ނަޒީހުގެ ކޯޗުކަމުގެ ދަށުން ވިކްޓްރީ އިން ނިއު ހިފަހައްޓައިފި

ދިވެހި ލީގުގެ މެޗެއްގެ ތެރެއިން-- --- ފޮޓޯ/ އެފްއޭއެމް

މުހައްމަދު ނަޒީހުގެ ކޯޗުކަމުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ހިފަހައްޓައިފި އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ނިމިގެން ދިޔައީ 1-1ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ވިކްޓްރީ އިން އެއްޔެ މެޗަށް ނުކުތީ ކްލަބުގެ މާލީ ހާލަތު ގޯސްވެ ކުޅުންތެރިންނަށް މުސާރަ ނުދެވި އެތެރޭގެ މައްސަލަތައް ގިނަ ވެފައި ވަނިިކޮށެވެ. އިއްޔެގެ މެޗަކީ އުޖޫރައަކާ ނުލައި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވި ނަޒީހުގެ ކޯޗުކަމުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއުއިން ވަނީ ބޯޅަ ހިފަހައްޓައި ރަނގަޅު ކުޅުމެއް ކުޅެފަ އެވެ. އެހެން ނަމަވެސް، ދެ ޓީމުގެ ފަރާތުން ވެސް މާ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައި ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-0ގެ ނަތީޖާއިންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ވިކްޓަރީއަށް ގޯލް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން ނިހާނު އެވެ. އޭނާގެ ގޯލަކީ ކޯނަރަކުން ނެގި ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ނިއުގެ ސެންޓޭ ނެގި ދެ ހިލޭ ޖެހުމެއްގައި ވަނީ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ފުރަތަމަ ހިލޭ ޖެހުން ގޯލްގެ ދަނޑިއަށް އަމާޒުވި އިރު، ދެވަނަ ހިލޭ ޖެހުން މަތަކުރީ ގޯލްކީޕަރު އިންމައެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ނަތީޖާ ނިއުއަށް އެއްވަރުކޮށްދިނީ ވެސް ސެންޓޭ އެވެ. އޭނާގެ ގޯލަކީ ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ގޯލެކެވެ.

އެ ނަތީޖާއާ އެކު ނިއު ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ. ހަތް މެޗުން 14 ޕޮއިންޓް އެޓީމަށް ލިބޭ އިރު، ތިންވަނަގައި އޮތް އީގަލްސްއަށް ވެސް 14 ޕޮއިންޓް ލިބިފައި ވަނީ ހަތް މެޗުންނެވެ. ތާވަލުގެ އެއްވަނައިގައި ޓިސީ އޮތީ ހަތަރު ޕޮއިންޓުގެ ލީޑެއްގަ އެވެ. ވިކްޓަރީ އޮތީ ހަތް މެޗުން ހަ ޕޮއިންޓާއެކު އަށްވަނައިގަ އެވެ.

comment ކޮމެންޓް