ގްރޫޕުގައި އެންމެ ވަރުގަދައީ ބަންގާޅު، އެކަމަކު ދެވަނަ ބުރުގެ އުންމީދު އެބައޮތް: ޕާކިސްތާނު ކޯޗް

ޕާކިސްތާނުގެ ކެޕްޓަން ސައްދާމް ހުސައިން އާއި ކޯޗް ހޯސޭ އެންޓޯނިއޯ ނޮގޭރާ-- އެފްބީ ފޮޓޯ: އެފްޕީޑީސީ

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާ ގައުމު، ބަންގްލަދޭޝްގެ ޓީމު ވަރަށް ވަރުގަދަ ކަމަށާއި ނަމަވެސް، ރަނގަޅު ކުޅުމެއް ދައްކައި ދެވަނަ ބުރަށް ދަތުރު ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ޕާކިސްތާނުގެ ކޯޗް ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނެފިއެވެ.

މިއަދު މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ނޭޕާލް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޮގޭރާ ފާހަގަ ކުރީ ބަންގްލަދޭޝް އަމިއްލަ ދަނޑުގައި ކުޅޭތީ އެ ޓީމަށް އެހެން ޓީމުތަކުގެ މައްޗަށް ބޮޑު އެޑްވާންޓޭޖެއް އޮތް ކަމެވެ.

"ބަންގަލްދޭޝް ކުޅެނީ އަމިއްލަ ދަނޑުގައި. އެ ޓީމަށް ކޮލިފައިވާން ފަސޭހަ ވެދާނެ. އެކަމަކު އެ ޓީމާއެކު އަހަރެމެންނަށް ވެސް ދެވަނަ ބުރަށް ކޮލިފައިވުމުގެ ފުރުސަތު އެބަ އޮތް،" ބްރެޒިލްއަށް ނިސްބަތްވާ ނޮގޭރާ ބުންޏެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ޕާކިސްތާނުގެ ޒުވާން ޓީމު ވަނީ 2-1 އިން ނޭޕާލް ބަލިކޮށްފައެވެ. ނަމަވެސް، ނޮގޭރާ ބުނީ އެއީ މުޅިން ތަފާތު މުބާރާތެއް ކަމަށާއި މިއަދު ކުޅޭ މެޗުގައި އެ ކުޅުން ނުދެއްކިދާނެ ކަމަށެވެ.

"މިއީ މުޅިން ތަފާތު މުބާރާތެއް.އެއް މުބާރާތަކީ 23 އަހަރުން ދަށުގެ މުބާރާތެއް. އަނެއް މުބާރާތަކީ ސީނިއާ މުބާރާތެއް. އެ މުބާރާތުގައި ހިނގި ކަންތައްތައް ތަކުރާރުވާނެއެކޭ ނުބުނެވޭނެ،" ނޮގޭރާ ބުންޏެެވެ.

ޕާކިސްތާނުގެ ހައި ކޯޓުން އެ ގައުމުގެ ފުޓްބޯޅަ އިދާރާއަށް 2015 ވަނަ އަހަރު ނުފޫޒު ފޯރުވަން މަސައްކަތްކުރުމުން ފީފާއިން ވަނީ އެގައުމާ މެދު ފިޔަވަޅު އަޅާފައެވެ. އެހެން ކަމުން ފާއިތުވެދިޔަ ހަތަރު ވަރަހަށް އަހަރު ޕާކިސްތާނުގެ ގައުމީ ފުޓުބޯޅަ ޓީމަށް ފީފާ ފްރެންޑްލީ މެޗުތައް ވެސް ނުކުޅެވުނު އިރު އެގައުމުގެ ފުޓުބޯޅައަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

"ތިން އަހަރު ގެއްލުމުން، އެ ލިބޭ ގެއްލުމުން އަވަހަށް އަރައިގަންނަން ޖެހޭނެ. މަދުވެގެން އެއް އަހަރު ނަގާނެ އެ މަސައްކަތް މުޅިން ނިމެން،" އޭނާ ބުންޏެވެ.

"އަހަރެމެންގެ އަމާޒަކަށް ވެފައި މިވަނީ ޕާކިސްތާނަށް ގެއްލިފައިވާ ވަގުތުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުން."

ރާއްޖެ ހިމެނޭ ގްރޫޕާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ސްރީލަންކާއަށް އިހުތިރާމު ކުރާ ކަމަށާއި އެހެން ނަމަވެސް ރާއްޖެއާ އިންޑިއާ އަކީ މާ ވަރުގަދަ ޓީމުތަކެއް ކަމަށެވެ.

comment ކޮމެންޓް