ޑިމޮކްރެސީއެއްގައި މީޑިއާއެއްގެ މުހިންމުކަން ވަރަށް ބޮޑު: މައުރޫފު

މައުރޫފް މިއަދުގެ ހަފުލާގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑިމޮކްރެސީއެއްގައި ރާއްޖެ ދަތުރުކުރަމުން ދާއިރު މީޑިއާގެ މުހިންމުކަން ވަރަށް ބޮޑު ކަމަށް ސަން ސިޔާމް ގުރޫޕުގެ ޑައިރެކްޓަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިން ރީ ލޯންޗް ކުރުމަށް އާޓް ގެލެރީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މައުރޫފު ވިދާޅުވީ މީޑިއާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ރާއްޖެއަށް ކޮށްދެނީ ވަރަށް ހިދުމަތްތެރި މަސައްކަތްތަކެއް ކަމަށެވެ.

މީޑިއާއެއްގައި މަސައްކަތް ކުރުމަކީ ފަސޭހަކެމެއް ނޫންކަން ފާހަގަކުރައްވައި މައުރޫފު ވިދާޅުވީ މީޑިއާތަކުން މަސައްކަތް ކުރަންވާނީ މީޑިއާއެއްގެ މުހިންމުކަން އެނގިގެން ކަމަށެވެ.

"ޑިމޮކްރެސީއެއްގެ ތެރޭގައި ދިވެހިރާއްޖެ ދަތުރު ކުރުމުން ދާއިރު މީޑިއާއެއްގެ މުހިންމުކަން ވަރަށް ބޮޑު." މައުރޫފު ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވީ ސަން މީޑިއާ ގުރޫޕުގެ މުވައްޒަފުން ގައުމަށް ކޮށްދެމުންދާ ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިހާތަނަށް ސަން އޮންލައިން ހިންގާފައި ވަނީ ވެސް ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް މައުރޫފު ވިދާޅުވި އެވެ.

"ދެފުށް ފެންނަ ނޫހެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުން ބަލައިގަނެފައިވާ ނޫހެއް ސަން އޮންލައިންއަކީ" މައުރޫފު ވިދާޅުވި އެވެ.

ސަން އޮންލައިން ރީ ބްރޭންޑް ކުރުމަށް ބަންދުކުރީ ސެޕްޓެމްބަރު ފަސްވަނަ ދުވަހު އެވެ. ރި ބްރޭންޑަށް ފަހު މިއަދު ހަވީރު ހަތަރެއް ޖެހި އިރު އަލުން ވަނީ ލޯންޗްކޮށްފަ އެވެ.

comment ކޮމެންޓް