އިބޫ އަށް ލިބުނު ވޯޓަކީ ރައީސް ޔާމީނަށް ލިބުނު ވޯޓު ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހަޅައިފި

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ލިބިވަޑައިގެންނެވި ހުރިހާ ވޯޓެއް ރައީސް އަބްދުﷲ ޔާމީނަށް ދެއްވުމަށް އެދި ގާނޫނީ ވަކީލަކު ހައިކޯޓަށް މަައްސަލައެއް ހުށަހަޅުއްވައިފި އެވެ.

އެ މައްސަލަ މިއަދު ހައިކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުލްމާނިއު ހުސައިން އެވެ.

މައްސަލަ ހުށަހެޅުއްވި ސަބަބެއް ކަމަށް މާނިއު ވިދާޅުވެފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓް ނަމްބަރު އެކެއް ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުން އެ ފާހަގަ ކެންޑިޑޭޓް ނަމްބަރު ދޭއް، އިބޫއަށް ވޯޓު ދޭން ފާހަގަ ޖަހާ ގޮޅިއަށް ކެމިކަލެއްގެ ސަބަބުން ބަދަލުވެފައިވާ ކަމަށް ތުހުމަތުކޮށެވެ.

އެކަން އެގޮތަށް ސާބިތުވާ މުއުތަބަރު ހެކި ވެސް ލިބިފައިވާ ކަމަށް މާނިއު ހުށަހެޅުއްވި މައްސަލާގައި ވަނީ ވިދާޅުވެފަ އެވެ. ހެއްކެއްގެ ގޮތުން ހުށަހަޅުއްވާފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީގެ ނަންފުޅެވެ.

އެ މައްސަލަ ކޯޓުން ބައިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުއާޒު ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވީ ވޯޓު ކަރުދާހުގައި ޖެހި ފާހަގަ ބަދަލުވާ މަންޒަރު ފެނުނު މީހަކާ ހަވާލާދީ އޭނާ ދައްކާފައިވާ ވާހަކަތަކެއްގެ ސަބަބުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެ ހެކިތަކަށް ބެލުމަށް ފަހު އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ވޯޓު ރައީސް ޔާމީނަށް ދެއްވުމަށް އެދި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ވޯޓު އިބޫއަށް ދެއްވުމަށް މައްސަލާގައި ވަނީ އެދިވަޑައިގެންފަ އެވެ.

މިދިޔަ މަހު 23ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވީ ވޯޓް ދިން މީހުންގެ 58.4 ޕަސެންޓް (134،705) ވޯޓާ އެކު އެވެ. ރައީސް ޔާމީންނަށް ލިބިވަޑައިގެންފައި ވަނީ ވޯޓު ދިން މީހުންގެ 41.6 ޕަސެންޓް (96052) ވޯޓެވެ.

comment ކޮމެންޓް