ކޭން ފިޒިކަލީ އަދި ޓެކްނިކަލީ ވެސް މޮޅު، ލަލީގާގައި ކުޅެވޭނެ: ރާމޯސް

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން-- ފޮޓޯ: އޭޕީ

ޓޮޓެންހަމް އަދި އިނގިރޭސި ގައުމީ ޓީމުގެ ތަރި ހެރީ ކޭން ލަލީގާގައި ކުޅޭ ނަމަ އޭނާ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ރެއާލް މެޑްރިޑް އަދި ސްޕެއިންގެ ގައުމީ ޓީމުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފިއެވެ.

ރާމޯސް އެހެން ބުނީ ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ އިނގިރޭސިވިލާތާއި ސްޕެއިން ކުޅޭ މެޗުގެ ޕްރީމެޗް އިންޓަވިއުގައި ވާހަކަ ދައްކަމުންނެވެ. އިނގިރޭސި ކުޅުންތެރިންނަށް ލަލީގާގައި ކުޅެވޭނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ރާމޯސް ބުނީ އިނގިރޭސި ޓީމުގެ ތެރޭގައި ފިޒިކަލީ އަދި ޓެކްނިކަލީ ވެސް ހުނަރުވެރި ކުޅުންތެރިން އެބަ ތިބި ކަމަށެވެ. އޭނާ އެކަމުގެ މިސާލެއްގެ ގޮތުގައި ނެގީ ކޭން އެވެ.

"ކޭން އަކީ ފިޒިކަލީ އަދި ޓެކްނިކަލީ ވެސް ހުނަރުވެރި ސްޓްރައިކަރެއް. އޭނާ ހީނުކުރާ ފަދަ ކުޅުމެއް ދައްކަފާނެ އެކަމަކު އަހަރެން ހައިރާނެއް ނުވާނެ. އަހަރެމެން މިތިބީ ތައްޔާރަށް،" އޭނާ ބުންޏެވެ.

ސްޕެއިން، އިނގިރޭސިވިލާތް އަދި ކްރޮއޭޝިއާ ހިމެނޭ ނޭޝަންސް ލީގުގެ ގްރޫޕުގެ އެއްވަނައިގައި މިވަގުތު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ ސްޕެއިން އެވެ. ސްޕެއިން ވަނީ މިދިޔަ މަހުގެ ތެރޭގައި ވެމްބްލީގައި 2-1ގެ ނަތީޖާއިން އިނގިރޭސިވިލާތް ބަލިކޮށްފައެވެ.

"މިރޭގެ މެޗު ވަރަށް އުނދަގޫ ވާނެ. ކުރިމަތީގައި އޮތީ ވަރުގަދަ ޓީމެއް. ވެމްބްލީގައި އަހަރެމެން ރަނގަޅަށް ކުޅުނިން އެކަމަކު އަދިވެސް ރަނގަޅު ކުރެވޭނެ ބައެއް ކަންތައްތައް އެބަ ހުރި،" ރާމޯސް ބުންޏެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އިނގިރޭސިވިލާތާއި ކްރޮއޭޝިއާ ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ 0-0ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

މިރޭ އިނގިރޭސިވިލާތާއި ސްޕެއިން ބައްދަލުކުރާ އިރު އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ ހަ މެޗުގައި ވެސް ކޭންއަށް ވަނީ ގޯލެއް ނުޖެހިފައެވެ. އެހެން ނަމަވެސް، ކޭން ބުމެފައި ވަނީ އޭނާ މެޗު ރެސްޓު ބޭނުން ނުވާ ކަމަށެވެ.

comment ކޮމެންޓް