ބީއެމްއެލް އިން ގައުމީ ޓީމަށް ހަލައްކަ ރުދިޔާ ހަދިޔާކޮށްފި

މިއަދު ޖެންގައި ބޭއްވި ބައްދަލުވުގެ ތެރެއިން --

ބީއެމްއެލް އިން ގައުމީ ޓީމަށް ހަދިޔާގެ ގޮތުގައި 600،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

މިއަދު ހެނދުނު ހޯޓެލް ޖެންގައި ގައުމީ ޓީމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެ ފައިސާ ޓީމާ ހަވާލުކޮށްފަ އެވެ. ކުޅުންތެރިންގެ މޫނުތަކުން ފެނިގެން ދިޔައީ މުޅިން ވެސް ހިނިތުންވުމާ އުފާވެރިކަމެވެ.

ހަލައްކަ ރުފިޔާ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ބެހުމަށް ވަނީ ނިންމައިފަ އެވެ. އެ ފައިސާގެ އިތުރުން 20000 ރުފިޔާގެ އަގު ހުރި ޓްރެވެލް ކާޑެއް ވެސް ވަނީ ކުޅުންތެރިންނަށް ދީފަ އެވެ.

މިއަދު ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ "ސަން" އަށް ބުނީ ބޭންކުން އެހާ ބޮޑު ހަދިޔާއެއް ދީފައި ވަނީ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ބޮޑަށް މާޔޫސްވެފައި ތިބި ދަނޑިވަޅެއްގައި ކަމަށެވެ.

"އަޅުގަނޑުމެން މި ދުވަސްކޮޅު ވަރަށް ހުރިހާ ކުޅުންތެރިން ވެސް، ސަރުކާރުން ވެސް އެއްވެސް އެހީއެއް ނުލިބުނީމަ ވަރަށް މާޔޫސްވެފައި ތިބި ވަގުތެއްގައި ބޭންކުން ފުރަތަމަ ރެސްޕޮންޑުކޮށް އަޅުގަނޑުމެންނަށް މިވަރުގެ ހަދިޔާއެއް ދެއްވީތީ، އަޅުގަނޑުމެންގެ ޓީމުގެ ހުރިހާ މެމްބަރުންގެ ނަމުގައި ބީއެމްއެލްއަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރަން." އޭނާ ބުންޏެވެ،

ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްފި ނަމަ ކޮންމެ ކުޅުންތެރިއަކަށް ބޯނަސް ދޭން ސަރުކާރުންނާއި އެފްއޭއެމް އިން ވެސް ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް ކުޅުންތެރިންގެ މުސާރައާ އެކު އެ ބޯނަސް ދިނުމުގައި ވެސް ވަނީ ލަސް ވެފަ އެވެ.

މިއަދު އަކްރަމް ބުނީ އަދި ވެސް ބޯނަސްއާއި މުސާރަ ކުޅުންތެރިންނަށް ލިބިފައި ނުވާ ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް މިއަދު "ސަން" އަށް ވިދާޅުވީ ކުޅުންތެރިންގެ ބޯނަސްގެ ކަންކަން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހަމަޖައްސަމުންދާ ކަމަށެވެ.

comment ކޮމެންޓް