް ވަނީ މަކަރާއި ހީލަތް ހެދި ކަމުގެ މައްސަލަތަކެއް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފަ އެވެ.

ނާޒިމް ވިދާޅުވީ އޭނާ އަށް 25 އަހަރުގެ ހުކުމް ކުރީ ވެސް ފަރުދީ ޒިންމާ އަދާކޮށް އެ ވާހަކަތައް ވިދާޅުވުމުން ކަމަށެވެ.

ނާޒިމް މިހާރު އުޅުއްވަނީ އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އެގައުމުގަ އެވެ. އޭނާ އެގައުމަށް ވަޑައިގަތީ ބޭސް ފަރުވާއަށް ކަމަށް ބުނެ އެވެ.

ނާޒިމުގެ ތުހުމަތާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުނުވެފަ އެވެ.

comment ކޮމެންޓް