ނިލަންދޫ އަތުން އީގަލްސްއަށް ބޮޑު މޮޅެއް

އީގަލްސް އިއްޔެ ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ފ. ނިލަންދޫ ބަލިކޮށްފަ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފ. ނިލަންދޫގެ މައްޗަށް 7-2 އިން ކުރި ހޯދައި ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ލީގުގެ ދެވަނައިގައި އޮވެ ނިންމާލައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއިން ވަނީ ހަތަރު ގޯލް ޖަހައިފައެވެ. ފުރަތަމަ ގޯލް މެޗުގެ ފަސް ވަނަ މިނެޓުގައި ކާމިޔާބު ކުރީ މުހައްމަދު ނާއިމް އެވެ. އޭނާ އެ ގޯލު ޖެހީ ނިލަންދޫ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ދެ ވަނަ ގޯލް ނުވަ ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޖުމައިލް ޖަމީލްއެވެ. އެ ގޯލަކީ ނިލަންދޫގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އޭނާ ކާމިޔާބު ކުރި ގޯލެކެވެ. އީގަލްސްގެ ތިން ވަނަ ގޯލު ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ކާމިޔާބު ކުރި އިރު ހަތަރު ވަނަ ގޯލު ކާމިޔާބު ކުރީ އަހްމަދު ރިޒުވާން (ރިޒޭ) އެވެ.

ނިލަންދޫގެ ދެ ގޯލު ޖެހީ ދެވަނަ ހާފުގެ ކުރީ ކޮޅު އެ ޓީމުގެ ބިދޭސީ ފޯވާޑް އަޑޮކޫ ލޫކަސް އެވެ. ނިލަންދޫގެ ދެ ގޯލާ އެކު އެ އީގަލްސް ޕްރެޝަރަށް ވެއްޓުނު ނަމަވެސް އެ ޓީމު ވަނީ މާ ގިނަ އިރުތަކެއް ނުވަނީސް މެޗުގެ ކޮންޓްރޯލު ހޯދާފައެވެ.

އީގަލްސް އިން ފަސް ގޯލު ޖެހީ 73 ވަނަ މިނެޓުގައެވެ. އެ ގޯލު ވެސް ކާމިޔާބު ކުރީ ރިޒޭއެވެ. އެ ޓީމުގެ ހަ ވަނަ ލަނޑު 87 ވަނަ މިނެޓުގައި ނާއިމް ކާމިޔާބު ކުރި އިރު ފަހު ގޯލަކީ އިތުރު ވަގުތުގެ ތެރޭގައި ނިލަންދޫގެ އަލީ ހާޝިމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގައި އެންމެ ބޮޑަށް ފާހަގަ ކުރެވިފައި ވަނީ ހަތަރު މެޗުގައި ޖުމްލަ 13 ގޯލް ޖަހާފައިވާ ރިޒޭގެ ކުޅުމެވެ. އިއްޔެގެ މެޗުގައި އޭނާ ދެ ގޯލު ޖެހި އިރު އޭނާ ވަނީ މީގެ ކުރިން ތިމަރަފުށި ކޮޅަށް ހަތަރު ގޯލް ޖަހާފައެވެ. އަދި ފޯކައިދޫ އާއި ފެހެންދޫ މި ދެ ޓީމާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އޭނާ ހެޓްރިކް ހެދިއެވެ.

ރޭ ގްރީން ސްޓްރީޓުން ނިއު ހިފަހައްޓާފައިވާ އިރު ތާވަލުގެ އެއް ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ޓީސީއެވެ. ދެ ވަނައިގައި 20 ޕޮއިންޓާ އެކު އީގަލްސް އޮތް އިރު ތިން ވަނައިގައި 19 ޕޮއިންޓާ އެކު އޮތީ މާޒިޔާއެވެ. ގްރީން ސްޓްރީޓު އޮތީ ޕޮއިންޓުގެ ގޮތުން ނިއުއާ އެއްވަރުވި ނަމަވެސް ގޯލް ޑިފަރެންސުން ފަސް ވަނައިގައެވެ. އެ ދެ ޓީމަށް ވެސް ލިބިފައި ވަނީ 18 ޕޮއިންޓެވެ.

comment ކޮމެންޓް