ރާއްޖެއާ އިންޑިއާ ވަރުގަދަ، އެކަމަކު ނަތީޖާ ނެރެނީ ދަނޑުމަތީގައި: ލަންކާ ކޯޗް

ސްރީ ލަންކާގެ ކޯޗު ނިޒާމް ޕަކީރް އަލީ ގަބޫލުކުރާ ގޮތުގައި ދަނޑުމައްޗަށް އެރުމަށް ފަހު މެޗުގެ ފޭވަރިޓެއް ނޯންނާނެ-- ފޮޓޯ: ދަޕޭޕަރ

އިންޑިއާ އަދި ރާއްޖެއަކީ ވެސް ވަރުގަދަ ދެ ޓީމު ކަމަށާއި، ނަމަވެސް މެޗުތަކުގައި ނަތީޖާ ނެރެނީ ދަނޑުމަތިން ކަމަށް ސްރީލަންކާގެ ކޯޗު ނިޒާމް ޕަކީރް އަލީ ބުނެފިއެވެ.

ޕަކިރް އަލީ މީގެ ކުރީން ވަނީ ބަންގްލަދޭޝްގެ ފުޓުބޯޅަ ލީގުގައި ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންގޮސްފައެވެ. އޭނާއަކީ މި ސަރަހައްދުގެ ފުޓުބޯޅައިގެ ތަޖުރިބާ ހުރި މީހެކެވެ.

"އިންޑިއާއާ ރާއްޖެއަކީ ވަރުގަދަ ދެ ޓީމުކަން އެނގޭ. އެކަމަކު މެޗުގައި ނަތީޖާ ނެރޭނީ ދަނޑު މަތީގައި. މޮޅުވާނީ ކޮން ބައެއްކަން ބަލިވާނީ ކޮންބައެއްކަން އެނގޭނީ ދަނޑުމަތިން. މޮޅުވުމާއި ބަލިވުމަކީވެސް ފުޓުބޯޅައިގެ ބައެއް،" އިންޑިއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރީމެޗް ޕްރެސް ކޮންފަރެންސްގައި ޕާކިރު ބުންޏެވެ.

އޭނާ ބުނީ ޔަގީނުންވެސް ކޮންމެ ޓީމެއް ވެސް ބޭނުންވާނީ ދެވަނަ ބުރަށް ދަތުރު ކުރަން ކަމަށެވެ. ނަމަވެސް ދެވަނަ ބުރަށް ދާނީ ކޮންމެވެސް ދެ ޓީމެއް ކަމަށާއި، އަމާޒަކީ އެ ދެ ޓީމުގެ ތެރެއިން ކޮންމެވެސް އެއް ޓީމަށް ވުން ކަމަށް އޭނާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ލަންކާއިން ކޭމްޕްކޮށްފައި ވަނީ ޖަޕާނާއި ދެކުނު ކޮރެއާގައެވެ. މުބާރާތަށް ތައްޔާވުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އެ ޓީމު ވަނީ މީގެ ކުރިން ލިތުއޭނިއާއާ ދެކޮޅަށް ކުޅެ 1-1ގެ ނަތީޖާއިން އެއްވަރުކޮށްފައެވެ.

ޕަކީރު ބުނީ މުބާރާތުގެ ކުރިން ޓީމަށް އުނދަގޫ މެޗުތަކެއް ކުޅެން ފުރުސަތު ލިބުނު ކަމަށެވެ. އެކަމުގެ ނަތީޖާ މުބާރާތް ފެށުމުގެ ކުރިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުރިކަމުގެ މެޗުން ފެނިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ލަންކާ މޮޅުވީ 1-0ގެ ނަތީޖާއިންނެވެ.

ލަންކާގެ އެއް ނަމްބަރު ކީޕަރު ސުޖާން ޕެރޭރާ ކުޅެމުން އަންނަނީ ރާއްޖޭގައިކަން ފާހަގަކޮށް ޕަކީރު ބުނީ އެއީ އޭނާގެ ޓީމަށް ލިބިގެންދާނެ އެޑްވާންޓޭޖެއް ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ކުޅުންތެރިންގެ ކުޅުން ޕެރޭރާއަށް އެނގޭނެތީ ކަމަށް އޭނާ ބުންޏެވެ.

މުބާރާތުގައި ލަންކާ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ އިންޑިއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިއަދު ރާއްޖެ ގަޑިން 18:00ގަ އެވެ. މިފަހަރުގެ މުބާރާތަށް އިންޑިއާއިން ނެރެފައި ވަނީ އެގައުމުގެ ޒުވާން ޓީމެވެ.

comment ކޮމެންޓް