ބޯހިޔާވަހިކަމަށް އެދި ސަލާންޖެހުން ހުއްޓުވައި، މިނޫން ގޮތެއް ހޯދައިދީ

ގޯތި ގަތުމަށް ފޯމު ނަގަން އެތައް ހާސް ބަޔަކު ކިޔުގައި ޖެހިފައި --- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ރަށުގައި އުޅުނު ގެދޮރު ދޫކޮށް މާލެ ބަދަލުވީ އޭރު އެނޫންގޮތެއް ނެތިގެންނެވެ. އެއީ މީގެ ސާޅީހަކަށް އަހަރު ކުރި އެވެ. މައިންބަފައިންނާ އެކު އަލީ (އަސްލުނަމެއް ނޫން) މާލެ ބަދަލުވެ މާލޭގައި ދިރިއުޅެން ފެށިތާ ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މާލޭ މީހަކާ އިނދެ މިހާރު ދިރިއުޅެނީ އަނބިމީހާގެ ގޭގަ އެވެ. އަނބިމީހާގެ ބައްޕައަށް ލިބިފައިވާ ބައިގައި އިތުރު ބަޔަކާއެކު އެވެ. ހަތަރު ކޮޓަރީގެ އެ އެޕާޓުމެންޓުގައި ހަތަރު އާއިލާ ދިރިއުޅެއެވެ. ކޮންމެ އާއިލާއެއްގައި ވެސް ދަރިން ލިބި އެކުދިން ފުރާވަރަށް އަޅަނީ އެވެ. އެކަމަކު ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އަލީގެ ދެމަފިރިންނާއި އެ ގޭގައި ދިރިއުޅޭ އެހެން އާއިލާތަކުން ވެސް ދިރިއުޅެން ޖެހިފައިވާ ހާލަކީ އެއީ އެވެ.

"މިހާރު ދަރިންގެ އުމުރުން ފުރާވަރަށް އަޅަނީ. އަހަރެން އުޅެނީ އަނބިމީހާގެ ގެއިން އޭނާއަށް ލިބިފައި ހުރި ކޮޓަރީގައި ދަރިންނާ އެކު. ދަރިން ބޮޑުވަމުން އަންނައިރު މައިންބަފައިންނާ އެކީ އެއްކޮޓަރީގައި ނިދައި ހެދުމަކީ ލަދުވެތިކަމަކަށް ވިޔަސް އަހަރެމެންނަށް އެނޫން ގޮތެއް ނެތް މިވަގުތަކު،" އަލީ އޭނާގެ އިހުސާސްތައް ބަންޑުންކޮށްލި އެވެ.

މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގެ އޭރިއަލް ފޮޓޯއެއް. -- ފްލިކަރ ފޮޓޯ: އަހްމަދު ޒާހިރު

ދަރިންނާއެކު ގޮސް ވަންނަން ރަނގަޅު ބޯހިޔާވަހިކަމެއް ހޯދަން އަލީގެ ދެމަފިރިން މަސައްކަތް ނުކުރަނީކީ ނޫނެވެ. "ނަސީބު އަތުގައި ނުހިފަނީ" އެވެ. ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލާ ކޮންމެ ފަހަރަކު ފޯމުލައެވެ.

"މިހާރު ފްލެޓަށް އެދި ފޯމު ލެވުނު އަދަދެއް ނޭނގެޔޭ ބުނެވިދާނެ. ހުޅުމާލެއިން ފްލެޓު ދޫކުރަން ފެށިފަހުން ކޮންމެ ފަހަރަކުހެން ލެވިއްޖެ. މާލޭގައި ކުއްޔަށް ހިފައިގެން އުޅޭހާ ތަނަވަސްކަމެއް ނެތް. އަންހެނުން ގޭގައި އުޅުނަސް އަހަރެން އެކަނި މަސައްކަތް ކޮށްގެން ލިބޭ އެއްޗަކުން ގޭތެރޭގެ ކަންތައް ހަމަޖައްސައި ދަރިންގެ ކިޔެވުމުގެ ކަންތައް ކިރިޔާ މި ހަމަޖެއްސެނީ. ކުޑަ ކޮޓެރިއެއްގައި މިހެން އުޅޭތާ ފަނަރަ ވަރަކަށް އަހަރުވަނީ،"

މިއީ އަލީގެ އިތުރުން މާލޭގައި ދިރިއުޅޭ މާލޭ މީހުން އަދި މާލެއަށް ހިޖުރަކޮށްގެން އުޅޭ އަތޮޅުތެރޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އުޅެން ޖެހިފައިވާ ހާލެވެ. އެއްބަޔަކު މާލޭގައި ގެދޮރު ހުރިނަމަވެސް ތަންކޮޅު ކުޑަކަމުން އާއިލާ ގޮވައިގެން އުޅެވޭކަށް ނެތެެވެ. އަނެއްބަޔަކު ބޮޑުއަގުގައި ތަންތަން ކުއްޔަށް ހިފައިގެން ލިބޭ އާމްދަނީ ހޭދަކުރަންޖެހެނީ ކުއްޔަށެވެ. މާލޭގައި އުޅެން ޖެހިފައިވަނީ ދަރިންނަށް ކިޔަވައި ދިނުމަށެވެ. ވަޒީފާ އަދާކުރުމަށެވެ.

ބޯހިޔާވަހިކަން އިންތިހާއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ސަރުކާރުން ދަނީ އެކި ދުވަސްވަރު ބޯހިޔާވަހިކަމުގެ ސްކީމުތައް ހުޅުވާލަމުންނެވެ. މާލޭގައި އޮތް ތޮއްޖެހުން ކުޑަކޮށް، ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިތިބޭ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެ ތަރައްގީކުރި އެވެ. ހުޅުމާލެއާ އެކު ގެދޮރަށް ބޭނުންވެފައިތިބި މީހުންގެ ހިތަށް ފިނިިކަމެއް ލިބޭނެކަމަށް ހީކުރެވުނެވެ.

ހުޅުމާލެއިން ދޫކުރި 704 ފްލެޓު ހަވާލުކުރުން --ސަން ފޮޓޯ: މުހައްމަދު އަފްރާހް

ހުޅުމާލެ ފުރަތަމަ ފިޔަވަހިން ސޯޝަލް ހައުސިންއަށް ކަނޑައަޅާފައިވާ ހުރިހާ ބިމެއްގައި ފްލެޓު އަޅައި މިހާރު ވަނީ ފްލެޓު ބަހައިފައެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހިން ފްލެޓު ބެހި އިރުވެސް އެކަން ކޮށްފައިވަނީ އެންމެ އިންސާފުން ނޫންކަމަށް ބުނާ މީހުން އެބަތިއްބެވެ. އޭރު ވެސް މާކްސް ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށާއި ފްލެޓު ދިނީ ވަކިބަޔަކު ބޭނުންވާ ބަޔަކަށް ކަމަށް ބުނާމީހުން އެބަތިއްބެވެ. އެންމެ ފަހުން ހުޅުމާލެއިން ދޫކުރި 704 ހައުސިން ޔުނިޓު ދޫކުރި އިރު އިވުނު ޝަކުވާއަކީ ސިޔާސީ ވަކި ބަޔަކު ބޭނުން ބަޔަކަށް ފްލެޓު ދިނުމެވެ. ލިބުނު ޕޮއިންޓަށް ނުބަލާ، ވަކި މަގުސަދެއް ހާސިލް ކުރުމަށް ކުރި ކަމެއްގެ ގޮތުގައި ބެލެވޭފަދައަކުން ފްލެޓު ދިނުމެވެ.

"ސިވިލް ސާވިސްގެ ފްލެޓު ދިން މީހުންގެ ތެރޭގައި ދެމަފިރިންގެ ތެރެއިން މާލޭން ގޯތިބަހައިގެން އަނބިމީހާއަށް ފުދޭވަރެއްގެ ބައި ލިބި، އަނބިމީހާގެ ނަމުގައި ގޯތިލިބި ފްލެޓު ލިބިފައިވަނިކޮށް ފިރިމީހާއަށް ސިވިލްސާވިސްގެ ފްލެޓު ވަނީ ލިބިފައި. ތިން ކުދިން ތިބި ބަޔެއް. އިންސާފުތޯ؟" ސޯޝަލް މީޑިއާގައި މީހަކު ބުނެފައި ވެއެވެ.

ބޯހިޔާވަހިކަމަށް އެދޭ މީހުންނަށް އެކަމަށް އެދި ހުށަހަޅަން ހުޅުވާލާ ކޮންމެ ފަހަރަކު އެތައް ހާސް ބަޔަކު ކިޔުގައި ޖެހިގެން ފޯމު ހުށަހަޅައެވެ. ރެއެއް ދުވާލެއް ނެތި ކިޔުގައި ތިބެނީ ފޫހިކަމެއް ނެތިއެވެ. ނިދުމެއް އަރާމެއްނެތި ފްލެޓު ފޯމު ލެވޭތޯ 24 ގަޑިއިރު ވިޔަސް ހެޔޮކަމަށް ކިޔުގައި ޖެހެނީ ފަހުން ލިބިދާނެ މޭވާގެ ފޮނިކަމަށް އިންތިޒާރު ކުރެވޭލެއް ބޮޑުކަމުންނެވެ.

ހުޅުމާލެެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް އެދި ހުށަހަޅަން ހުޅުވާލުމުން އެކަމަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ. ބާވީސް ހާހަށް ވުރެ ގިނަ ފޯމު ހުށަހެޅި ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ. ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފޯމު ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ފޯމު ހުށަހެޅިއެވެ. މުއްދަތު ހަމަވުމަށް ހަފްތާއަކަށް ވުމުން ގިނަ ބަޔަކު ކިޔުގައި ޖެހިގެން ފޯމު ލިއެވެ. އަދި އެންމެ ފަހު ދުވަހު އެތައް ސަތޭކަ ބަޔަކު ފޯމު ހުށަހެޅުމަށް ނަންބަރު ނެގި އެވެ. ނަމަވެސް ވަގުތު ހަމަވިއިރުވެސް އެ ހުރިހާ މީހުންނަށް ހިދުމަތް ދެވިފައެއް ނުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ: އެޗްޑީސީ

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ނަންތައް އިއުލާނުކުރަން ފަށާފައިވާ އިރު ވަގުތީ ލިސްޓާ ގުޅޭ ގޮތުން އާންމުންގެ ގިނަ ޝަކުވާތަކެއް އެބަހުއްޓެވެ. މީގެ ކުރިން ފްލެޓަށް އެދި ފޯމު ހުށަހެޅުމުން 80 ޕޮއިންޓު ލިބުނު މީހުންނަށް މިފަހަރު 30 ޕޮއިންޓު ވެސް ހަމަނުވާކަމުގެ ޝަކުވާއެވެ. ދަރިންގެ އަދަދު އިތުރުވިވަރަކަށް ޕޮއިންޓު މަދުވާ ވާހަކަ އެވެ.

"ކުރިން ފޯމު ލީއިރު އަހަރެންގެ ހުރީ އެންމެ ދަރިއެއް. އެފަހަރު 70 ޕޮއިންޓު ލިބުނު. މިހާރު ދެދަރިން އެބަތިބި. ދިރިއުޅުމުގެ ހާލަތަކަށް ބަދަލެއް ނާދޭ. އެކަމަކު މިފަހަރު ލިބުނީ 30 ޕޮއިންޓު" ފްލެޓު ފޯމުލީ އަންހެނަކު ބުންޏެވެ.

ގޯތިދޫކުރުމާ ބެހޭ ގޮތުން ހައުސިން މިނިސްޓަރު މުއިއްޒު މީިޑިއާއަށް ދެއްވި ޕުރެސް -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕޮއިންޓު ލިބުނު ގޮތާމެދު ޝަކުވާއެއް އޮތްނަމަ އެ ޝަކުވާ ހުށަހެޅުއްވުމަށް އެދޭކަމަށެވެ. އެކަން ބެލުމަށް ފަހު މައްސަލައެއް އުޅޭ ނަމަ ހައްލުކޮށްދެއްވާނެ ކަމަށާއި މިހާރު އާންމުކޮށްފައިވާ ވަގުތީ ލިސްޓަށް ލިބޭ ޝަކުވާތައް ބަލައި، ދާއިމީ ލިސްޓު އާންމުކުރާއިރު ފްލެޓު ހައްގުވާ މީހުންނަށް ފްލެޓު ލިބޭނެ ކަމަށެވެ. ޕޮއިންޓު ލިބުމުގައި މައްސަލަ އުޅުމަކީ ވެދާނެ ކަމެއް ކަމަށާއި ހިއުމަން އެރާއެއްގެ ސަބަބުން ވެސް އެފަދަ ކަމެއް ދިމާވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފޯމު އެންޓާ ކުރާއިރު ޑޭޓާ އެންޓްރީގެ އެރާއެއްގެ ސަބަބުން ވެސް އެފަދަ ކަމެއް ދިމާވެދާނެ. ޝަކުވާ ހުށަހަޅުއްވާ. އެކަން ބެލުމަށް ފަހު މައްސަލައެއް އުޅޭނަމަ ހައްލު ކުރެވޭނެ،"

ސޯޝަލް ހައުސިންގެ ގޮތުގައި ފްލެޓު ދޫކުރުމުގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ސޯޝަލް ހައުސިންގެ ގޮތުގައި މާލޭ ރައްޔިތުންނަށް ގޯތި ވިއްކަން ވެސް ހައުސިން މިނިސްޓްރީ އިން ވަނީ ހުޅުވާލައިފަ އެވެ. އެއްހާސް އަކަފޫޓުގެ 400 ގޯތި ވިއްކަން ނިންމާފައި ވަނީ ހަތަރު ލައްކަ ރުފިޔާ އަށެވެ. ފަންސަވީސް ހާސް ރުފިޔާ ޑައުންޕޭމެންޓުގެ ގޮތުގައި ދެއްކުމަށް ފަހު 10 އަހަރަށް ބަހާލައިގެން ވެސް ފައިސާ ދެއްކޭނެ އިންތިޒާމު އޮންނާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތް ކުރާ ފްލެޓުތައް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އަގުހެޔޮކޮށް ހުޅުމާލެއިން ބިން ވިއްކަން ނިންމުމަކީ ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި މާލޭގެ ރައްޔިތުންނަށް ލިބުނު އުފާވެރި ހަބަރެކެވެ. ފޯމު ދޫކުރުމަށް ނިންމު ވަގުތު ޖެހުނުއިރު ހައުސިން މިނިސްޓްރީގެ ގޯތިތެރޭ ކިޔު ހަދާލައިފި އެވެ. ނަމަވެސް ގޯތި ވިއްކުމަށް ނިންމި ނިންމުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ އޭސީސީ އަށް މައްސަލަ ހުށަހެޅުމުން އެކަން މަޑުޖައްސައިލުމަށް އޭސީސީ އިން ހައުސިންއަށް އެންގި އެވެ. ފަހުން އޭސީސީ އިން ހައުސިން އަށް އެންގީ އާ އުސޫލެއްގެ ދަށުން ގޯތި ވިއްކުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށެވެ.

އަނެއްކާ ވެސް ހައުސިން މިނިސްޓްރީ އިން ގޯތި ވިއްކުމަށް ފޯމު ދޫކުރަން ފެށުމާއެކު ކިޔު ދަމާލިއެވެ. އޭރު ނިންމާފައި އޮތީ ހަފްތާއެއްގެ މުއްދަތަށް ފޯމު ބަލައިގަތުމަށެވެ. ދުވާލަކު ވަކި އަދަދަކަށް ނަންބަރު ދޫކޮށްގެންނެވެ. ނަންބަރު ނެގުމަށާއި ފޯމު ލުމަށް ހާހުން މީހުން ކިޔު އަށް އެރި އެވެ. ބައެއް މީހުން ރޭގަނޑު ނިދީވެސް ކިޔުގައި ތިބެ މަގުމަތީ ފޮށިގަނޑު އަތުރައިގެންނެވެ. ގިނައިރުވާތީ ގޮނޑި ހިފައިގެން ކިޔުއަށް އެރި މީހުންވެސް އެބަތިއްބެވެ. ކިތަންމެ އިރެއްވިޔަސް "މިކަން ކޮށްފައި ނޫނީ މިތަނުން ނުދާން" ކަމަށް ބުނެ ކިޔުގައި ޖެހިގެން ތިބި މީހުން މަދެއް ނޫނެވެ. ވަޒީފާއަށް ސަލާމް ބުނެ، ދަރިން އާއިލާގެ އެހެން މީހުންނާ ހަވާލުކޮށްފައި ބޯހިޔާވަހިކަމެއް ލިބޭތޯ ކުރި މަސައްކަަތް ކޮޅެއްގައި ނުޖެހި "ޗޮކުން" ދިޔައީ ގޯތި ވިއްކުމަށް ފޯމު ބަލައިގަތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީގެ) ދަށަށް ބަދަލުކުރުމުންނެވެ. އެތައް ބަޔަކު ފޯމު ލުމަށް ކިޔުގައި ތިއްބައި ފޯމު ބަލައިގަތުން ހުއްޓާލައި އެކަން އިއުލާނު ކުރުމާއެކު ރައްޔިތުން ކެކިގަތެވެ. ހައުސިން މިނިސްޓްރީ ތެރޭ އަޑުގަދަކުރަން ފެށުމުން އެކަން ހުއްޓުވީ ފުލުހުން އެތަނަށް ގޮހެވެ.

ގޯތި ގަތުމަށް، ފޯމުލުމަށް ނަމްބަރު ނެގުމަށް ކިއު ހަދާފައި

ބޯހިޔާވަހިކަމަށް އެދިއެދި ތިބި އެތައް ބަޔެއްގެ ލޭހޫނުވި ކަމަކަށް މިކަން ވެގެން ދިޔަ އެވެ. ނުހައްގުން ފްލެޓު ބެހިކަމަށް ބުނެ ވާހަކަ ދެކެވެމުންދަނިކޮށް އެ ހޫނުގަނޑުގައި ދެން މި ދިމާވި ކަންތަކުގެ ސަބަބުން ގިނަ ބަޔަކު ތިބީ މާޔޫސްވެފަ އެވެ. އެޗްޑީސީ އިން ގޯތި ވިއްކުމުގެ ކަންތައް ފަސޭހަ ގޮތަކަށް އިންސާފުން ކުރިއަށް ގެންދިއުމަށް ކުރެވޭ އުއްމީދު ނޫންގޮތެއް ދެން ނެތްފަދައެވެ.

އެޗްޑީސީ އިން ބުނެފައި ވަނީ އެކުންފުނިން ގޯތި ވިއްކުމުގެ ކަންތައް ކުރިއަށް ގެންދާނީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. ހައުސިން މިނިސްޓްރީ އިން ދޫކޮށްފައި ހުރި ނަންބަރުތަކަށް ފޯމު ބަލައިގަންނާނެ ކަމަށާއި އެކަށީގެންވާ ވަގުތު ފޯމު ހުށަހެޅުމަށް ދޭނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. ފޯމު ބަލައިގަންނާނެ ދުވަހެއް އަދި އެޗްޑީސީ އިން އިއުލާނުކޮށްފައި ނުވިނަމަވެސް އެތައް ބަޔަކު ދަނީ އެޗްޑީސީ ކުރިމަތީ ކިޔު ހަދަމުންނެވެ.

ރައްޔިތުންގެ ޝަކުވާ އަކީ މިއީއެވެ. ބޯހިޔާވަހިކަމަށް އެދި ސަލާންޖުން ނޫންގޮތެއް ނެތީތޯ އެވެ. މާލެއަށް އުފަން މާލޭ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވެސް ތިބީ އުފަން ބިމުގައި ބޯހިޔާވަހިކަމެއް ނެތިފަ އެވެ. އުމުރު ދުވަހު މާލޭގައި ތިބި ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ހާލަކީ ވެސް މި އެވެ.

ހުޅުމާލޭގައި އަޅާފައިވާ ފްލެޓުތަކެއް ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ފްލެޓު ފޯމު ލީ މީހަކު ބުނީ ކޮންމެ ފަހަރަކު ވެސް ގަނަ ތަޅުވާފައި "ހަދަނީ އެބަޔަކު ބޭނުން ގޮތެއް" ކަމަށެވެ. ވަކި ސަރުކާރަކުން ކަން ކުރި ގޮތޭ ބުނުމަށް ވުރެ މިއީ ކޮންމެ ބަޔަކު ވެސް ކަންކުރާ ގޮތް ކަމަށް ބުނެވިދާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަންނަށް ލިބުނީ ހައްގު މިންވަރަށް ވުރެ މަދުން ޕޮއިންޓު. އެ ޝަކުވާ ހުށަހަޅައިފިން. އިންސާފުން ކަންކުރާ ނަމަ 80 ޕޮއިންޓު ލިބޭނެ،" ފްލެޓަށް އެދި ފޯމު ލީ މީހަކު ބުންޏެވެ.

"އަހަރެމެންނަކީ އާދައިގެ މީހުން. ގައުމުގައި މިތިބީ ހުސް މުއްސަނދިންނެއް ނޫން. ވާރުތަވަމުން އައި ގޯތި ކުދިކުދި ކޮށް ބަހައި މިހާރު ދެން ކުޑަ ގޮޅިއެއް ވަރު ތަނެއްގައި އުޅެން މިޖެހެނީ. ފްލެޓަށް އެދި ފޯމުލީ އަމިއްލައަށް ލިބޭނެ މާކްސް ބަލާލާފައި. އެކަމަކު އޭގެ ދެބައިކުޅަ އެއްބައި ވެސް ނުލިބުނު. ދިރިއުޅުމުގެ ހާލަތު ބަލަން އެއްވެސް ބަޔަކު ނާދޭ. ކިހިނެއް ގަބޫލު ކުރާނީ އިންސާފުން ކަމަށް މިކަން ކުރަނީ،"

މިހާރު ރައްޔިތުންގެ އާދޭހަކީ އިންސާފުވެރިކަމާއެކު ފޯމުތައް އިވެލުއޭޓުކުރަން އެހެން ބަޔަކާ ހަވާލު ކުރުމަށް ކުރާ އާދޭހެވެ. އަދި އެކަން ކުރިގޮތް އަންގައިދިނުމެވެ. އަދި ފްލެޓާއި ގޯތި ދޭނެކަމަށް ބުނެ "ރައްޔިތުން ތެޅުވުން" ހުއްޓުވުމެވެ. ބޯހިޔާވަހިކަން އެންމެ ހައްގު މީހުންނަށް ގެދޮރު ދިނުމެވެ. ގޯއްޗަށް އެދި ސަލާންޖެހުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެކަން ހުއްޓުވުމެވެ.

comment ކޮމެންޓް