އިމްރާން ޚާން މަގާމުން ވަކި ކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން -- ފޮޓޯ: ބްލޫމްބާގް

ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުން އިމްރާން ޚާން ޑިސްކޮލިފައި ކުރަން ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ މުސްލިމް ލީގު ނަވާޒް (ޕީއެމްއެލް-އެން)ގެ ލީޑަރު ހަނީފް އައްބާސީ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި އެވެ.

އިމްރާން ޚާން ޑިސްކޮލިފައި ކުރަން ހުށަހެޅީ އާމްދަނީ އާއި މުދަލުގެ ތަފްސީލް ހާމަ ނުކުރާ ކަމަށާއި ބޭރުގެ ކުންފުނިތަކުގައި އޭނާގެ ހިއްސާ އޮންނަ ކަމަށް ބުނެ އެވެ.

އެހެން ނަމަވެސް ޗީފް ޖަސްޓިސް ސަގީބް ނިޒާރު ރިޔާސަތު ބަލަހައްޓާ ސުޕްރީމް ކޯޓުގެ ބެންޗުން އެ މައްސަލަ ބޭރުކޮށްލީ ޕީއެމްއެލް-އެން ހުށަހެޅި އެ މައްސަލައިގައި އެއްވެސް ގާނޫނީ ނުކުތާއެއް ފާހަގަކޮށްފައި ނުވާ ކަމަށް ބުނެ އެވެ.

ޕީއެމްއެލް-އެންގެ ލީޑަރު ހަނީފް އައްބާސީގެ ގާނޫނީ ވަކީލު ބުނެފައި ވަނީ އިމްރާން ޚާން އޭނާގެ އާންމުދަނީއާ މުދަލާ ބެހޭ ތަފްސީލުތައް ހާމަކުރުމަށް ހުރިހާ ލިޔެކިޔުމެއް ހުށަ ނާޅާ ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ލިޔެކިޔުންތަކެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ޗީފް ޖަސްޓިސް ސަގީބް ނިޒާރު ވިދާޅުވީ އެކަށީގެންވާ ވަރަށް ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށާއި، އިމްރާން ޚާން ހުށަހަޅާފައިވާ ލިޔެކިޔުންތަކާ މެދު ކޯޓުން ހިތްހަމަ ޖެހޭ ކަމަށެވެ.

ކުރިން އެގައުގެ ބޮޑުވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފުގެ ބޮޑުވަޒީރު ކަމުގެ މަގާމު ގެއްލުނީ އޭނާ ގައުމުން ބޭރުގައި ވިޔަފާރި ކުރާ ކަމަށް ސާބިތުވުމުން އޭނާގެ މަގާމު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

ތަހްރީކީ އިންސާފް ޕާޓީގެ ލީޑަރު އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ޖުލައި މަހު ބޭއްވި އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

comment ކޮމެންޓް