ހައުސިން މިނިސްޓްރީއާއި ފެންކުންފުނި ޖޫރިމަނާކޮށްފި

އިމާރާތް ކުރާ ސަރަހައްދަކުން ފެން ބޭރުކުރުމަށްއަޅާފައިވާ ހޮޅިއެއް --- ސަން ފޮޓޯ

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވައިދުގެ ދަށުން ހައުސިންގ މިނިސްޓްރީއާއި އެމްޑަބްލިއުއެސްސީ ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވައިދުގެ ހަތްވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތާ ހިލާފަށް މާލޭ ހަވީރީ ހިނގުން ސަރަހައްދުގެ ބިމުން ފެން ނަގައި ފެން ބޭނުންކުރުމުގެ ހުއްދައަށް އެދި އީޕީއޭއަށް ހުށަހެޅުމަކާ ނުލައި މި އަހަރުގެ ޖުލައި މަހުގެ 11 އަދި 26 ވަނަ ދުވަހު ފެން ނަގައި ބޭރުކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

އެ އެޖެންސީއިން ކުރި މޮނީޓަރިންއިން އެކަން ފާހަގަވެފައިވާތީވެ ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވައިދުގެ 20 ވަނަ މާއްދާގައި ވާގޮތުގެ މަތިން އެމްޑަބްލިއުއެސްސީ 55،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މީހެ އިތުރުން ހައުސިން މިނިސްޓްރީގެ ކޮމްޕައުންޑުގެ ހުޅަނގު ކަންމަތީގައި އެމިނިސްޓްރީގެ ފަރާތުން ޖުލައި 10 ވަނަ ދުވަހު ބިމުން ފެންނަގައި ފެން ބޭރުކޮށްފައިވާކަން ފާހަގަ ކުރެވިފައިވާތީ ހައުސިން މިނިސްޓްރީވެސް 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާ ފައިސާ އެއް މަސްތެރޭ ދެއްކުމަށް އެމްޑަބްލިއުއެސްސީ އަދި ހައުސިން މިނިސްޓްރީއަށް އަންގާފައިވާކަމަށް އެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް