ތަފާތު ލޯތްބެއް (37)

ނާޔަލް އޮތީ އަލިފާން އަންދާ ތަނުގެ ކައިރިއަށް އަރިއަކަށް ކަހަލަގޮތަކަށް ވެއްޓިފައެވެ. ކެމީލާ ވިދުވަރެއްހާ ހަލުވިކޮށް އައިގޮތަށް ނާޔަލްގެ ކައިރިއަށް ކުޑަކަކޫމައްޗަށް ތިރިވިއެވެ. ނާޔަލްގެ މޫނުގައި ދެއަތުން ހިފާފައި ކުޑަކޮށް ތަޅުވަމުން ގޮވިޔަސް ނާޔަލްގެ އެއްވެސް ހަރަކާތެއް ނެތެވެ. މަރުވެފައިއޮތް މީހެކޭ ތަފާތެއް ނެތެވެ. ނޭވާލާހެނެއްވެސް ހިޔެއްނުވެއެވެ.

"ސޯފީ......ސޯފީ......" ކެމީލާ ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތް އަޑު ގޭތެރޭ ގައި ގުގުމައިލިއެވެ. ތުރުތުރު ލާ އަތުގެ އިނގިލިތަކުން ނައިން ވަން ވަންއަށް ގުޅިއެވެ. ކެމީލާގެ އަޑު އިވިފާ ސޯފީގެ އިތުރުން ގެއިން ނިކުންނާން ދިޔަ ބޮޑީގާޑުންވެސް ރާސްލާފައި ގެއަށްވަނެވެ. އެމީހުންނަށް އެފަދަ ހާލަތްތަކުގައި ކަންތައް ކުރާނެގޮތުގެ ތަމްރީނުވެސް ލިބިފައިވަނީކަން ނޭގެއެވެ. އެމީހުން އަވަސްވެގަތީ ފަސްޓް އެއިޑްދިނުމަށެވެ. އެއްފަރާތުގައި މަންޒަރު ބަލަން ހުރި ކެމީލާ ހިތާ ހިތުން ދުޢާކުރަމުން ދިޔައިރު ކަރުނަތިކިތައް މެދުކެނޑުމެއްނެތި ކޯތާފަތް މަތިން ތިރިއަށް ދެމުނެވެ. ސޯފީ ކެމީލާގެ ބުރަކަށީގައި ފިރުމާލާފައި ނާޔަލްއާއިއެކު ހޮސްޕިޓަލަށް ދާން ތައްޔާރުވާން އެދުނެވެ. ހިތް ކުދިކުދިވާފަދަ މަންޒަރުތައް ފެނުމުން ކެތް ނުވިޔަސް ލޯބިވާ ފިރިމީހާއާއިއެކު ވާން ޖެހޭނެކަމަށް އޭނަވެސް ގަބޫލުކުރިއެވެ. އަވަހަށް ސިޑިން އަރައިގެން ގޮސް ކޯޓެއް ގަޔަށް މަހާލުމަށްފަހު ތިރިއަށް އައީވެސް ދުވަމުންނެވެ. ކެމީލާއަށް ހީކުރެވުނީ ނާޔަލްގެ އެންމެ ފަހު ވަގުތުކަމުގައެވެ.

ނާޔަލް ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ޓެސްޓްތަކެއް ހެދިއެވެ. ޑޮކްޓަރު ބުނުއްވީ ނާޔަލްގެ ސިކުނޑި ދުޅަވީ ކަމަށެވެ. ދެތިން ދުވަސްތެރޭ ރަގަޅުވެގެން ދޫކޮށްލެވޭ ވަރުވާނެކަމަށް އުއްމީދު ކުރާކަމަށް ބުނުމުން ކެމީލާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބި ހަމްދުކުރީ ހެއްދެވި ފަރާތަށެވެ. ނާޔަލްގެ އާއިލާއާއި އެކުވެރިން ނާޔަލްއަށް ޒިޔާރަތްކުރިއެވެ. ނަތާލީއަށްވެސް އެ ޚަބަރު ލިބުމުން ނާޔަލް ދެކެލަން އައެވެ. ނާޔަލްގެ އަތުގައި ހިފަހައްޓާލައިގެން އެނދުގެ މަގަތުގައި އިން ކެމީލާ ފެނިފާ އެވަގުތުވެސް ނަތާލީގެ މޫނަށް ވެރިވި ކުލަވަރުތަކުން އަންގައިލީ އޭނަ ކުރާ ނަފްރަތެވެ. ކެމީލާގެ ލޮލުގައި ވިދާ ބަބުޅާ ކަރުނަތައް ފެނުމުން އަދި ތުން ފިތާލެވުނެވެ.

"މިހާ ދެއްކުންތެރި ހިޕޮކްރައިޓެއް ހުންނާނެކަމެއް ނޭގޭ. ލޯބިވަނީ މުދާގަނޑު ދެކެ...." ނަތާލީ ހިތާހިތުން ކިޔާލައިފިއެވެ. އެހިތުގައި ކެމީލާއަށްޓަކާވަނީ ހަމައެކަނި ނަފްރަތެވެ.

"ކެމީލާ އަހްމަދު ޔާސިރު. ކެން އައި ކޭވް އެ މޯމެންޓް ވިތް މައި ސަން....." ނަތާލީގެ އެ ޖުމްލައިން މަލާމާތާއި ހަރުކަށިކަން އެކުވެފައިވިއެވެ. އާއިލީ ދެ ޑޮކްޓަރުންވެސް ނަތާލީއަށް ބަލައިލީ ކުޑަކޮށް ހައިރާންވެފައި ތިބެއެވެ. ކެމީލާގެ މޫނަށް ރަތްކުލަ ފާއްދައިލީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. އާއިލާގެ ކުރިމަތީގައިވެސް އޭނަދެކެ ނުރުހުންވާކަން އަންގަން ނަތާލީ ފަހެއްނުޖެހެއެވެ. ކެމީލާ ނާޔަލްގެ އަތުން ދޫކޮށްލާފައި ތެދުވެ އިސްއޮބާލައިގެން ހުރެ ނުކުމެއްޖެއެވެ.

ނާޔަލްއަށް އޮތީ ނިދިފައެވެ. މޫނުމަތިން ފެންނަ ވަރުބަލިކަމެވެ. ނާޔަލް އެގޮތަށް ބަލި އެނދުގައި އޮތްތަން ފެނުމުން ގަބޫލުނުކުރެވުމާއިއެކު ޑޮކްޓަރުންނާއި ސުވާލުކުރަންފެށިއެވެ. ހަނދާނަށް އައީ ނާޔަލްގެ ބައްޕަ އަލީ މައިކަލްއެވެ. ހަމަ މިގޮތަށް މެޝިންތަކާއި ގުޅާފައެވެ. ހަނދާން ކުރަން ބޭނުންނުވިޔަސް އެދުވަސްތައް ބިރުވެރިކަމާއެކު ސިކުނޑިއަށް ސަވާރުވެއްޖެއެވެ. އައިވީ ގުޅާފައިވާ ނާޔަލްގެ އަތް މަތީ އަތް ބާއްވާލިއިރު ނަތާލީގެ ދެލޯ ފެންކަޅިވެއްޖެއެވެ.

"ދަރިފުޅާ....." ނަތާލީ ގޮވާލުމުން ނާޔަލް ދެލޯ ހުޅުވާލައިފިއެވެ. އެހާ ބަލިކޮށް އޮތްއިރުވެސް ދެލޮލުގެ ރީތިކަމާއި ތޫނުފިލިކަމުން އަލީ މައިކަލް އެކޭ ތަފާތެއްނެތެވެ. ކުޑައިރުއްސުރެ މީހުން އެ ލޮލާއި އަޅައިގެން އުޅޭތީ އެސްފީނާޖެހިދާނެކަމުގެ ބިރުން އަވިއައިނު އަޅިގެން ގެންގުޅުން ދެލޮލެވެ. އޭނަގެ ދެލޯ ނޭދި އެދޭ ފިރިހެން ދަރިފުޅެވެ. ނާޔަލް އޭނަގެ މަންމަގެ އަތަށް ބާރުކޮށްލިއެވެ.

"އާޔޫ އޯކޭ؟ "

ނާޔަލް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިނަމަވެސް ދަރިފުޅުގެ ހާލު ރަގަޅުނޫންކަން ނަތާލީގެ ޟަމީރުދެނެގަތެވެ.

"އެހާ ބަލިވީއިރުވެސް މަންމަ ކައިރީ ބުނެލާނެ ކުއްޖެއްވެސް ނުވިއެއްނު. މަންމައަށް މިއެނގުނީ އެންމެ ފަހު މީހާގެ ގޮތުގައި..ވަޓް ހެޕެންޑް ޓު ޔޫ........" ނަތާލީ އަހައިލިއެވެ. ނާޔަލްއަށް ވީ ކަމެއް އޮޅުން ފިލުވަން ސުވާލުކުރުމުން ޑޮކްޓަރ ދާނިޔަލް ދިން ޖަވާބު ނަތާލީ މުޅިއަކުން ގަބޫލެއްނުކުރިއެވެ. އޭނައަށް ކަމެއް ފޮރުވަން އުޅޭކަމަށް ޝައްކުކުރެވުނެވެ. ބޭރަށް ނުކުމެފާ ޑޮކްޓަރުންނާއި ސުވާލުކުރަން ފެށީ ހަގީތަން ނޭގެނީސް ހުއްޓާނުލާފަދަ ގޮތަކަށެވެ. ނާޔަލްގެ ބައްޕަ ފަދައިން ގްލިއޯބްލާސްޓޯމާގެ ޝިކާރައަކަށްވެ ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާކަން އެނގުމުން ނަތާލީ ހިލައިގެ ބުދެއްހެން އެސްފިޔަޖަހައިލަން ނޭގިފައި ހުރެފައި އަވިއައިނުއެޅިއެވެ. އެތަނުން ނިކުމެގެން ވީހާވެސް ދުރަށް ދާން ހިތް އެދެމުން ދިޔައެވެ. ނަތާލީގެ މަންޒިލަކަށްވީ އަލީ މައިކަލް ވަޅުލާފައިވާ ގަބުރުސްތާނެވެ. ސްނޯއިން ފުރި އެކަނިވެރިކަމާއި ފަޅުކަންވެރިވެފައިވާ އެތަނުގައި ރަސްކަންކުރަނީ މަރުފަދަ ހިމޭންކަމެވެ. އަލީމައިކަލްގެ މަހާނަކައިރީ ކަކޫ ޖައްސާލިއިރު އަތް ތުރުތުރުއަޅައެވެ. މަޑުމަޑުންގޮސް ލޮލުގައި ގިނަވާންފެށި ކަރުނަތައް އެސްފިޔަތައް ފޫދުއްވާފައި ފައިބާކަށް ހިދުކޮޅެއްވެސް ނުނެގިއެވެ. ބްރޭންޑެޑް ދަބަހުން ނެގި ޓިޝޫތައް ލޮލުގައި ޖައްސައިލިނަމަވެސް ކަރުނަތަކަކަށް ނިމުމެއްނެތެވެ. ލޯބިވާ ޒުވާން ފިރިހެންދަރިފުޅު ކެންސަރު ބަލީގައި ދުނިޔެއާއި ވަކިވެގެންދަނީކަން އެނގުމުން ހިތް ކުދިކުދިވެއްޖެއެވެ. އަޑުވީއްލާ ރޮވެންފެށުނެވެ.

"އަލީ...އަހަރެމެންގެ ދަރިފުޅު. ހީޒް ޑައިން. ކިހިނެއް އަހަރެން ހަދާނީ؟ އެ ދަރިފުޅާއި ނުލާ ދުނިޔޭގައި އުޅޭނެގޮތެއް ބުނެބަލަ. އެއްވެސް ކުށެއް ނެތި އެ ދަރިފުޅާއިމެދު ކަންތައް ކުރެވުނީ ހާދަ ނުބައިކޮށޭ. ކިހިނެއް އަހަރެންގެ އަމިއްލަ ނަފުސަށް މާފުދޭނީ. ކިހިނެއް އެކަންތައް ހަދާން ނައްތާލާނީ. އަހަރެމެންގެ ކުޑަ ދަރިފުޅު..އެ އަނިޔާލިބިފައިވާ ދަރިފުޅު. އެހާވަރަށް އެދުނީމަވެސް އަހަރެން ހިތް ހިލައަށްވުރެ ހަރުކުރީ. އެތައް ފަހަރަކު އެދުނީމަވެސް އަނގައިން ބުނަން ދެކޮޅުހެދީ. މިއަދު އެދަރިފުޅު އެއޮތީ ތަންމަތީގައި. އެންމެފަހު ނޭވާތައް ގުނަމުން އެދަނީ. ހަމަ އަލީ ފަދައިން. މިދުނިޔޭގެ އުފާތަކަށް ގެނބި މަޖަލުގައި އުޅުނުއިރު އެދަރިފުޅު ބަލިހާލުގައި އެބިރުވެރި ބައްޔާއި އެކަނިމާ އެކަނި ހަގުރާމަކޮށްކޮށް އެހިސާބަށް އެދިޔައީ......." ނަތާލީ ބާރުބާރަށް ރޯންފެށިއެވެ.

"އަލީ ފަދައިން އަހަރެމެންގެ ދަރިފުޅުވެސް އެހާ ބޮޑަށް ބަލިވާނެތަ؟ އަލީގެ މަތިން ދުވަހަކު ހަދާނެއް ނުނެތޭނެ. އެންމެފަހު ދުވަސްކޮޅު ނުކެވި ނުހިގި އަދި ބްލައިންޑްވީ.....އާހް.....ނޫން މިއީ ކޮންމެވެސް ކުށެއްގެ ސަޒާ ރަގަޅަށް ނޫޅެވުނީމަ ކަން ނޭގޭ. އެހާ ލޯބިވާ ބަސްއަހާ ދަރިއެއްލިބުނީމަވެސް އެކުއްޖާގެ އުފަލާއިމެދު ވިސްނާނުލެވުނު. މިހެންވާނެކަން އެނގޭނަމަ ކެމީލާ ނޫން ސަންތިމަރިޔަބާއި އިންނަން އުޅުނަސް ވަގުތުން އެއްބަސްވާނަން. ނައު އައި ހޭވް ޓު ރިގްރެޓް އޯލް މައި ލައިފް. އަލީގެ ހުރި އެންމެ ދަރިފުޅު. އެދަރިފުޅުގެ ނިޝާނެއް ދުނިޔެއަށް ދޫނުކޮށް ވަކިވާން ޖެހުނީ މި އަނިޔާވެރި މަންމަގެ ސަބަބުން.....ކިހިނެއް ކެތްކުރާނީ..ކެމީލާއަށް ބޭސް ކާން ނުދެވުނުނަމަ......."

ނަތާލީ ކިތަންމެ ވަރަށްޝަކުވާކުރިޔަސް މިއަދު މައިކަލްއަށްވެސް ޖަވާބެއް ނުދެވޭނެއެވެ. ހަވާލުކޮށްފައި ދިޔަ ވަސިއްޔަތަށް އިހާނެތިކޮށް ހެދުމުގެ ސަބަބުން އެ ފުރާނައަށްވެސް ހަމަޖެހުމެއް ލިބޭނެކަމެއް ނޭގެއެވެ. ނާޔަލްއަކީ އަލީ މައިކަލްގެ ފުރާނައެވެ. އެދަރިފުޅަށްޓަކާ މައިކަލް ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. ނަތާލީ ކެމީލާއަށް މެސެޖެއްކުރިއެވެ. އޭނަ ބުނެގެން ކާންފެށި ދޭތެރެ ދުރުކުރާ ބޭސްތައް ކެއުން ހުއްޓާލަން އެދުނެވެ.

އާއިލާގެ އެކި މީހުންގެ ފޯނުކޯލުތައް އަންނާން ފެށުމުން އޭނަ ގެއްލިގެން އުޅެނީކަން ވިސްނި ގެއަށް ދާން ކާރަށް އެރިއެވެ. ފުންނޭވައެއް ދޫކޮށްލާފައި ޓިޝޫއިން ދެލޯ ފޮހެލައިފިއެވެ. އޭނަ ނަތާޝާއާއި އަހުމަދު މައިކަލްއަށް ދައުވަތުދިނެވެ. ނާއީއާއި ނޯޔާއަށްވެސް ނަތާލީ ގުޅައިގެން ގެނައެވެ. އެންމެން ސިޓިންރޫމްގެ ސޯފާތަކުގައި ހަމަޖެހިލުމުން ނަތާލީ އެ ބިރުވެރި ޚަބަރު އިއްވައިލިއެވެ.

"ނާޔަލް ހޭޒް ކެންސާ..." ނަތާލީގެ އެ ޖުމްލައިން އެތަނުގައި ބޮމެއް ގޮއްވައިލިފަދައެވެ.

"ވަޓް؟" ނާއީއަށް ކޮޅަށް ތެދުވެވިއްޖެއެވެ.

"މަންމާ...." ނޯޔާ ރުޅިއައިސްފާ ބާރަށް ކިޔައިލިއެވެ. އެ ޖުމްލަތަކުގައިވި ސީރިޔަސްކަން އެނގި އެންމެ ފުން އަސަރެއްކުރީ އަހުމަދު މައިކަލްއަށެވެ. އެމޫނަށް ވެރިވި ސިހުމާއިއެކު ދެލޯ ފެންކަޅިވެގެން ދިޔުމާއިއެކު ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވިގޮތަށް ބުނާނެ އެއްޗެއްވެސް ނޭގިފައި އިނދެވުނެވެ. ސަމާސާއަކަށް ހަދައިގެންވެސް އެންމެ ލޯބިވާ ފިރިހެން ދަރިފުޅާއި ގުޅުވައިގެން އެފަދަ ވާހަކައެއް ނަތާލީ ނުދަންނާނެކަން އޭނައަށް ޔަގީންވިއެވެ. ނަތާޝާއަށް ގޮސް ނަތާލީގެ ގައިގާ ބައްދާލެވުމާއިއެކު ނަތާލީއަށް ރޮއިގަނެވުނެވެ. ދެބެއިންގެ އެ ޖަޒުބާތީ ވަގުތުކޮޅު ނޯޔާވެސް ރޮއްވާލައިފިއެވެ. ނާއީ ބާރުބާރަށް ސިޑިން އަރައިގެން ދިޔައީ އެންމެން ކުރިމަތީ ނުރޯންވެގެން ކަންނޭގެއެވެ. އެލިބުނު ޚަބަރުން އެންމެންގެ ދުނިޔެ ކުނޑި ކުނޑިވެގެން ހިގައްޖެއެވެ. މަރަކީ ކިހާ ކައިރީގައިވާ އެއްޗެއްކަން ހަނދާންކޮށްދީފިއެވެ.

ގްލިއޯބްލާސްޓޯމާއަކީ ސިކުނޑިއަށް ޖެހޭ އެންމެ ނުރައްކާތެރި ކެންސަރެވެ. އޮޕަރޭޝަންކޮށްފައި ގިނަ ކޭސްތަކުގައި ނެގެނީ ޓިއުމަރުގެ ނުވަދިހަ ޕަސެންޓަށްވުރެ މަދުންނެވެ. ގްލިއޯބްލާސްޓޯމާ ޓިއުމަރު ބޯވައެއް ފަދަ ފައިތައް ވަށައިގެންވާ ސިކުނޑީގެ ޓިޝޫތަކުގެ ތެރެއަށް ވެސް ފެތުރިގަނެއެވެ. ސިކުނޑީގެ މުހިއްމު ބައިތަކަށް ގެއްލުން ވެދާނެކަމަށްޓަކާ އެބައިތައް ނުނެގެއެވެ. ދެވަނަ މައްސަލައަކީ ސިކުނޑީގައި ވާ ނާދިރު ބެރިއާއެއް ކަމަށްވާ "ބްލަޑް ބްރެއިން ބެރިއާ"ގެ ސަބަބުން ކެންސަރުގެ ބޭސްތަކަށް ބްލަޑްސްޓްރީމުން ސިކުނޑިއަށް ވާސިލު ނުވުމެވެ. އެހެންވުމުގެ ސަބަބުން ލެބްތަކުގައި ގްލިއޯބްލާސްޓޯމާ ބްލޮކް ކޮށްލާ އެއްވެސް ބޭހަކަށް އެ ބެރިއާގެ ސަބަބުން ގުޑާގޮތެއް ނުވެއެވެ. ކީމޯތެރަޕީ ބޭހެއްކަމަށްވާ ޓެމެޒޮލޮމައިޑްއަށް އެ ބެރިއާ ހުރަސްކޮށް ސިކުނޑިއަށް ވާސިލުވެވޭތީ އެ ކެންސަރަށް އެބޭސް ބޭނުންކުރެއެވެ. ނަމަވެސް ދެރައީ ގްލިއޯބްލާސްޓޯމާގެ ސެލްތައް ގިނަފަހަރަށް އެ ބޭހަށް ނުގުޑާކަމެވެ. ސައިންޓިސްޓުން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން މިދަނީ އެކަމަށް ހައްލެއް ހޯދާ އާ ބޭހެއް އީޖާދުކުރުމަށެވެ.

ރިވާއު އާއި ދާނިޔަލް އެމީހުންގެ ކެންސަރު ރިސާޗް ހޮސްޕިޓަލަށް ޒިޔާރަތްކޮށް ގްލިއޯބްލާސްޓޯމާގެ ތަހުލީލާއި ފަރުވާ އަވަސްކޮށްދޭން ސްޓާފުންނަށް ބާރުއެޅިއެވެ. އާއިލާގެ އަދި އެކުވެރި ޒުވާނަކު އެ ބަލީގެ ވޭނުގައި އުޅެ ނިމިގެންދާތަން ބެލުމަށް އެޚާންދާނުގެ ޑޮކްޓަރުންނަށްވެސް ކެތްކުރާކަށް ފަސޭހައެއް ނޫނެވެ. ނާޔަލް ހިނިތުންވެލައިގެން ހިތްވަރާއިއެކު އެކުވެރިންނާއިއެކު ވަގުތު ހޭދަކުރިޔަސް އެކުވެރިން އެކަމާއި އިންތިހާއަށް ހިތާމަކުރެއެވެ. ނާޔަލްފަދަ އެކުވެރިއަކު ގެއްލިގެންދާން އެދޭނީ ކާކުހެއްޔެވެ؟

ތިންދުވަސްފަހުން ނާޔަލް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ޑޮކްޓަރ ކެމީލާ ކައިރީ ބުނީ ނާޔަލްއަށް ރަގަޅަށް އަޅާލުމަށެވެ. އެކަނި ނުކުރުމަށެވެ. ފަހު ސްޓޭޖްކަމަށާއި ކޮންމެފަދަ ހާދިސާއެއް ހިނގާފާނެކަމަށް ބުނުމުން ކެމީލާއަށް ނުރޮވުނީ ހަމަ ކިރިޔާއެވެ. ނާޔަލް ކިތަންމެހާވެސް ހިތްވަރުގަދައެވެ. އެއްވެސް ޝަކުވާއެއް ނެތި ހިނިތުންވެލައިގެންނެވެ. ސަމާސާކޮށްލަ ކޮށްލައެވެ. ނާޔަލް ގެއަށް ފޮނުވަންވީ ގަޑީގައި ނަތާލީއާއި ނާއީ އަދި ނޯޔާވެސް އައިސްފާ ތިއްބެއެވެ. ކެމީލާ ނާޔަލް ގަމީސް ލައްވާފައި ގޮށް އަޅުވާދޭން ފެށުމުން ނަތާލީއަށް އަސަރުކުރިއެވެ. އެހެން ދުވަހެއްނަމަ ކެމީލާ ދުރަށް ލާފައި އޭނަ އެކަންތައް ކޮށްދޭން އުޅެގަތީހެވެ. ނަމަވެސް މިހާރު ކެމިލާދެކެ ކުރި ނަފްރަތު ފިލައިފިއެވެ. ދަރިފުޅުދެކެ ކެމީލާ އެވާ ލޯތްބާއި އަޅާލުމުގެ ސަބަބުން ކެމީލާއަށްޓަކާ ހިތް ޝުކުރުން ފުރުނެވެ.

"ވަޓްސް ވިތް އެވްރީވަން. ޕްލީޒް ޑޯންޓް ބީ ސޯ ގްލޫމީ...................." ނާޔަލް ކުޑަކޮށް ހީލަމުން ސަމާސާ ރާގަކަށް ބުނެލިއެވެ." ބަލިވިޔަސް އަދި ކިތަންމެ ޒަމާނަކަށްވެސް ދުނިޔޭގައި ހުރެދާނެ. މިރެކްލްސް ޑޫ ހެޕެން އޭ..."

"ވައި ޑިޑްންޓް ޔޫ ޓެލް އަސް ދޮންބޭ..." ނޯޔާ ރޮމުން ގޮސް ނާޔާލްގެ ކޮނޑުގައި މޫނު ޖައްސައިލިއެވެ.

"އެހެންވެ. ތިގޮތަށް ރޯނެތީ. ދޮންބެ ދެރަނުވާވަރަށް ކޮއްކޮމެން ދެރަވާކަށް ނުޖެހޭނެއްނު. ނުރޮއި. ތިގޮތަށް ރުއީމަ ދެން ދޮންބެއަށްވާނީ ކިހިނެއްތަ؟ ދޮންބެއަށް ހިތްވަރުދޭންވީމަ މިޖެހުނީ ދޮންބެ އެހެން އެންމެނަށް ހިތްވަރުދޭން..." ނާޔަލް ނޯޔާގެ ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ. އެވާހަކަތަކުން އަދި ބޮޑަށް ނޯޔާގެ ހިތުގައި ޖެހިގެން ރުއިން ނޫންކަމެއް ނުވިއެވެ. ނާއީވެސް ފެންކަޅިވެފައި ހުރިއިރު އެދެލޮލުން ފާޅުވަނީ އެހިތުގައި ނާޔަލްއަށްޓަކާ އޮތް ލޯތްބެވެ. އެންމެން އެހާ ލޯބިވާ ފަރާތަކަށް އެފަދަ ނުރައްކާތެރި ބައްޔެއް ޖެހުނުކަން އެނގުމުން އެންމެނަށްވަނީ ބުނަން ނޭގޭފަދަ ފުން އަސަރުތަކެއްކޮށްފައެވެ. ނަތާލީގެ ލޮލުން ކަރުނަ ފައިބަން ފެށުމުން ނާއީ ޖީބުން ރުމާލެއްނަގާ މަންމަ އަތަށް ދިއްކޮށްލިއެވެ. ނާޔަލްއާއެކު އާއިލާގެ އެންމެން ހިނގާފައި ހޮސްޕިޓަލުން ނުކުތްއިރު ކޮންމެވެސް ވަރަކަށް ސްނޯ ފައިބައެވެ. ކެމީލާ ތަންކޮޅެއް ބާރަށް ހިނގާލާފައި އެއްފަރާތަކަށް ދިޔައީ ކީއްވެކަމެއް ނޭގުނެވެ. ކެމީލާގެ ހަރަކާތް ހުރިގޮތުން ޝައްކުކުރެވިގެން ނާޔަލް ފަހަތުން ދިޔައެވެ. ކުއްލިއަކަށް ފެނުނީ ކެމީލާ އަރިއަޅާލިތަނެވެ. ކަނޑާ ވައްޓައިލި ގަހެއްހެން ތަޅުންމަތީ ޖެހުނުގޮތަށް ހަރަކާތް ހުއްޓިފައި އޮތްތަން ފެނުމުން ނާޔަލް ނާއީ ނޯޔާއާއި ނަތާލީވެސް ދުއްވައިގަތީ ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގިއެވެ. ކެމީލާ ކާޑިއެކް އެރެސްޓަކަށް ދިޔައީކަން ނާޔަލްއަށް އެނގި ވަގުތުން ސީޕީއާރު ދޭންފެށިއެވެ. އެ ހާދިސާ ހިނގީ ހޮސްޕިޓަލް ކުރިމަތީގައި ކަމަށްވުމުން އެހީ ލިބުން ލަހެއްނުވިއެވެ. ޕެރެމެޑިކްސް އިން އޮޓޮމޭޓެޑް އެކްސްޓަނަލް ޑީފިބްރިލިއެޓާއެއް ގެނެސްގެން ކެމީލާގެ ހިތް އަލުން މަސައްކަތްކުރަންފެށިއެވެ. ނާޔަލް ހީވީ އެހުރިހާ އިރުވަންދެން ނޭވާ ނުލާ ހުރެފައި ނޭވާ ދޫކޮށްލިހެންނެވެ. އިމަޖެންސީއެއް ގެންގޮސް ޑޮކްޓަރުންތައް ކެމީލާ ވަށައިލިއިރު ނާޔަލް ގެ މޫނުމަތި މޮޅިވެރިކަމުގެ ޕޯސްޓްކާޑެއްފަދައެވެ. ހިތްވަރުކޮށްލާފައި ނާޔަލް ޑޮކްޓަރުންނަށް ކެމީލާގެ ހިތުގައިވާ މައްސަލަ ކިޔައިދިނެވެ.

"ނާޔަލް..." ލޯ ހުޅުވާލުމާއިއެކު ނާޔަލް ފެނިފައި ދެލޯ ވިދައިލިއެވެ.

"އައިމް ހިއާ ބޭބީ...ލަވް ޔޫ.." ނާޔަލް ކެމީލާގެ އަތް ގެނެސް ތުންފަތުގައި ޖައްސައިލިއެވެ.

"އަހަރެން މަރުވަނީތަ؟ "ކެމީލާ މަޑުމަޑުން އަހައިލިއެވެ. "ބޭނުން ގެއަށް ދާން" ނާޔަލް ބުނީ އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަގަޅުވެ މަ ލަހެއްނުވެ ގެއަށް ދެވޭނެކަމުގައެވެ. އިރާދަކުރެއްވިއްޔާ ކެމީލާގެ އެ ހާލަތު ބަދަލުވާނެކަމުގައެވެ.

ނަތާޝާއާއި ނަތާލީ ހޫނު ލާޓޭ ތަށްޓެއް ހިފައިގެން ގޮސް ސިޓިންރޫމްގެ ސޯފާތަކުގައި ޖައްސައިލިއެވެ. އަލިފާން އަންދާތަނުގައި ހުޅުދާންކޮށްފައިވާ އަލިފާނުގެ އޮރެންޖްކުލައިން ހިތްގައިމުކުލައެއް ވެރިވެފައިވެއެވެ. ފުޅާ ދޮރުތަކުން ފެންނަމުން ދިޔައީ ތުނިކޮށް ކަންނެތްކަމާއިއެކު ސްނޯތައް ފައިބާ މަންޒަރެވެ.

"ކެމިލާ ހާޓް ކޮންޑިޝަންއެއް ހުރިކަމަށްވަނީ. ނާޔަލް ޑިސްޗާޖްކުރުމުން ގެއަށްދާން ކާރަށް އެރިތަނާ އެކަމެއް ހިނގީ. ކެމީލާ ކާޑިއެކް އެރެސްޓަކަށް ދިޔައީ އަހަރެމެންގެ ލޮލުގެ ކުރިމަތީ. ހާޓްއެޓޭކަކަށްވުރެ ވެސް ހިތް ހުއްޓުނީމަ ބިރުބޮޑޭ ދޯ. ނާޔަލް ނެތްނަމަ..........ކެމީލާ އެޑްމިޓްކޮށްފައި އޮތީމަ ނާޔަލް ގެއަށް އަންނާކަށް ގަބޫލެއްނުވި. އެކުއްޖާ ކިތަންމެ ހިތްވަރުކޮށްގެން ބަލިނޫންކަމަށް ޕްރިޓެންޑް ކުރިޔަސް ހީޒް ސިކް. ސީރިޔަސްލީ ސިކް. ރެސްޓް ބޭނުންވާއިރުވެސް ހަމަ ހިލާ ގަބޫލެއް ނުކުރި. މައި ބޯއި އިޒް ރިއަލީ ސްޓްރޯންގް. އެންޑް ހީ ލަވްސް ދެޓް ގާލް މޯ ދޭން އެނީތިން.. ހީ ސޭވްޑް ހާ............" ނަތާލީ ފުންނޭވައެއް ދޫކޮށްލިއެވެ. ނަތާލީ ބުނީ ނާޔަލްއަށްޓަކާ އޭނަ ކެމީލާ ޅީ ދަރިއެއްގެ ގޮތުގައި ބަލައިގެންފި ކަމަށާއި ހެދުނު ގޯސްތަކަށް ހިތާމަނުކުރާނެ ދުވަހެއް ހަޔާތުގައި ނާންނާނެކަމުގައެވެ. އަމިއްލަ ނަފުސަށް ދުވަހަކު މާފެއް ނުދެވޭނެ ކަމުގައެވެ. ވާހަކަ ދައްކަމުންގޮސް ނަތާލީ ރުޔެވެ.

އުލާގެ ފަރާތުން ކެމީލާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާކަން އެނގުމުން ކައިޒާން އަވަސްވެގަތީ ފުރާނަފަދަ ލޯބިވެރިޔާއަށް ޒިޔާރަތްކުރުމަށެވެ. އެ ޚަބަރު ލިބުމުން ހިތް ތެޅިގަތްގޮތަށް އަތްތިލަވެސް ރޫރޫ އެޅިއެވެ. ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާލެވުނުއިރު ލޮލުގައި ހޫނުކަރުނައެވެ. ކެމީލާ ހިތުގެ ބަލިމީހަކަށްވީ ކީއްވެހެއްޔެވެ. އެހާ ބޮޑު މައްސަލައެއް ނެތްނަމަ އެޑްމިޓްވެސް ނުކުރާނެ ނޫންހެއްޔޭ ހިތަށް އަރާފައި ވަކިންބޮޑަށް ހާސްވިއެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި މާ ވިއްކާ ފިހާރައަކުން ލިލީ މާ ބޮނޑިއެއް ގަތެވެ. ކާރު ޕާކްކޮށްލަފައި ދުވެފައި ކަހަލަގޮތަކަށް އެތެރެއަށްވަދެ ކެމިލާ އޮތް ރޫމް އޮޅުން ފިލުވިއެވެ. ކޮޓަރިއާއި ހަމަޔަށް ދިޔަތަނާ ނަރުސްކުއްޖާ ދޮރު ހުޅުވައިލިތަނާ ފެނުނީ ހިތަށް ނާރާ ކަހަލަ މަންޒަރެކެވެ. ކެމީލާ ނާޔަލްގެ އަތުގައި ހިފާލަމުން ލޯބިން ހިނިތުންވެލާފައި އެއްޗެކޭ ބުނެލީއެވެ.

ވަގުތުން ގެނައި މާތައް ހިފައިގެން އެތަނުން ދާންވެގެން ކައިޒާން އެނބުރިލިއިރަށް ކެމީލާއާއި ނާޔަލްއަށްވެސް އެދިމާލަށް ބަލައިލެވިއްޖެއެވެ. ނާޔަލް އަވަސް ފިޔަވަޅުތަކެއްގައި ނުކުމެގެން އައިސް ކައިޒާންއާއި އަރާ ހަމަކުރިއެވެ.

"ސޮރީ ކައި. އަހަރެން ޕްލޭންކުރިގޮތަކަށް ނޫން ކަންތައް ދިޔައީ. ކެމިލާ ކައިއާއި ގުޅުވުން ނޫންގޮތެއް އޮތްކަމަށް އޭރު ގަބޫލެއް ނުކުރެވުނު. ނަމަވެސް ކެމް ބޭނުމެއްނުވޭ އަހަރެން ދޫކޮށްލާފައި ދާކަށް. އަހަންނަށްވެސް ދެން ނުކެރޭނެ ކެމް ބޭނުން ނުވާގޮތަކަށް ކަންތައްކުރަން. އެހެންވެ ކައިވެނި ރުޖޫއަކުރީ...." ނާޔަލް ވާހަކަދެއްކީ އިނގިރޭސިންނެވެ.

ކައިޒާންގެ ހިތަށް ފުން އަސަރުތަކެއް ކުރިނަމަވެސް ނާޔަލްއަށްޓަކާ އޭނަ ހުރީ ހީލަ ހީލައެވެ. ރީތި ހިނިތުންވުމުގެ ފަހަތުގައި ހުރިހާ ރިހުންތަކެއް ފޮރުވައިފިއެވެ.

"އަހަންނަށް އެނގޭ ކެމް ފޯލްވީ ކޮންއިރަކު ކަން. ޝީ ވޮޒްންޓް އޭޒް އެކްސައިޓެޑް ޓު ސީ މީ އެންޑް ވެން ހާ ފޭސް ޑިޑިންޓް ލައިޓް އަޕް ލައިކް ބިފޯ އައި ނިއު ޝީ ހޭޑް ފޯލެން ފޯ ޔޫ. ކެމީލާ ނާޔަލްއާއިހެދި އުޅެންފެށިކަން އެނގޭ. އަހަރެންވެސް ވަރަށް އުޅުނިން ކެމްއާއި ހެދި. ވަރަށް ދެރަވި ނާޔަލްއާއި ކެމް ގުޅުނީމަ އެކަމަކު މިހާރު ރިއަލައިޒް އެބަވޭ. ލަވިން ސަމްވަން ޑަޒްންޓް އޯލްވޭސް މީން ބީން ޓުގެދާ. ސަމްޓައިމްސް ލެޓިން ގޯ އިޒް ލަވް ޓޫ. ކެމީލާ ލުކްސް ހެޕިއާ ވިތް ޔޫ. މި ޑިސްއޯޑާ ހުރީމަ އަހަންނަށްވެސް ރިލޭޝަންޝިޕް އެއްޗެހި އުދަގޫ. މާފަސޭހަ އެކަނި އުޅެން. އައިމް ގްލޭޑް ކެމީލާ ޗޫޒް ޔޫ. ޔޫ އާ މައި ފެވް ސިންސް ޗައިލްޑްހުޑް......." ކައިޒާން ހިނިތުންވެލައިގެން ހުރެ ވާހަކަދެއްކިއިރު ނާޔަލްއަށް ފުން އަސަރުތަކެއްކޮށް ލޮލުގައި ކަރުނައިގެ އަސަރު ހިނގާލައިފިއެވެ. ދެލޯ ތެމުނެވެ. އެހުރިހާ ވާހަކަތަކެއް ދެއްކިއިރު ކައިޒާންގެ މޫނު ފެނުނު ކޮންމެ މީހަކަށް އޭނަ ފެންނާނީ އުފާވެފައި ހުރިތަނެވެ. ހިތްމަތީ ހިލަ ބަހައްޓައިގެން ހުރެ އޭނަ އެކަމެއް ނުދެއްކިއެވެ.

ކައިޒާން އެ މާބޮނޑި އަތުން ހިފަހައްޓައިގެން ހުރެ ނާޔަލްގެ ގައިގާ ބައްދާލިއެވެ. ނާޔަލްއަށް ކައިޒާންގެ މޫނު ފެނުނުނަމަ ކިތަންމެ އެއްޗެއް އެނގުނީހެވެ. އެލޮލުން ވެއްޓުނު ކަރުނަތިކިވެސް ފެނުނީހެވެ. މަޑުކޮށްނުލާ ކައިޒާން ހިނގައިގަތުމުން ނާޔަލް ޖިންސްގެޖީބަށް އަތް ޖަހާލައިގެން އިރުކޮޅެއްވާންދެން ބަލަހައްޓައިގެން ހުރެފާ ފުންނޭވާއެއް ދޫކޮށްލިއެވެ.

ބޭސް ކާންފެށުމުން ކެމީލާގެ އުދަގޫތަކަށް މުޅިންހެން ލުއިވިޔަސް ނާޔަލްގެ ސިއްހަތު ދިޔައީ ދަށަށެވެ. ބޮލުގައި ގަދަޔަށް ރިއްސުމާއި ވަރުބަލިވުން ގިނައިން ނިދި އައުމާއި ހިނގަން އުދަގޫވުންފަދަ ކަންތައް ދިމާވާންފެށިއެވެ. ނާޔަލްގެ ޚިދުމަތުގައި ރެއާއި ދުވާލު ކެމީލާ ހުރެއެވެ. ނާޔަލްގެ މަންމައާއި އާއިލާވެސް ދުވާލުގެ ގިނަވަގުތުތައް އެގޭގައެވެ. މާކަސް އެގެއަށް ޒިޔާރަތްކުރިޔަސް ނާޔަލް އެއްޗެކޭ ނުބުނަނީ އޭނަގެ މަންމައާއި މާކަސްގެ ގުޅުން އޮތްކަން އެންމެނަށް އަންގައިގެން އުޅޭއިރު މަންމަގެ އުފަލަށްޓަކައެވެ. ނާއީ އައި ނޯޔާ އެކަމާއި ހިތްހަމަނުޖެހުނަސް އެކުދިންވެސް މިހާރަކަށް އައިސް އެކަމާ އަޅައެއްނުލައެވެ. މާކަސްގެ މަންމަ ސޯފީ އެގޭގައި އުޅޭތީ އެކަމުގެ ފައިދާ ނަގައިގެން މާކަސްވެސް ގިނައިން އެގޭގައެވެ. ކައިޒާންގެ ބޮޑީގާޑުކަމުން ވަކިވީވެސް ނަތާލީ ބާރު އަޅައިގެންނެވެ. ވަޒީފާއަކަށް ނުދިޔަސް ފައިސާގެ ގޮތުން އުނިވާނީ ކޮންކަމެއްހެއްޔެވެ. ނަތާލީގެ ފަރާތުން މާކަސް ބޭނުންވާވަރަށްވުރެ މާ ގިނައިން ފައިސާއާއި ހަދިޔާތައް ލިބޭތީ އޭނަ ހުންނަނީ ހިތްހަމަޖެހިފައެވެ. ސޯފިއާ އެގޭ ނޯކަރުކަން ކުރާތީ އެކަމާ މައްސަލަ ޖައްސާ ކޮންމެފަހަރަކު ސޯފިއާ ބުނަނީ އެގޭގައި މަސައްކަތް ކުރާއިރު އިހުސާސްކުރެވެނީ އަމިއްލަ ތަނެއްކަމުގައެވެ. ކެމީލާފަދަ ވެރިއެއް ނުލިބޭނެކަމުގައެވެ. އެހާވެސް ރަގަޅު ހިތްތިރި އަންހެންކުއްޖެއްކަމުގައެވެ. ކެމީލާ އޭނައާއި ދޭތެރޭ ނޯކަރެއްގެ ގޮތުގައި ނުދެކޭކަމަށާއި ކެމީލާގެ ޚިދުމަތުގައި އަބަދަށް ހުންނަން ނިންމާފައިވާ ކަމުގައެވެ.

"މާކް. މަންމަ މިހެން އުޅުނަސް މަންމަގެ ފެމިލީ ރޯޔަލްކަން ދަރިފުޅަށް އެނގޭތަ؟ " އެރޭ ކެއުމަށްފަހު މާކަސްއާއި ސޯފިއާ އެކަނިވުމާއިއެކު ސޯފިއާ ދެއްކި ވާހަކައަކުން މާކަސް ހައިރާންވިއެވެ.

"ސްޕެނިޝް ރޯޔަލް ފެމިލީއިން މަންމަ އައީ. މަންމަ އެމެރިކާ އާދައިގެ މީހެއްދެކެ ލޯބިވުމުން ބައްޕަ މަންމަ ޑިސްއޯން ކުރީ. ދަރިފުޅުގެ ބައްޕައަށްޓަކާ މަންމަގެ ލޯބިވާ އާއިލާ ދޫކޮށްލުމުން މިއަދު އެކަމާއި ރިގްރެޓްކުރަން. ބޮޑު ކެއްސެއްލިބުނީ. މަންމައަށް ހަގީގީ ލޯތްބެއް ނުލިބުނު. އެއަށްފަހު ދެވަނަ ފަހަރަށްވެސް ރަގަޅު ހަޔާތުގެ ބައިވެރިޔަކާއިއެކު ދިރިއުޅުމެއް ފެށިދާނެކަމަށް ހީކުރިން. ދެވަނަފަހަރުވެސް ލިބުނީ ލަނޑެއް...." ސޯފިއާ ހަނދާންތަކެއްގެ ތެރެއަށް ގެއްލުނުއިރު ދެލޮލުގައި ކަރުނައިގެ އަސަރު ހިނގާލައިފިއެވެ.

"ދެވަނަފަހަރަށް ލަނޑު ދިނީ ކާކުތަ؟ "

"އެވާހަކަ ނުދެއްކިއްޔާ މަންމައަށް ރަގަޅީ"

"މާކް. މަންމަމެން މިހެން އުޅުނަސް ހަށިގަނޑުގައި ހިގަނީ ޝާހީ ލޭ. ލޯތްބަށްޓަކާ ބައެއް ރަސްކަލުން ތާޖާއި ތަޚުތު ދޫކުރާވާހަކަ މާކްވެސް އަހަމެއްނު. ލޯބީގެ ބާރު ވަރަށް ގަދަވާނެ. މިޒަމާނުގައި އެފަދަ ލޯބި ފެންނާނީ މަދު ފަހަރެއްގައި. ނާޔަލްއާއި ކެމީލާ ލޯބީގެ މިސާލެއްފަދަ. ރޯމިއޯ ޖޫލިއަޓްފަދަ ލޯބިވެރިންގެ ސަފުގައި ހިމެނޭނެ. ދެކުދިން އެކަކު އަނެކަކު ދެކެ ވާ މަތިވެރި ލޯބި އެންމެ ކައިރިން ފެންނަނީ މަންމައަށް. ހިތާމައަކީ ދެކުދިންވެސް ނުރައްކާތެރި ބައްޔަކާއި ހަގުރާމަކުރާކަން. އެކަމާ ހިތްދަތިވެ ވިސްނަމުންގޮސް މަންމައަށްވެސް ނުކެވޭ........" މާކަސްއާއި ސޯފިޔާ ދެއްކިހާ ވާހަކަތައް ދޮރުފަތުގެ ނިވަލުގައި ހުރި ނަތާލީގެ ކަންފަތަށް އިވުނީ ސާފުކޮށެވެ. ސޯފިއާ ޝާހީ އާއިލާއެކޭ ބުނިވަގުތުން ހިތަށް ފިނިވީގޮތަށް އަދިވެސް ހިތުގެ ތެޅުން މަޑެއްނުވެއެވެ.

މާކަސް ގޮނޑި ދަމައިލި އަޑަށް ނަތާލީ އަވަސްއަވަހަށް ފަހަތަށް ދެމިގަތެވެ.

ސޯފިއާ އެބުނީ ތެދުވާހަކައެއް ހެއްޔެވެ؟ ސޯފިއާ އެހެން ބުނީ މާކަސް އޮޅުވާލަންބާވައެވެ. އޭނައާއި ރައްޓެހިވެގެން އުޅެނީ އޭނަގެ މޮޅުކަމާއި ޝާހީކަމަށްޓަކާ ސޯފިއާ ހީކުރަނީ ކަމަށް ވެދާނެއެވެ. މާކަސްގެ ޚާންދާން އެނގުމުން ނަތާލީ އަދި ވަކިން މާކަސް އަށް ހިތް ކިޔުނެވެ. ހަމައެކަނި ބަލައިލަން ރީތީއެއް ނޫނެވެ. ޝާހީ ޚާންދާނެއްގެ ޒުވާނެކެވެ. ދެރައީ ހަމައެކަނި އުމުރުގެ ތަފާތެވެ. ނަމަވެސް މިއަށް ލޯތްބޭ ކިޔޭނެހެއްޔެވެ. އޭނައަށް ހަގީގީ ލޯތްބެއް ވެވުނީ ހަމައެކަނި ނާޔަލްގެ ބައްޕަ އަލީ މައިކަލްދެކެއެވެ. އަލީ ފެނިފާ އޭނަ ދީވާނާވާވަރުވިއެވެ. އޭރު ހަމަ އުޅެވުނީ ހިޔަނިހެން ފަހަތުގައި ޖައްސާފައެވެ. އެހާ ރޮމެންޓިކް މަޖާ މިޒާޖެއްގެ ޒުވާނެކެވެ. ނަމަވެސް ނިކަމެތި އިންސާނުންނަށް ތަގުދީރުގެ ޕްލޭނަކާއި ދެކޮޅެއްނެހެދޭނެއެވެ. އެންމެ ލޯބިވާ ބައިވެރިޔާ ޒުވާން އިރު ވަކިވެގެން ދިޔައީ އޭނަގެ ކައިރީވީ ވައުދުތައް މަތިން ހަދާން ނައްތާލާފައެވެ. އަބަދަށް އެކީގައިވާން ބުނެފައި އެދިޔައީ ދުވަހަކު ނުފެންނަ ހިސާބަށެވެ. މާކަސްއަށް މައިކަލްއަކަށް ނުވެވޭނެއެވެ. އެފަދަ ލޯތްބެއް އޭނަގެ ހިތުގައި މާކަސްއަށްޓަކާ ނުއުފެދޭނެއެވެ. މާކަސްއާއި ޖޫލްގެ މަންމަ ވަކިކުރުވުމަކީ ކުރެވުނު އެންމެ ރަގަޅުކަމެއްތޯ ވެސް ސުވާލު އުފެދުނެވެ. ޒުވާން ލޯބިވެރިޔަކާއިއެކު ދުނިޔަވީ އުފާ ހޯދުމުގައި ޣާފިލުވާކަށް މިހާރު ހިތަކު ނެތެވެ. ނާޔަލްއަކީ އޭނަގެ އުފާތަކެވެ. އެކުއްޖާ ނެތުމަށްފަހު ދުނިޔެއިން ބޭނުންވާނެ އެއްވެސް އުފަލެއްނެތެވެ.

އެކަނި ހިނގަން ނާޔަލްއަށް ފަސޭހައެއް ނޫނެވެ. މީހެއްގެ އެހީތެރިކަމާއެކު ނޫނީ ތަންތަނުގައި ހިފައިގެން ހިގަންވެސް އުދަގޫވާ ހިސާބަށް ހިގައްޖެއެވެ. ނެތް ހިތްވަރުލާފައިވެސް ނާޔަލް ތެދުވެ އުޅެނީ އޭނަ ބަލިކަން އެހެން މީހުންނަށް ސިއްރުކުރާށެވެ. ނަމަވެސް އެއީ ސިއްރުވާކަހަލަ ކަމެއްވެސް ނޫނެވެ. ގަވާއިދުން ނަމާދުކޮށްގެން ކާކޮޓަރިއަށް ކާން ގޮސް ސިޓިންރޫމްގައި މަންމަމެންނާއިއެކު އުޅެފައި ކުޑަކޮށް ހިނގާލަންވެސް ނުކުމެއެވެ. އެކަމަކު ގިނަވަގުތު ނިދިއައިސްގެން ލޯ ހުޅުވާލެވޭވަރެއް ނުވެއެވެ. މޯފިންފަދަ ބޭސްތައް ކާންފެށުމުން ވާގޮތޭ ކިޔާފައި ނާޔަލް ހީ ހަދައެވެ. ފައިދުޅަވެގެން ސްޓިރޮއިޑްވެސް ކާން ޖެހޭތީ ގިނައިން ކާ ހިތްވެއެވެ. ކެމީލާ ނާޔަލް ފެންވަރުވާ ނިޔަފަތިތައް ކަނޑާދީ ހެދުން ލައްވާދެއެވެ. މެންދުރު ކެއުމަށްފަހު ކެމީލާ ނާޔަލް ގޮވައިގެން ދިޔައީ ނާޔަލް ލޯބިން ގެންގުޅުނު އޭނަގެ ސްޓޫޑިއޯއަށެވެ. ކެމީލާ އެދުނީ އޭނަގެ ތަސްވިރެއް ކުރަހާދިނުމަށެވެ.

"ޖެކް ރޯޒް ކުރެހިގޮތަށް. ކުރީފަހަރު އެހާ ލޯބިން ކުރެހި ތަސްވީރު ހަލާކުކޮށްލެވުނީ. އައި ކާންޓް އެވާ ފޮގިވް މައިސެލްފް. މުޅި އުމުރަށް އެކަމާ ރިގްރެޓްކުރާނަން..." ކެމީލާ ނާޔަލްގެ ގައިގާ އަތް ވަށާލުމަށްފަހު މޭގައި ބޯޖައްސާލައިގެން އިރުކޮޅެއްވާންދެން ހުއްޓެވެ.

"ބޭބީ މޮޔަވާހަކަ ނުދައްކާ. ދުނިޔެއަކީ ނެތިގެންދާނެ އެއްޗެއް. ކިތަންމެ ލޯބިން ގެންގުޅުނު އާޓަކަސް ހުރިހާ އެއްޗެއް ހަލާކުވެގެންދާނެ. ވީއިރު އެކަމާ ނުވިސްނާ. ބުނީމެއްނު އަބަދަށް ހިނިތުންވާށޭ. ދެމީހުންވެސް މިއުޅެނީ އެހާ ބަލިކޮށް. އަހަރެން ކުރިން ވަކިވާން ޖެހުނަސް މަގޭ ފުރާނައަށް ހަމަޖެހުމެއް ލިބޭނީ އަހަރެންގެ ކެމް އުފަލުން ހުރިއްޔާ.....ޕްރޮމިސް މީ..." ނާޔަލް އަތްތިލަ ދިއްކޮށްލުމުން ކެމީލާ އެއަތުގައި ހިފައިލިއެވެ. ފިނި ގަނޑުފެންކޮޅެއްފަދަ ދެއަތްތިލަ ގުޅިގެންދިޔައެވެ. ނާޔަލް ކެމީލާ އެދުނުފަދައިން ކުރަހާލަދިނެވެ. ކިތަންމެ އަވަހަށް ކުރެހިކަމުގައިވިޔަސް ކިތަންމެހާވެސް ފުރިހަމައެވެ. ރީއްޗެވެ. އެކުރެހުން ނިމުނުއިރު ނާޔަލް ވަރުބަލިވެ ދެލޯ މެރޭގޮތްވެގެން ސޯފާގައި ޖައްސާލުމުން ކެމިލާއަށް ބައްދާލެވުނެވެ. ކެމިލާވެސް ބައްދާލައިގެން އެހެން އިންއިރު މަޑުމަޑުން ނާޔަލްގެ ގައިގާ ފިރުމަމުން އިސްތަށިގަނޑާއި ކުޅެމުންދިޔައެވެ. ހިތަށް އެއްޗެހި ނާރުވަން ހުއްޓަސް ނުރޯން ހިތްވަރުކުރިޔަސް ހިތް ކުދިކުދިވާވަރުވެއެވެ. އޭނަގެ ލޯބި އަބަދަށްޓަކާ އޭނަ ދޫކޮށްލާފައި ދިޔުމުން ދުނިޔޭގައި އުޅޭނީ ކިހިނެއްހެއްޔެވެ.

އެރޭ ނާޔަލް އިޝާ ނަމާދުކުރީ ގޮނޑީގައި އިނދެގެންނެވެ. ތެދުވާން އުޅުމުން އެއްގޮތަކަށްވެސް ނުތެދުވެވުނެވެ.

"ކެމް.....ހެލްޕް މީ..."ނާޔަލް ގޮވައިލީ ސޯފާގައި ގުރުއާން ކިޔަވަން އިން ކެމީލާއަށެވެ. ކެމީލާގެ ހިތަށް ނުބައިގޮތެއް ވުމާއިއެކު ފުން އަސަރުތަކެއްކުރިއެވެ. ނާޔަލްގެ ބަލި ބޮޑުވަނީކަން ވިސްނުނެވެ. މަޑުމަޑުން ދަށަށް ދަނީއެވެ. ނާޔަލް ގޮނޑިން ތެދުކުރާކަށް ފަސޭހައެއް ނުވިއެވެ. ވަރަށް މަސައްކަތުން އެނދާއި ހަމަޔަށް ގެންދެވުނެވެ. ކެމީލާ ނާޔަލްގެ މޭގައާއި އަތުގައި ފިރުމާލިއިރު ނާޔަލްއޮތީ ނިދިފައެވެ. ކާން ގެންނާނަމޭ ބުނުމުން ބުނީ ނުކެވޭނެކަމުގައެވެ. އެކަމަކު ނުކައިފިއްޔާ ހައްތާ ވަރުދެރަވާނީއެވެ. ނާޔަލްގެ ކެއުން އެހާ މަދެވެ. ނުކެވެނީއެވެ. ކާން އިންނައިރުވެސް ނިދުން ނޫންކަމެއް ނާޔަލްއަކަށް ނުވެއެވެ. ކެމީލާ ކައިރީގައި އޮށޯވެލަމުން ބައްދައިލިއެވެ.

"ޑޯންޓް ކްރައި ކެމް. ނާޔަލް އޮތީ ބުނެފައި ނުރޯށޭ. ހިތްވަރުކުރަންވާނެ. އެންމެފަހު ވަގުތާއި ހަމަޔަށްވެސް ނާޔަލްގެ ޚިދުމަތުގައި ހުންނަންޖެހޭނެ. ދެވުނުހާ ލޯތްބެއްދީ އަޅާލަންވާނެ" ކެމިލާ ހިންދިރުވާލިއެވެ.

"އައި ލަވް ޔޫ ޑާލިން.." ކެމިލާއަށް މަޑުމަޑުން ބުނެވުނެވެ.

ބަނޑުގައި ރިއްސާކަމުގެ އިހުސާސްކުރެވެން ފެށުމުން ކެމީލާ ބިރުގަންނަ ގޮތްވެއްޖެއެވެ. ފާޚާނާއަށް ގޮސްފައި އޭނަގެ ޝައްކު ޔަގީންކަމަކަށް ބަދަލުވިއެވެ. އެހާ އުއްމީދާއެކު ހުއްޓާ ޕީރިއެޑްވުމުން ހިތް ފަޅައިގެންދާވަރު ވެއްޖެއެވެ. އުއްމީދުގެ ހުޅުކޮޅު ނިވުނީއެވެ. ކެމީލާގެ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ. ހިތަށް ކުރީ ބަޔާންކުރަން ދަތި އަސަރުތަކެވެ. ނާޔަލްގެ ލޯބީގެ ނިޝާނެއް ދޫކޮށްފައި ދިޔަނަމަ ދިރިއުޅުން ކުރިއަށް ގެންދަން ފަސޭހަވީސްކަން ނޭގެއެވެ. ނަމަވެސް ވާނީ އެންމެ ރަގަޅަށޭ ބުނެއެއް ނޫންހެއްޔެވެ. ކުއްޖަކު ލިބުނުނަމަ އެކުއްޖަކު ބޮޑުވާނީ ބައްޕައެއްގެ ލޯތްބާއި ނުލައެވެ. ކުއްލިއަކަށް ކެމިލާގެ ހަނދާނަށް އައީ އެކުވެރިއެއްގެ ދަރިއެއްކަމަށްވާ ލިއަމް ގޮވައިގެން އައިސް ނާޔަލް އުޅުނުގޮތެވެ. އަމިއްލަ ކުއްޖެއް ހޯދަން ނާޔަލް އޭރު ބޭނުންވިވަރެވެ.

ބަނޑުގައި ރިހޭލެއް ގަދަވުމުން ހަނދާނަށް އައީ ނާޔަލް ހީޓިން ޕެޑް އަޅާދިން ދުވަސްތަކެވެ. އަޅާލި ދުވަސްތެކެވެ. ނާޔަލްގެ ލޯތްބާއި އޯގާތެރިކަމަށްޓަކާ ހިތް ބޭގަރާރުވިއެވެ. ނަމަވެސް ދެން ނާޔަލް އޭނައާއި ވަކިވެގެންދަނީއެވެ. ކިތަންމެ ތަދުވިޔަސް މިއަދު އޭނަ އިންނާނީ ނާޔަލްގެ ކައިރީގައެވެ. ކެމީލާ އެނދު ކައިރީ ގޮނޑި އަޅައިގެން އިނދެ ނާޔަލްގެ އަތުގައި ހިފަހައްޓާލައިގެން އެމޫނަށް ބަލަންއިނެވެ. އެއްވެސް ކަމަކަށް ނާޔަލް ބޭނުންވެދާނެތީ ކައިރީގައި އިންނަން ބޭނުންވީއެވެ. ފިޔަވަޅުތަކެއްގެ އަޑު އިވިގެން ބަލައިލިއިރު ނަތާލީއެވެ.

"ނާޔަލް މާ ބަލިވީތަ؟ ކާން ނައިސްގެން މިއައީ.." ނަތާލީއެހިއެވެ.

"މިރޭ ނަމާދުކޮށްގެން ގޮނޑިން ތެދުވެވުނީ އުދަގުލުން، ނިދިފައި މިއޮތީ ނުވެސް ކެވޭނެއޭ ބުނީ..." ކެމީލާއަށް ވާހަކަދެއްކުނީ އުދަގުލުން އަޅައަޅައިގެންފައެވެ. ނުރޯން އޭނަ ކުރާ މަސައްކަތް ނަތާލީއަށްވެސް ފެނުނެވެ. ނާއީވެސް މަންމަގެ ފަހަތުން ކަހަލަގޮތަކަށް ވަނެވެ. ނަތާލީ ނާއީއަށް ބަލާފައި ދޮންބެ މިރޭ މާ ބައްޔޭ ބުނުމުން ނާއީވެސް ހުރީ ހުއްޓުން އަރާފައެވެ. ނަތާލީ އެދުނީ ނާއީ ކޮޓަރީގައި މަޑުކުރުމަށެވެ. ނަތާލީ ކެމީލާ ކައިރީ އެދުނީ ކާން އައުމަށެވެ. ނުކައި ބަލިވެއްޖެއްޔާ ކެމީލާއަށް ނާޔަލްއަށް އެހީތެރިވާން ނީދެވޭނެކަމަށާއި ނާޔަލްއަށްޓަކާ ކައިގެން ސިއްހަތު ރަގަޅަށް ބަހައްޓަންވާނެކަމުގައި ނަތާލީ ބުނެލިއެވެ. ކެމީލާ ކެއީ ގަދަކަމުންނެވެ. އަރު ބެދިފައިވާހެން ހީވާއިރު ކާއެއްޗެއް ދިރުވޭނެހެއްޔެވެ. ކައި ނިމިގެން ނަތާލީއާއި ކެމީލާ އެކަނި ވުމުން ނަތާލީ ކެމީލާގާތު ދެއްކީ ނާޔަލްގެ ބައްޕަގެ ވާހަކަތަކެވެ. އޭނަ ލޯބި ވީ މިންވަރު ހާމަކޮށްދިނެވެ. ނާޔަލްގެ ބައްޕަ ބަލިވެއުޅުނުއިރު އޭނަވެސް ހޭލާ ކައިރީ އިންރޭތައް އަދަދު ނުކުރެވޭނެއެވެ. ނަތާލީ ބުނީ ނާޔަލް ދުނިޔޭގައި ހުރިކަމީ ލެއްވި ރަހުމަތެއްކަމަށާއި ހިތާމައަކީ ކެމީލާއަށް އެފަދަ ނަސީބެއް ނުލިބުމުން ކަމަށެވެ. ނަތާލީ މާފަށް އެދުނެވެ. ކެމީލާ ބުނީ މިރޭ އޭނަ ޕީރިއެޑް ވުމުން ހުރިހާ އުއްމީދެއް ގެއްލުނުކަމަށެވެ. ނަތާލީގެ ލޮލުން ކަރުނަ ފާއްދައިލިއެވެ.

ދަންވަރު ނާޔަލް ހޭލެވިގެން ބަލައިލިއިރު ކެމީލާ އިނީ ގޮނޑީގައި އިންގޮތަށެވެ. ނާޔަލްގެ އަތުގައި މަޑުމަޑުން ފިރުމާލަން އިންއިރު ދެލޮލުން މާޔޫސްކަން ފެނެއެވެ. ނާޔަލް އަހައިލީ ގަޑިންވީއިރެވެ.

"އަދިވެސް ބޭބީ ހޭލާތީނީ؟ އައިމް އޯކޭ ކީއްވެ ނުނިދާ ތީނީ. އަވަހަށްއާދޭ......" ނާޔަލް އަށް ވާހަކަދެއްކުނީ އުދަގުލުންނެވެ. ތެދުވާން މަސައްކަތްކުރުމުން ކަނާތު ފައި ހަލުވައެއް ނުލެވުނެވެ.

"އޫ........"

"ވަޓް ހެޕެންޑް..." ކެމީލާ ހާސްކަމާއިއެކު ތެޅިގެން ބޮކިތައް ދިއްލާލައިފިއެވެ.

"ނަތިން. ޕްލީޒް ޑާލިން އާދޭ އޮށޯވެލަން. އެނގޭތަ ތިހެން ނުނިދާ ހުރީމަ ބަލިވެދާނެކަން. އެރުން އަހަންނަށް ވާނީ ކިހިނެއްތަ؟ ބުނާގޮތް ހަދާ ބަލަ ބޭބީ ބޮކިތައް ނިވާލާފައި ހަގްކޮށްލަން އާދޭ. ކިހާ ފިނި.." ނާޔަލްގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. ކެމީލާ ބުނާގޮތަށް ހެދިއެވެ. ބޮކިތައް ނިވާލާފައި އެނދަށް އެރިއެވެ.

"އައި ގޮޓް މައި ޕީރިއެޑް..." ކެމީލާ ބުނެލީ މޮޅިވެރިކަމާއިއެކުގައެވެ.

"އެއީ އަދި ބޭބީ މާ ބިރުން ހާސްވެ އުޅެންޖެހޭވަރުކަމެއްތަ؟ ބޭސްކައިފިންތަ؟ ގެނެ މަސާޖުކޮށްލަދޭނަން..." ނާޔަލް ކެމީލާގެ ހެދުން ހިއްލާލުމުން ކެމީލާގެ ހިތް ފުރޭގޮތްވިއެވެ. އެހާ ބަލިއިރުވެސް ނާޔަލް އަޅާލާންޖެހޭހެއްޔެވެ. ނަމަވެސް ނޫނެކޭވެސް ނުބުނެވުނެވެ. އެއަތުގެ ފިރުމުމަކީވެސް ޝިފާއެކެވެ. ތަދުފިލާ އަރާމުވިއެވެ. ކެމިލާއަށް އޭރު ނެގުނީ ނާޔަލްގެ އެއް އަތާއި ފައި ހަރަކާތް ނުކުރެވޭކަމެވެ. ހެނދުނު ނާޔަލް އަށް އެނދުން ނުތެދެވުމުން ނާއީއާއި މާކަސްގެ އެހީތެރިކަން ހޯދަންޖެހުނެވެ. ނާޔަލްއަށް ނުހިގޭތީ ހޮސްޕިޓަލަށް ގެންދިޔުމުން އެޑްމިޓްކޮށްގެން ފަރުވާދިނެވެ. ފިޒިއޯއިން ކޮންމެވެސް ވަރެއްވިއެވެ. ނަމަވެސް ގެއަށް ގެންދަން ޖެހުނީ ފުރޮޅުލީ ގޮނޑީގައެވެ.

"ދިސް އިޒް ދަ އެންޑް ސްޓޭޖް. ދެން އަހަރެންގެ ލޯބި ރަގަޅުވާނެ ބާ..." ކެމީލާ ޕޯޓިކޯގައިވާ ތަބަކަށް ލެނގިލައިގެން ހުއްޓިލައިގެން ހުރިއިރު އެކިކަހަލަ ޚިޔާލުތައް ހިތަށް އުދަގޫކުރިއެވެ. އަދިވެސް ފިނި މޫސުމެވެ. ގަސްތަކުގައި ހަރުލާފައިވާ ސްނޯތަކުގެ ސަބަބުން ގޮފިތަކަށް ނުކުޅަދާނަވެގެން ލެނބިފައިވާއިރު ބިންމަތީގައި ފުނިޖެހިފައިވާ ސްނޯތަކަށް އަވި ދީފައި އޮތުމުން ދަޅައަޅައެވެ. ހިތްގައިމުކަމާއި ޗާލުކަމުން ބަލާބަލާ ފޫހިވާވަރެއް ނޫނެވެ. ކުއްލިއަކަށް ގޭޓުން ވަދެގެން އަންނަ މީހަކު ފެނިފާ ލިބުނު ހައިރާންކަމާއިއެކު އަނގަ ހުޅުވުނުގޮތަށް ހުއްޓާ އެމީހަކު އައިސް އަރާ ހަމަކުރިއެވެ.

(ނުނިމޭ... )

comment ކޮމެންޓް