ޚާޝުގްޖީގެ މަރާ ގުޅިގެން ސައުދީން ނެރުނު ބަޔާން ގަބޫލުނުކުރަން އދ. އިން ގޮވާލައިފި

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އަދި ތަރުޖަމާނު ސްޓެފާން ދުޖާރިކް --- ފޮޓޯ/ ގެޓީ

އދ. މަޖިލިސް (އޮކްޓޯބަރ 20) : އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓަށް ވަނުމާއެކު ގެއްލިފައިވާ ސައޫދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާބެހޭގޮތުން ސައޫދީ ސަރުކާރުން ނެރުނު ބަޔާން ގަބޫލުނުކުރުމަށް އދ. އިން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައިފިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވީ ޚާޝުގްޖީގެ މަރާބެހޭގޮތުން ސައޫދީ ސަރުކާރުން ނެރުނު ބަޔާނާމެދު އދ. ވަރަށް ކަންބޮޑުވާކަމަށާއި އެބަޔާނުގެ ސައްހަކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމުގައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް، ސައޫދީ ސަރުކާރުގެ ކިބައިން އެދެނީ ޚާޝުގްޖީގެ މަރުގެ މައްސަލަ ބޮލުން ނައްޓާލުމުގެ ބަދަލުގައި އެ މައްސަލަ ދެފުށް ފެންނަގޮތަށް ތަހުގީގުކޮށް، އެކަމުގެ ފަހަތުގައިވާ ހުރިހާ ފަރާތްތަކެއްގެ ނަންތައް ހާމަކޮށް އެފަރާތްތަކަށް ހައްގު އަދަބު ދިނުންކަމަށާ އެކަމުގައި ވަކި މީހަކު ބަރީއަކުރުމުގެ އުސޫލެއް ގެންގުޅެގެން ނުވާނެކަމަށްވެސް ޑުޖާރިކް ވިދާޅުވިއެވެ.

ސައުދީ ކޮންސިއުލޭޓަށް ވަނުމާއެކު ގެއްލިފައިވާ ޚާޝުގްޖީ އެތަނުގައި މަރާލިކަމަށް ތުރުކީގެ މަސްއޫލުވެރިން ތުހުމަތުކުރެއްވުމުން ސައޫދީ ސަރުކާރުން ފުރަތަމަ ވަނީ އެ ކަމަށް އިންކާރުކޮށްފައެވެ. ނަމަވެސް ތުރުކީ ކުރިޔަށް ގެންދާ ތަހުގީގުތަކާއެކު މި މައްސަލައިގެ ހަގީގަތް ބޭޒާރުވުމާއެކު ދުނިޔޭގެ ފިއްތުންތައް އާދަޔާ ޚިލާފަށް ބޮޑުވެގެން ދިއުމުން ސައުދީ ސަރުކާރުން އެންމެ ފަހުން ވަނީ އިސްތަންބުލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގެ ތެރޭގައި ޚާޝުގްޖީ މަރާލާފައިވާކަމަށް އެއްބަސްވެ، ބަޔާނެއް ނެރެފައެވެ.

ސައުދީ އެޓާނީ ޖެނެރަލް ޝެއިހް ސައުދު އަލް މުޖެއިބާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާ އެސްޕީއޭގައިވާ ގޮތުން ޚާޝުގްޖީ މަރުވެފައި ވަނީ ކޮންސިއުލޭޓު ތެރޭގައި ކުރިއަށް ގެންދިޔަ "މަޝްވަރާތަކެއް" ހޫނުވެ، ހަމަނުޖެހުމަކަށް ބަދަލުވުމުގެ ސަބަބުންނެވެ.

"އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި، ޖަމާލް ޚަޝޯގީ އާއި އޭނާއާ ބައްދަލު ކުރި މީހުންނާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާއެއް ތަޅާފޮޅުމަކަށް ބަދަލުވެ، (ޚާޝުގްޖީ) މަރުވީ،" އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

އަދި އެމައްސަލައިގެ ތަހުގީގު އަދި ވެސް ކުރިއަށްދާ ކަމަށާއި ސައުދީގެ 18 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ޝެއިހް ސައުދު ވިދާޅުވި އެވެ.

ނަމަވެސް ޚަޝޯގީގެ ހަށިގަނޑު ވީތަނެއް ސައުދީން އަދި ހާމަ ނުކުރެ އެވެ.

އެސްޕީއޭގައިވާ ގޮތުން އެމައްސަލައާ ގުޅިގެން ރޯޔަލް ކޯޓު އެޑްވައިޒަރު ސައުދު އަލް ގަހުތާނީ އާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހުމަދު އަލް އަސީރީ ވަނީ މަގާމުން ދުރުކޮށްފަ އެވެ.

ކޯޓުތަކުގެ ހުކުމުން ބޭރުގައި ޣައިރު ގާނޫނީ ގޮތުން މީހުން މެރުމާދެކޮޅަށް ހަރަކާތްތެރިވާ އދ. ގެ ރެޕަޓުއާ ވަނީ ސައޫދީގެ ބަޔާން ގަބޫލުނުކުރެވޭނެ ކަމަށް ވިދާޅުވި ޚާޝުގްޖީ މަރާލި މީހުންނާއި އެކަމަށް އަމުރުކުރި މީހުންގެ ނަންތައް ހާމަކުރުމަށް ސައުދީ ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައެވެ.

ޖަރުމަނުގެ ޗާންސެލަރު އެންގެލާ މާކަލްވެސް ވަނީ ޚާޝުގްޖީ މަރާލި މީހުންނަކީ ކޮންބައެއްކަން ހާމަކޮށް އެމީހުންނަށް އަދަބު ދިނުން ނޫންގޮތެއް ގަބޫލުނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ސައުދީ ކޮންސިއުލޭޓްގައި ޚާޝުގްޖީ އަވަހާރަކޮށްލުމަށްފަހު އޭނާގެ ހަށިކޮޅު ކަރަންޓް ކީހަކުން ބުރިބުރިކޮށް އެކި ބައި އެކިތަނުގައި ވަޅުލައި ހެކި ފޮރުވަން މަސައްކަތްކުރިކަމުގެ ތުހުމަތު ތުރުކީ ފުލުހުން ވަނީ ސައުދީ މަސްއޫލުވެރިންގެ މައްޗަށް ކޮށްފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް