ލަންކާގައި ހިންގާ އިންޑިއާގެ މަޝްރޫއުތައް ލަސްވާތީ މޯދީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ބައްދަލު ކުރައްވަނީ --

ދިއްލީ (އޮކްޓޯބަރު 21): އިންޑިއާއިން ސްރީ ލަންކާގައި ކުރިއަށްގެންދަން އެއްބަސްވެފައިވާ މަޝްރޫއުތައް ލަސްވަމުންދާތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިތްހަމަނުޖެހުން ފާޅު ކުރައްވައިފިއެވެ.

މޯދީ އެ ކަންބޮޑުވުން ފާޅު ކުރެއްވީ އިންޑިއާއަށް ތިން ދުވަހުގެ ދަތުރުފުޅެއް ކުރެއްވި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ އިއްޔެ ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

"އިންޑިއާއާއި ލަންކާއާ ދެމެދު 2017އިގައި ސޮއި ކުރި އެމްއޯޔޫގައިވާ ތަރައްގީގެ މަޝްރޫއުތައް ތަންފީޒު ކުރުން ލަސްވާތީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ،" އެބައްދަލުވުމާ ބެހޭ ގޮތުން ލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި އެބައްދަލުވުމުގައި މޯދީ ވަނީ، އިންޑިއާއިން ޖަފްނާގެ ޕަލާލީ އެއާޕޯޓު ތަރައްގީ ކުރުމަށާއި ހަމްބަންތޮޓާ ކައިރީ އޮންނަ މައްތަލަ އެއާޕޯޓު ތަރައްގީ ކުރުމަށް ހުށަހެޅި ޕްރޮޕޯޒަލްއަށް ލަންކާއިން އެކަށިގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

އަދި ލަސްވަމުންދާ މަޝްރޫއުތަކުގެ ތެރޭގައި ކޮލަމްބޯ ކައިރީ އޮންނަ ކެރަވަލާޕިޓިޔާގައި ހަދާ އެލްއެންޖީ ޓާމިނަލް އާއި ސަމްޕޫރުގައި ބަހައްޓާ ސޯލާ ޕަވާ ޕްލާންޓަކާއި ޓްރިންކޮމަލީގައި ހަދާ އޮއިލް ޓޭންކް ފާމްއަކާއި ކޮލަމްބޯ ބަނދަރުގައި ހަދާ ކޮންޓެއިނާ ޓާމިނަލްއެއް ހިމެނެއެވެ.

ދަ ހިންދޫގައިވާ ގޮތުން އެމަޝްރޫއުތައް ލަސްވަމުން ދަނީ ބޮޑުވަޒީރު ރަނިލް އާއި ރައީސް މައިތިރިޕާލާ ސިރިސޭނާއާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުންނެވެ.

ބޮޑުވަޒީރު ރަނިލް އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން ލަންކާ އާއި އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ، އިންޑިއާއިން ސިރިސޭނާ އަވަހާރަކޮށްލަން އުޅޭ ކަމަށް ސިރިސޭނާ ތުހުމަތު ކުރެއްވި ކަމަށް ރިޕޯޓުކޮށްފައެވެ.

ނަމަވެސް ސިރިސޭނާ ވަނީ މޯދީއަށް ފޯނުން ގުޅުއްވައި، އެތުހުމަތުތައް ދޮގު ކުރައްވާފައެވެ.

comment ކޮމެންޓް