ޝެފެއް ނޫން، އެކަމަކުވެސް ޝެފުންގެ ބެލެނިވެރިޔާ

މަރިޔަމް ނޫރައްދީން: ތަމްރީނު ދިނުމާއި މީހުން ބިނާކުރުމަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ މަރީއަކީ ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ފުރަތަމަ ޑީން، އަދި މިހާރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ބާނީ އަދި ރައީސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާގެ ބާނީއެވެ. ރާއްޖޭގެ ޝެފުން އެއްތަންކުރުވި ވަރުގަދަ ދަގަތްފާނެވެ. ކެއްކުމަކީ ދެރަ ވަޒީފާއެއް ނޫންކަމާއި، އެއީ ހަގީގީ ފަންނެއްކަން އަންގައިދިނުމަކީ މިވަގުތު އޭނާގެ އެންމެ ބޮޑު އެއް މަގުސަދެވެ. އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ހުންނަ ޝައުގުވެރިކަމުގެ ސަބަބުން، ނުކުރާކަށް މަސައްކަތެއް ނެތެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އެ ދާއިރާއަށް އެތައް ހިދުމަތްތެރީންނެއް އުފައްދައިދީފިއެވެ.

މަރިޔަމް ނޫރައްދީން (މަރީ)އަކީ ރާއްޖޭގައި މީގެ ކުރިން ހިންގި ހޮޓެލް ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލެވެ. އަދި އެ ހޮޓެލް، އިންސްޓިޓިއުޓަކަށް ބަދަލުކޮށް، ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގުވާމީ ކޯސްތައް އެތަނަށް ތައާރަފުކުރުމުގައި މަރީގެ ދައުރު ވަރަށް ބޮޑެވެ. އެންމެ ފަހުން އެ އިންސްޓިޓިއުޓު، ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއަށް ބަދަލުކޮށް، އެ ފެކަލްޓީގެ އެންމެ ފުރަތަމަ ޑީންގެ މަގާމުވެސް މަރީ އަދާކުރެއްވިއެވެ.

މަރީ ނޫރައްދީން، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ މެމްބަރުންތަކަކާއެކު --

އެއަށްފަހު ރާއްޖޭގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓިވެޓް) އުފެއްދުމުގެ ބިންގާވެސް އެޅުއްވިއެވެ. މަރީގެ ބޮޑު ދައުރަކާއެކު ގާއިމުކުރި ޓިވެޓު ނިޒާމުގެ ދަށުންވެސް ކޮންމެ އަހަރަކު އެތައް ދަރިވަރުންނަށް ތަމްރީނު ލިބިގެންދެއެވެ.

މިއީ މަރީގެ ހިދުމަތްތަކުގެ ކުރު ތައާރަފެކެވެ. ނަމަވެސް ދައްކަން މި އުޅެނީ މީހުން ބިނާކުރެއްވުމުގެ މަސައްކަތުގައި އުޅުއްވަމުން ގެންދެވި މަރީ، ރާއްޖޭގެ ޝެފުންގެ ޖަމިއްޔާގެ ފަސްމުގުލުގައި ހުރުމަށް އައި ގޮތުގެ ވާހަކައެވެ.

"ފެކަލްޓީގައި އުޅުނު އިރުވެސް ވިސްނިން ޝެފުންގެ ޖަމިއްޔާއެއް ހަދަން. ފެކަލްޓީ ތެރޭގައިވެސް އެވާހަކަތައް ދެކެވުނު. ރާއްޖޭގައި ފުރަތަމަ ކަލިނަރީ މައުރަޒެއް ބޭއްވީ 1994 ވަނަ އަހަރު، ހޮޓެލް ސްކޫލުގެ އިސްނެގުމުގެ މަތިން ސަރުކާރުން. އެއީ އިންޑަސްޓްރީއަށް ވަރަށް ބޮޑު ކަމެއް، އަދި ބައިވަރު މީހުންނަށް އެމީހުންގެ ހުނަރުތައް ދައްކާލަން ލިބުނު ފުރުސަތެއް،"

މަރީ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބާއްވަމުން އަންނަ ކަލިނަރީ މައުރަޒުތަކަކީ ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ "ވޯލްޑް ޝެފްސް"ގެ އެންޑޯޒްމަންޓް ހޯދުމަށްޓަކައި، ރާއްޖޭގެ ނޭޝަނަލް ޝެފްސް ޖަމިއްޔާއެއް އޮންނަން ޖެހެއެވެ. އެހެންކަމުން، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ނަމުގައި މަރީގެ އިސްނެންގެވުމުގެ މަތިން މި ޖަމިއްޔާ އުފެއްދީއެވެ.

އެކަމަކު މަރީއަކީ ޝެފެއްގެ ވަޒީފާ އަދާކުރި މީހެއް ނޫނެވެ. ދެން މިކަން މިވީ ކިހިނެއް ހެއްޔެވެ؟

"މަރީއަކީ ހޮސްޕިޓެލިޓީ ދާއިރާގައި ޝެފެއްގެ ވަޒީފާ އަދާކުރި މީހެއް ނޫން ނަމަވެސް ޝެފްކަން ކުރެވޭ ވަރު ވާނެ. ވަރަށް ގިނަ މީހުން އުފައްދާ ސުވާލެއް މިއީ، ޝެފުންގެ ޖަމިއްޔާގެ ރައީސަކަށް ޝެފްކަން ނުކުރާ މީހަކު ހުންނަނީ ކީއްވެހޭ. އަސްލު ހަގީގަތުގައި ޝެފުންގެ ޖަމިއްޔާ އުފެއްދީ، ރާއްޖޭގައި މަސައްކަތްކުރާ ޝެފުންނަށް ޕްލެޓްފޯމެއް ގާއިމުކޮށްދޭން. މަރީގެ ޕެޝަނެއް އެއީ، ޕްލެޓް ފޯމު ހަދައިދީ، އެމީހުންގެ ކުރިއެރުމަށާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރުމަކީ،"

މަރީ ވިދާޅުވީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ އެންމެ މުހިންމު އެއް މަސައްކަތަކީ ދިވެހި ޒުވާން ޝެފުން ކުރިއެރުވުން ކަމަށެވެ.

"ބައިނަލްއަގުވާމީ ކަލިނަރީ މުބާރާތްތަކަށް ދާން ފަސޭހަވާނީ ޒުވާން ދުވަސްވަރު. މަރީއަށް މިހާރު ވަރަށް ގިނަ އިންޓަނޭޝަނަލް މުބާރާތްތައް ފެނިއްޖެ. ގައުމުތަކުން ގިނައިން ވާދަކުރަނީ ޒުވާން ކުދިން. މި ސަރަހައްދުގެ ގައުމުތަކުގައިވެސް ޒުވާން ޝެފުން ބައިވަރު،" މަރީ ވިދާޅުވިއެވެ.

ދެން އޮތީ ޒުވާން ޝެފުން އުފެއްދުމުގެ މަސައްކަތެވެ. މަރީ ވިދާޅުވަނީ ރާއްޖޭގައި ކަލިނަރީ ދާއިރާއިން ކުރިއަށް ދިއުމުގެ ލައްކަ ފުރުސަތު އެބަ އޮތް ކަމަށެވެ.

މަރީ ނޫރައްދީން، ބައިނަލްއަގުވާމީ ޝެފުންގެ ބައްދަލުވުމެއްގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް ތަމްސީލުކުރައްވަނީ --

"އެބަ ފެނޭ އަބަދާއި އަބަދު އާ ރިސޯޓުތައް ހުޅުވަމުންދާތަން. އިންޓަނޭޝަނަލީ ރިކޮގްނައިޒްޑް ޗައިން ހޮޓެލްސް އަންނަނީ. އެހެންވީމަ ފުރުސަތު އެބަ އޮތް،"

އެހެން ނަމަވެސް ކުރާ މަސައްކަތަކީ ހަމައެކަނި ވަޒީފާއެއްގެ ގޮތުގައި އަދާކޮށްލާ މަސައްކަތަކަށް ވެގެން ނުވާނެއެވެ.

"މިކަން ޖެހޭނެ ސީރިއަސް ކެރިއަރަކަށް ހަދަން. ޝެފަކަށް ވާ ކުއްޖާވެސް އެކަމަށް ޕެޝަން އޮންނަންޖެހޭނެ. ޝެފުން އެކަންޏެއް ނޫން، ކޮންމެ ވަޒީފާއަކަށް ދިޔަޔަސް ޕެޝަން އޮންނަންވާނެ. ޕެޝަން އޮތިއްޔާ ސަވައިވް ވާނީ. ރާއްޖޭގައި ޓޫރިޒަމް އިންޑަސްޓްރީއަކީ ހާޑް އިންޑަސްޓްރީއެއް. ގޮންޖެހުންވެސް ބޮޑުވާނެ. އެކަމަކު ކަންކަން ދަސްކުރަން ލޯބިކޮށް، އެކަންކަމަށް ޕެޝަން އޮތިއްޔާ ނުވާނެ ކަމެއް ނޯންނާނެ،" މަރީ ވިދާޅުވިއެވެ.

"މަރީވެސް ކިޔެވީ ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ދާއިރާއިން. ފުރަތަމަ ކިޔަވަން ފެށި އިރު މީހުން އަހާނެ ކައްކަން ދަސްކުރަނީ ހެއްޔޭ. ކައްކަން ދަސްކުރުމަކީ ވަރަށް ދަށް މަސައްކަތެކޭ މީހުންނަށް ހީވެފައި އޮންނަނީ. އެކަމަކު މިއީ ފަންނެއް. ކެއްކުމަކީ ސައިންސެއް!"

comment ކޮމެންޓް