ގްރީން ސްޓްރީޓް އަތުން އެއްވަރުވެ ނިއު ހަތަރު ވަނައިގައި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ގްރީން ސްޓްރީޓުން ފަހު ވަގުތު ދެ ލަނޑު ޖަހައި މެޗު އެއްވަރު ކުރުމުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓު ގެއްލި ލީގުގެ ހަތަރު ވަނައަށް ސޮއްސާލައިފިއެވެ.

ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2ގެ ނަތީޖާއިންނެވެ. ނިއު ރޭ މޮޅުވި ނަމަ ލީގުގެ ތިން ވަނަ ލިބޭނެއެވެ. އަދި ހަތަރު ލަނޑުގެ ތަފާތަކުން މޮޅުވި ނަމަ ދެވަނަ ލިބޭނެއެވެ.

މެޗުގައި ނިއުއިން ދެ ގޯލު ވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގައެވެ. މެޗުގެ ފުރަތަމަ ގޯލު 26 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ)އެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ ދުރުން ނެގި ބާރު ޝޮޓަކުންނެވެ. ދެވަނަ ގޯލަކީ ގްރީން ސްޓްރީޓުގެ މުހައްމަދު ސާއިފް އޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

ދެވަނަ ހާފުގައި ވެސް ނިއުއިން ގިނަ ފުރުސަތުތަކެއް އުފައްދައި ގޯލަށް ނުރައްކާ ކުރިއެވެ. އެހެން ނަމަވެސް ކައުންޓާ އެޓޭކެއްގައި ލިބުނު ފުރުސަތަކުން ގްރީންގެ އަވީލާ ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.

ގްރީން ސްޓްރީޓުން ނަތީޖާ އެއްވަރު ކުރީ ނިއުގެ ކުޅުންތެރިޔަކު ކުރި ފައުލަކަށް ރެފްރީ ގްރީން ސްޓްރީޓަށް ޖެހުމެއް ދިނުމުން، ނިއުގެ ކުޅުންތެރިން އެކަމާ މައްސަލަ ޖައްސަން ތިބި ދަނޑިވަޅުގައި އެކަމުގެ ފައިދާ ނަގައިގެންނެވެ. ނިއުގެ ކުޅުންތެރިން މައްސަލަ ޖައްސަން ތިއްބާ އައްސަދު އަލީ (އަޑުބަރޭ) ވަނީ އެ ބޯޅަ އަވަސް އަވަހަށް މުހައްމަދު ރިސްވާން އަށް ފޮނުވާލައިފައެވެ. ރިސްވާން ވަނީ އަކްރަމް އަބްދުލްގަނީ ކައިރިން ނައްޓާލައި ނިއުގެ ކީޕަރު މުހައްމަދު ފައިސަލްގެ އަތްދޭތެރެއިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

އެ މެޗުން ލިބުނު ޕޮއިންޓާއެކު ނިއުއަށް މިހާރު ލިބިފައި ވަނީ ޖުމްލަ 18 ޕޮއިންޓެވެ. ނިއު ތާވަލުގެ ހަތަރު ވަނައިގައި އޮތް އިރު ތާވަލުގެ އެއް ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ޓީސީއެވެ. ދެ ވަނައިގައި 20 ޕޮއިންޓާ އެކު އީގަލްސް އޮތް އިރު ތިން ވަނައިގައި 19 ޕޮއިންޓާ އެކު އޮތީ މާޒިޔާއެވެ. ގްރީން ސްޓްރީޓު އޮތީ ޕޮއިންޓުގެ ގޮތުން ނިއުއާ އެއްވަރުވި ނަމަވެސް ގޯލް ޑިފަރެންސުން ފަސް ވަނައިގައެވެ.

comment ކޮމެންޓް