ވައިޖެހޭ ކޮޅަކަށް ހުކުމްކުރުން، އިންސާފުތޯ؟

ކުރިމިނަލް ކޯޓު---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރިޔާސީ އިންތިހާބަށް ފަހު ހައިކޯޓުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން ދޫކޮށްލި އެވެ. އޭގެ ކުރިން ކްރިމިނަލް ކޯޓުން ސިޔާސީ ގިނަ ކުށްވެރިން މިނިވަން ކުރި އެވެ. އެކަން ކަމާ ގުޅުވައި ގާސިމް ވިދާޅުވީ "ފެނިގެން ދަނީ އަދުލު އިންސާފުގެ މަގަށް ގައުމު ބަދަލުވެގެން އަންނަ މަންޒަރު" ކަމަށެވެ.

އުފެދޭ ސުވާލަކީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހުކުމްތައް ކޯޓުތަކުން ނެރުމަކީ އަދުލު އިންސާފުގެ ދާއިރާ މިނިވަންވުންތޯ އެވެ. ބައެއް ގާނޫނީ ބޭފުޅުންގެ ހިޔާލު މިކަމުގައި ތަފާތެވެ.

ކަސްތަޅުތައް ނެއްޓުނީ ބާ؟

ރައީސް ޔާމީންގެ ސިޔާސީ ވާދަވެރިން އެކި މައްސަލަތަކުގައި ޖަލަށްލަމުން ދިޔަ އިރު އެ މީހުންގެ ޝަރީއަތްތައް ކުރިއަށް ގެންދިޔައީ އިންސާފުން ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ދެކުނެވެ. އޭރު އިދިކޮޅުން ބުނަމުން ގެންދިޔައީ ކޯޓުތައް މިނިވަން ނޫން ކަމަށެވެ. އިދިކޮޅުގެ ލީޑަރުންނާ އެއްކޮޅަށް މިހާރު ކޯޓުތަކުގެ ގިނަ ނިންމުންތައް ނިމެމުންދިޔުމުންދާ އިރު އިދިިކޮޅުގެ ބައެއް ފަރާތްތަކުން ދެކެނީ ކޯޓުތައް މިހާރު މިނިވަންވެފައިވާ ކަމަށެވެ. ނަމަވެސް މިއީ ރަނގަޅު ހީއެއް ބާއެވެ؟

"އަޅުގަނޑަށް ހީވަނީ ކުރީގައި އެކަންތައް ކުރިން ކުރީ ގޯސްކޮށްކަން ރަނގަޅަށް އެނގި ތިބެ އެކަންތައް ކޮށްފައި ދެން ރަނގަޅު ކުރަން އުޅެނީހެން. އަސްލު އިޖުރާއަތްތަކާ އެއްގޮތަށް މިހާރު ކުރިއަށް އެ ގެންދަނީ. ކުރީގައި އެ ގެންދިޔައީ އިޖުރާއަތްތަކާ އެއްގޮތަކަށް ނޫން،" ކޯޓުތަކުން މިހާރު މައްސަލަތައް ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުން ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުލްސައްތާރު "ސަން" އަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ކުރިން ކޯޓުތައް އޮތީ ނުފޫޒުގެ ދަށުގައި ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އަދި މިހާރު އިޖުރާއަތްތަކާ އެއްގޮތަށް މައްސަލަތައް ކުރިއަށް ގެންދިޔަ ނަމަވެސް އަދި ވެސް ފުރިހަމައަށް ކޯޓުތައް މިނިވަން ނުވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު "ސަން"އަށް ވިދާޅުވީ އިދިކޮޅުގެ ސިޔާސީ ފަރާތްތައް މިނިވަންވެގެން ދިޔުމަކީ ކޯޓުތަކާއި މުޅި ޖުޑިޝަރީ މިނިވަންވުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެއްވެސް އިރެއްގައި ރާއްޖޭގެ ޖުޑިޝަރީ ފުރިހަމައަށް މިނިވަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭރު ވެސް ބުނަމުން ގެންދިޔައީ ރާއްޖޭގެ ޖުޑިޝަރީ މިނިވަނެއް ނޫނޭ. ރާއްޖޭގެ ޖުޑިޝަރީގައި އަދުލު އިންސާފު ގާއިމުކުރުމަށް ޓަކައި އައްޔަން ކުރެވިފައި ތިބި ބައެއް މީހުން ތިބީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެއް ނޫން އައްޔަންކުރެވިފައި. ސިޔާސީ ނުފޫޒުގެ ތެރެއިން ލާފައި އައްޔަންކުރެވިފައި ތިބި މީހުން އެބަ ތިއްބޭ. އެހެންވީމާ ރާއްޖޭގެ ޖުޑިޝަރީއަކީ މިނިވަން އެއްޗެއް ނޫންކަން މި ފެނިގެން ދަނީ."

ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު

ސުއޫދު ވިދާޅުވީ ޖުޑިޝަރީ އިސްލާހުވާނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުން ފެށުމުން ކަމަށެވެ. އަދި ޖުޑިޝަރީ އިސްލާހު ކުރުމަށް ސިޔާސީ އެކި ފަރާތްތަކަށް ޖޭއެސްސީގެ މެމްބަރުކަން ނުލިބޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖުޑިޝަރީ އަދި ވެސް އޮތީ ކަސްތަޅު އެޅުވިފައި. އިސްލާހުކުރަން އެބަ ޖެހޭ." ސުއޫދު ވިދާޅުވި އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިންސާފުގެ މަގަށް ބަދަލުވަމުން އަންނަ ކަމަށް ގާސިމް ވިދާޅުވި ވިދާޅުވުމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަނީ ރައްދު ދެއްވައިފަ އެވެ. މި މަހުގެ ތިން ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ އިންސާފުގެ މަގަށް ޝަރުއީ ދާއިރާ ބަދަލުވާ މަންޒަރު ނުފެންނަ ކަމަށެވެ.

"އަންބޮނޑިއަށް އިންސާފު ޖަހައިގެން ވައި ޖެހޭ ތަނަށް ނެގޯޝިއޭޓު ކުރުމުން އެތި އެތި ކޮޅުން އިންސާފު ދިނުމަކީ އިންސާފުގެ މަގަށް ގައުމު ބަދަލުވުމެއް ނޫން. ރާއްޖޭގައި އިންސާފު ގާއިމް ކުރެވޭނީ ކޯޓުތައް އިސްލާހުކޮށްގެން."

މުޅިން އާ އޮއިވަރެއް!

މީގެ ކުރިން ކޯޓުތަކުގެ ތެރޭގައި އިއްތިފާގުން ނަމަވެސް، ހުރިހާ ކަމެއް ހިނގަމުން ދިޔައީ އިދިކޮޅު ފަރާތްތަކުން ބޭނުންވި ގޮތާ ހިލާފަށެވެ. އިދިކޮޅުގެ ސިޔާސީ ލީޑަރުންގެ ދިފާއުގައި ދިވެހިރާއްޖޭގެ އެންމެ ފުންނާބު އުސް ވަކީލުން ކޯޓުތަކުގައި ވަކާލާތު ކުރެއްވި އެވެ. ނަމަވެސް އެބޭފުޅުންނަށް ވެސް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބީ އަކަށް ފަހު ނާކާމިޔާބީއަކާ އެވެ. އެ ބޭފުޅުންގެ މޫނުތަކުން ވެސް އެ ދުވަސްވަރު ފެނިގެން ދިޔައީ އުންމީދުގެ ކުލަވަރު ގެއްލިފައިވާ މަންޒަރެވެ. "ސްކްރިޕްޓު ކޮށްފައިވާ ރެސްލިން މެޗެއް" ކުޅެން އަރާ ތިބުމުގެ އިހުސާސް އެ ބޭފުޅުންނަށް ކުރެވުނު ކަހަލަ އެވެ.

ނަމަވެސް މިހާރު އެ ދުވަސް މިވަނީ މާޒީވެ ގޮސްފަ އެވެ. މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމާ އެކު އޮއިވަރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.

އިބޫ އިންތިހާބު ކާމިޔާބު ކުރެއްވިތާ 24 ގަޑިއިރު ނުވަނީސް، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކޯޓަށް ހާޒިރު ކުރުމަށް ފަހު ޖަލު ބަންދުން ދޫކޮށްލި އެވެ. އޭނާ ބަންދުން ދޫކޮށްލީ ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް ދޫކޮށްނުލައި ބެހެއްޓުމަށް ފަހު އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފު އަދި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ދޫކޮށްލަން އެރޭ ކްރިމިނަލް ކޯޓުން ނިންމި އެވެ.

ރައްޔިތުންމަޖިލީޙުގެ ދަމެތީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދު މިނިވަން ކުރުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން

ސިޔާސީ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ގިނަ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރީ އެމީހުންގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރާފާނެ އަމަލެއް ފެނިދާނެ ކަމަށް ބުނެ އެވެ. އަދި އެމީހުންގެ ފަރާތުން މުޖްތަމައުއަށް ނުރައްކާ ވެދާނެ ކަމަށް ބުނެ އެވެ. ނަމަވެސް އިބޫ އިންތިހާބުވުމާ އެކު އެ ސަބަބުތައް ނެތިގެން ދިޔައީ އެވެ.

ދެން ފެނިގެން ދިޔައީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރިޝްވަތުގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން މިނިވަންކުރި މަންޒެވެ. އިދިކޮޅުގެ ވަރުގަދަ ދެ ލީޑަރުން މިނިވަންވީ އެވެ. އޭގެ އިތުރުން ޝަހުސު އޮޅުވާލުމުގެ މައްސަލައިގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވެސް ކަފާލާތުގެ ދަށުން މިނިވަން ކުރިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، އަހަރަކަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު، ރާއްޖެ ވަޑައިގަތުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބާރަ މެމްބަރުންގެ ގޮނޑީގެ މައްސަލައަކީ ގާތްގަނޑަކަށް އެއް އަހަރު ވަންދެން އެއްވެސް ގޮތެއް ނުނިމި އޮތް މައްސަލައެކެވެ. އެހެން ނަމަވެސް، އާ އޮއިވަރުގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ މިހާރު ނިންމައިފަ އެވެ.

އޭގެ އިތުރުން ސިޔާސީ ލީޑަރުންގެ މައްސަލަތަކުގެ ތެރެއިން ޝަރީއަތުގެ މަރުހަލާ ނުފަށައި ހުރި ބައެއް މައްސަލަތައް ދަނީ ބާތިލު ކުރަމުންނެވެ. ސެޕްޓެމްބަރު 27 ވަނަ ދުވަހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ ދެ މައްސަލައެއް އެއް ވަގުތެއްގައި ކްރިމިނަލް ކޯޓުގެ އެއް ސެކްޝަނުގައި ތާވަލު ކުރި އެވެ. އެ ދުވަހު އެ ދެ މައްސަލަ ވެސް މަދަނީ މިންގަނޑުން ނުބެލޭނެކަމަށް ނިންމައި ގާޒީ ވަނީ އެ ދެ މައްސަލަ ވެސް ބާތިލުކޮށްފަ އެވެ.

މަހުލޫފު މިނިވަން ކުރުމުން ކޯޓު ބޭރުގައި މަރުހަބާ ކިޔުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އަދި އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ދައުވާތަކެއް ކޮށްފައިވާ ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ ރިޝްވަތުގެ މައްސަލަތައް ވެސް ވަނީ އެއް ދުވަހެއްގެ ތެރޭގައި ބާތިލުކޮށްފަ އެވެ. އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެއް ގަޑިއަކަށް ތާވަލުކޮށްގެން އެ މައްސަލަތައް މަދަނީ މިންގަނޑުން ނުބެލޭނެ ކަމަށް ނިންމީ އެކަަށީގެންވާ ވަރަށް ހެކި ނެތުމުންނެވެ.

ފުލުހުންނަށް ހުރަސްއަޅައި އެ މީހުންގެ ސަފުތައް ފޫއަޅުވާލި ކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ އިދިކޮޅު 12 މެންބަރެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ވެސް ޕީޖީ އޮފީހުން ވަނީ މިހާރު އަނބުރާ ގެންގޮސްފަ އެވެ. އެ ދައުވާ ކުރި 12 މެމްބަރުންގެ ތެރޭގައި އިންތިހާބީ ރައީސް އިބޫވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި ނިންމުންތައް "ފުލުފުލުގައި" އައީ ފަނޑިޔާރުންނަށް ކުރިން ނޭނގޭ އާ މައުލޫމާތެއް ފަހުން ލިބިގެންނެއް ނޫނެވެ. ހައްޔަރީން ދޫކުރީ ހެއްކަށް ނުފޫޒު ފޯރުނުވާނެ ކަމުގެ ކަށަވަރު ކަމެއް ފަހުން ލިބިގެނެނެއް ނޫނެވެ. މުޖްތަމައަށް ނުރައްކާ ނުވާނެކަމުގެ ޔަގީންކަމެއް ލިބިގެނެއް ނޫނެވެ. ސިޔާސީ ފަރާތްތަކުގެ ދައުވާތައް ބާތިލުކުރީ ޝަރީއަތްކުރުމުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލެއް އައިސްގެން ވެސް ނޫނެވެ. އައި ހަމައެކަނި ބަދަލަކީ ދިވެހިރާއްޖޭގެ ރައީސް ކަމަށް އިބޫ އިންތިހާބުވުމެވެ.

އެއީ ވެސް މާޒީ އެވެ. ކުރިއަށް އޮތްތަނުގައި އިންސާފުގެ މަގަށް ހުކުމްތައް ކުރެވި، ތަރުތީބުވާ ނަމަ އެއީ ކުރިއެރުމެއް ކަމަށް ބެލިދާނެ އެވެ. ދުވަސްތައްދާ ވަރަކަށް އެކަން ޔަގީންވަމުންދާނެ އެވެ.

comment ކޮމެންޓް