ފަހު ވަގުތު ޖެހި ގޯލުން ޔުނައިޓެޑަށް މޮޅެއް

ރޭ މެނެޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ބައްދަލު ކުރި މެޗުގެ ތެރެއިން---

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި 3-2ގެ ނަތީޖާއިން ނިއުކާސަލް ބަލިކޮށްފި އެވެ.

ރޭގެ މެޗު ކުޅެފައި ވަނީ ޔުނައިޓުން ފަހަކަށް އައިސް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު ކަމުން ޖޯސޭ މޮރީނިއޯ ވަކި ކުރަން އުޅޭ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. ރޭގެ މެޗުން ޔުނައިޓެޑު ބަލިިވި ނަމަ މޮރީނިއޯ މަގާމުން ވަކި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ނިއުކާސަލް އިންނެވެ. ޔުނައިޓެޑުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެން އެ ގޯލު ކާމިޔާބު ކުރީ ކެނެޑީ އެވެ. އެ ގޯލު ޖެހިތާ ތިން މިނެޓު ފަހުން ނިއުކާސަލްގެ ޔޮޝިނޯރީ މޫޓޯ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ.

މެޗުގައި ޔުނައިޓެޑުގެ ތިން ގޯލު ވެސް ފެނިގެން ދިޔައީ މެޗު ނިމެން 20 މިނެޓަށް ވެފައި ވަނިކޮށެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ފުރަތަމަ ގޯލު ކާމިޔާބު ކުރީ ހުއާން މަޓާ އެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ޔުނައިޓެޑުގެ އެންތޮނީ މާސިއާލް ވަނި އޭރިއާގެ ތެރެއިން ބާރު ޝޮޓެއް ނަގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ޔުނައިޓެޑު މެޗުން މޮޅުކޮށްދިން ގޯލު ކާމިޔާބު ކޮށްފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި އެލެކްސިސް ސަންޗޭޒް އެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމި، ދިން އިތުރު ވަގުތުގެ ތެރޭގައި އޭނާ އެ ގޯލު ކާމިޔާބު ކުރީ އޭޝްލީ ޔަންގްގެ ހުރަހެއް ބޮލުން ފޮނުވާލައިގެންނެވެ.

މި މޮޅާ އެކު ޔުނައިޓެޑް އޮތީ އަށް މެޗުން 13 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ނިއުކާސަލް އޮތީ އޮތީ މޮޅެއް ނުލިބި އަށް މެޗުން ދެ ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގަ އެވެ.

comment ކޮމެންޓް