އެމެރިކާ މިހާރު ކުރަނީ ޚާޝުގްޖީ މައްސަލަ އޮއްބާލުމުގެ މަސައްކަތް

ޓްރަމްޕް

އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ގެއްލިފައިވާ ސައޫދީ ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީގެ މައްސަލާގައި ސައޫދީ އަށް ކުރިމަތިވަމުންދާ ފާޑުކިޔުންތައް ކުށްވެރި ކުރައްވައި ސައޫދީގެ ދިފާއުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފި އެވެ.

ޓްރަމްޕް ވިދާޅުވީ ޚާޝުގްޖީ ގެއްލުނު މައްސަލައިގެ ހަގީގަތް ނޭނގޭ އިރު އޭނާ އަވަހާރަކޮށްލި ކަމުގެ ތުހުމަތު ސައޫދީގެ ބޮލުއަޅުވައި ސައޫދީ އިސް މަސްއޫލުވެރިންނަށް ފާޑުކިޔުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމުގަ އެވެ. ޓްރަމްޕް ވަނީ ޚާޝުގްޖީ ގެއްލިފައިވާ މައްސަލާގައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ ފޯނުން ގުޅުއްވުމުން ޚާޝުގްޖީ އާބެހޭ މައުލޫމާތު އެނގިވަޑައިގެންފައި ނުވާކަން ސަލްމާން ރަސްގެފާނު ކަށަވަރުކޮށް ދެއްވިކަމަށް ކުރިން ވިދާޅުވެފަ އެވެ.

މިއާ އެކު އެކަމާ ބެހޭ ތަހްގީގްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ރަސްގެފާނު ވިދާޅުވުމުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް ޓްރަމްޕް ކުރިން ވަނީ ޚާޝުގްޖީ ގެއްލުނު މައްސަލައިގެ ހަގީގަތް ނޭންގުނު ނަމަވެސް ސައޫދީ އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ޚާޝުގްޖީގެ މައްސަލާގައި ސައޫދީ އާ ދެކޮޅަށް ވޭންދެނިވި ފިޔަވަޅުތަކެއް އަޅާނެކަމުގެ ހަރުކަށި އިންޒާރުތަކެއް އެތައް ފަހަރެއްގެ މަތިން ދެއްވައިފަ އެވެ. ޓްރަމްޕްގެ ސައޫދީ އާ ދެކޮޅަށް ނެންގެވި މިހަރުކަށި ސްޓޭންޑްގެ ރާގު ކުއްލި ގޮތަކަށް ބަދަލުކުރައްވާފައި ވަނީ އެމެރިކާއާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ސައޫދީން ދިނުމަށްފަހު އެވެ.

ސައޫދީގެ އިންޒާރުގައި އެގައުމާ ދެކޮޅަށް ފިޔަވަޅެއް އަޅައިފި ނަމަ އެމެރިކާއާ ދެކޮޅަށް ތިރީހަށް ވުރެ ގިނަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ. މީގެތެރޭގައި އެމެރިކާއަށް ވިއްކާ ތެލުގެ މިންވަރު ދަށްކޮށްލުމާއި އެމެރިކާގެ ހަތިޔާރުގެ ބަދަލުގައި ރަޝިޔާ އިން ހަތިޔާރު ގަތުމާއި ސައޫދީގައި ރަޝިޔާގެ އަސްކަރީ ބޭހެއް ގާއިމްކުރުން ހިމެނޭކަން ވެސް ސައޫދީ ޝާހީ އާއިލާއާ ގާތް ގުޅުންތަކެއް އޮންނަ ބޭފުޅެއް ކަމަށްވާ ތުރުކީ އައްދަޚީލް އެމެރިކާއަށް އަމާޒުކޮށް ވިދާޅުވެފައިވެ އެވެ. މިއިންޒާރަށް ފަހު ޓްރަމްޕް ވަނީ އޭނާ ކުރިން ސައޫދީ އާ ދެކޮޅަށް ދެއްކެވި ހަރުކަށި ވާހަކަތަކުގެ ރާގު ވަރަށް ބޮޑަށް ބަދަލުކުރައްވައިފަ އެވެ.

މިމައްސަލާގައި ޓްރަމްޕް އެންމެފަހުން ކުރެއްވި ޓްވީޓްތަކުގައި ވަނީ ޚާޝުގްޖީގެ މައްސަލާގައި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ފޯނުން ދެއްކެވި ވާހަކަތަކުގައި ކޮންސިއުލޭޓްގެ ތެރޭގައި ޚާޝުގްޖީއަށް ކަމެއް ދިމާވިކަން އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާކަން ބިން ސަލްމާން ކަށަވަރުކޮށް ދެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި ކުށް ސާބިތުވަންދެން ތުހުމަތު ކުރެވޭ މީހާއަކީ ބަރީއަ މީހެއްކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޚާޝުގްޖީގެ މައްސަލާގައި ސައޫދީ މަސްއޫލުވެރިންގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.

ތުރުކީގެ މަސްއޫލުވެރިއަކު ވަނީ ޚާޝުގްޖީ ސައޫދީ ކޮންސިއުލޭޓް ތެރޭގައި އަވަހާރަކޮށްލި ކަމުގެ ފުރިހަމަ ހެކި މިހާރު ލިބިފައިވާ ކަން ކަށަވަރުކޮށް ދެއްވައި އެސޯސިއޭޓެޑް ޕްރެސް އަށް ބަސްދީ ގަތުމެއް ދެއްވައިފަ އެވެ. އެމެރިކާ މިމައްސަލާގައި ކުރިން ސައޫދީ އާ ދެކޮޅަށް ކިތަންމެ ވަރަކަށް އަޑުއުފުލައި އިންޒާރުތައް ދިން ނަމަވެސް މިހާރު އެމެރިކާ ކުރަމުން ގެންދަނީ ސައޫދީ އާ ގުޅިގެން މިމައްސަލަ އޮއްބާލުމުގެ މަސައްކަތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

comment ކޮމެންޓް