ގައުމީ ޓީމްގެ ކުރީގެ ކޯޗު ޑެރެން ސްޓެވާޓް މަރުވެއްޖެ

ގައުމީ ޓީމްގެ ކުރީގެ ކޯޗު ޑަރެން ސްޓެވާޓް: އޭނާ ވަނީ ރޭ މަރުވެފަ --- ސަން ފޮޓޯ: ފަޔާޒް މޫސާ

ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކޯޗު އޮސްޓްރޭލިއާގެ ޑެރެން ސްޓެވާޓް، އުމުރުން 52 އަހަރުގައި މަރުވެއްޖެއެވެ.

ގައުމީ ޓީމްގެ ކޯޗު ކަމުގައި މިހާރު ހުރި ޕީޓާ ސެގެޓް އެ މަގާމަށް ގެނައުމުގެ ކުރިން ކޯޗުގެއް ގޮތުގައި ހުރި ސްޓެވާޓް މަރުވެފައިވަނީ ރޭ ދަންވަރު ކަމަށް އޮސްޓްރޭލިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ސްޓެވާޓް މަރުވި ސީދާ ސަބަބެއް އަދި ނޭންގެއެވެ.

ސްޓެވާޓް ރާއްޖޭގެ ގައުމީ ޓީމާ ފުރަތަމަ ހަވާލުވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ވަގުތީގޮތުން އޭނާ ޓީމާ ހަވާލުވީ ތިންމަހުގެ މުއްދަތަށެވެ. އޭނާ ރަސްމީކޮށް ޓީމާ ހަވާލުވެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ކޮންޓްރެކްޓްގެ މުއްދަތު މި އަހަރުގެ ފެބްރުއަރީއަށް ހަމަވި އިރު އެފްއޭމްއިން ވަނީ ކޮންޓްރެކްޓް އާނުކޮށް ސްޓެވާޓް ފޮނުވާލާފައެވެ.

ޑެރެން ސްޓެވާޓަކީ 1992ގައި އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ޑިފެންޑަރަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ކޯޗިން ކެރިއަރު ފެށީ، ސިންގަޕޫރު ސުޕަރ ލީގުގެ ކްލަބެއް ކަމަށްވާ ބަލެސްޓިއާ ޚަލްސާގެ ކޯޗެއްގެ ގޮތުގައެވެ. އެއަށް ފަހު 2008-2011އަށް މެލޭޝިއާގެ ގޮމްބަކް ޔުނައިޓެޑްގެ ކޯޗު ކަމާއި، 2012-2013އަށް ބަލެސްޓިއާ ޚަލްސާއަށް، އަދި ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރީން 2014-2015އަށް ސްޓެވާޓް ވަނީ ސިންގަޕޫރުގެ ވުޑްލޭންޑްސް ވެލިންޓަނަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ސްޓެވާޓްގެ ކޯޗު ކަމުގައި ރާއްޖެ އެންމެ ފުރަތަމަ ކުޅުނު މެޗަކީ ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. އެމެޗުން ރާއްޖެ ވަނީ 5-0 ނަތީޖާއަކުން މޮޅުވެފައެވެ. އެއަށް ފަހު، އޭޝިއަން ކަޕް ކޮލިފިކޭޝަން ޕްލޭއޯފްގައި ލާއޯސް އަތުން ފުރަތަމަ ލެގުގައި 4-0 އަދި ދެވަނަ ލެގުގައި 1-1 އެއްވަރުވެ (5-1)ގެ އެގްރިގޭޓް ނަތީޖާއަކުން ރާއްޖެއަށް ކޮލިފައިންގެ ފުރުސަތު ލިބުނެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން ބަލިވީ، 3-0 ލަނޑުންނެވެ. އަދި ބޫޓާން އަތުން 2-0 ލަނޑުން މޮޅުވި ނަމަވެސް އޮމާން އަތުން ރާއްޖެ ވަނީ 5-0 ލަނޑުން ބަލިވެފައެވެ.

comment ކޮމެންޓް