ޔޫތު މިނިސްޓަރު ވޮލީބޯލް ވެޓަރަންސް ޓީމާ ބައްދަލުކުރައްވައިފި

މިއަދު ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ވޮލީބޯލް ވެޓަރަންސް ޓީމާ ބައްދަލުކުރުމުގެ ތެރެއިން-- ފޮޓޯ: ޔޫތް މިނިސްޓްރީ

މެލޭޝިއާގައި މި މަހުގެ ހަތް ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ އޭޝިއާ ޕެސެފިކް މާސްޓާސް ގޭމްސް 2018ގައި ބައިވެރިވާ ރާއްޖޭގެ ވޮލީ ބޯޅަ ވެޓަރަންސް ޓީމާ، މިިިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް މިއަދު ބައްދަލު ކުރައްވައިފިއެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ އޭޝިއާ ޕެސެފިކް މާސްޓާސް ގޭމްސް އަކީ ގިނަ ކުޅިވަރުގެ އިވެންޓުތަކެއް ހިމެނޭ، ގިނަ އަދަދެއްގެ ގައުމުތަކުން ބައިވެރިވާ، ވެޓެރަނުންނަށް ހާއްސަ މުބާރާތެކެވެ. އެންމެ ފަހުން އެ މުބާރާތް އޮތީ ނިއުޒިލޭންޑުގައެވެ. މި އަހަރު މެލޭޝިއާގެ ޕެނާންގގައި ބާއްވާ މުބާރާތުގައި 54 ގައުމަކުން 7000 އަށް ވުރެ ގިނަ ވެޓަރަން އެތްލީޓުން ބައިވެރިވާނެއެވެ.

މިއަދު ޔޫތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ އެހާ ގިނަ ގައުމަކުން ބައިވެރިވާ ބޮޑު މުބާރާތެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަކީ އުފާ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ މުބާރާތުގައި އެންމެ މަތީ ދަރަޖައިގެ ކާމިޔާބީއެއް ހޯދުމަށް މިނިސްޓަރު ވަނީ ވެޓެރަންސް ޓީމުގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މިއަދު މިނިސްޓަރު ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް ޔާމީންގެ ދައުރުގައި އަޅާފައިވާ ވޮލީބޯޅަ ކޯޓުތަކުގެ ބޭނުން ހިފައިގެން، އަތޮޅުތެރޭގައި ވޮލީ މުބާރާތްތައް ބާއްވައި، ކުދިން ތަމްރީނުކޮށް، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވޮލީބޯޅަ ކުރިއެރުވުމަށް އެހީތެރިވުމަށް ވޮލީބޯލް ވެޓެރަންސްގެ ކިބައިން އެދިވަދައިގެންފައެވެ. އަދި ވޮލީބޯޅަ ކުރިއެރުވުމަށް ވެޓެރަންސް އެސޯސިއޭޝަނުން ވޮލީބޯލް އެސޯސިއޭޝަންއާ ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.

މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް (އެމްވީވީ)ގެ ނައިބު ރައީސް މުހައްމަދު އަނީސް ވިދާޅުވީ، ވޮލީބޯޅަ އެސޯސިއޭޝަނާއި ޔޫތް މިނިސްޓްރީއާ ގުޅިގެން ވޮލީބޯޅަ ކުރިއެރުވުމަށް އެމްވީވީއިން މަސައްކަތް ކުރާނެ ކަމަށެވެ.

އަނީސް ވިދާޅުވީ އޭޝިއާ ޕެސެފިކް މާސްޓާސް ގޭމްސްގައި ރާއްޖޭގެ ވެޓެރަންސް ޓީމުން ބައިވެރިވާނީ 40 އަހަރުން މަތި، 45 އަހަރުން މަތި، އަދި 55 އަހަރުން މަތީގެ ވޮލީ ކެޓަގަރީގައި ކަމަށެވެ. އަދި އިންޑޯ ވޮލީއާއި ބީޗް ވޮލީގައި ރާއްޖޭގެ ޓީމުން ބައިވެރިވާއިރު، އިންޑޯ ވޮލީއަށް ރާއްޖޭގެ ދެ ޓީމު އަދި ބޯޗް ވޮލީއަށް ނުވަ ޓީމު ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ވޮލީބޯލް ވެޓަރަންސް ޓީމާ ބައްދަލުކުރުމުގެ ތެރެއިން-- ފޮޓޯ: ޔޫތް މިނިސްޓްރީ

"އަޅުގަނޑުމެން ދަންނަވަން ބޭނުންވަނީ، މި މުބާރާތުގައި ވެސް އިރާދަކުރެއްވިއްޔާ ރަނގަޅު ކާމިޔާބީއެއް ހޯދާނަމޭ. ނެޝަނަލް ޓީމެއްގެ ގޮތުގައި، ގައުމު ތަމްސީލު ކުރުމުގެ ގޮތުގައި އަޅުގަނޑުމެން ބަލަނީ. އެމްވީވީއިން ބައިވެރިވިކަމުގައި ވިޔަސް ގައުމަށް ރީތިނަން ހޯދުމަށް އަޅުގަނޑުމެން ހުރިހާ އެންމެން ވެސް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން،" އަނީސް ވިދާޅުވިއެވެ.

އޭޝިއާ ޕެސެފިކް މާސްޓާސް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ވޮލީ ވެޓަރަންސް ސްކޮޑުގައި ހިމެނެނީ 26 ކުޅުންތެރިންނެވެ. އެ މުބަރާތުގައި ބައިވެރިވުމަށް ޓީމު ފުރާނީ އަންނަ ބުދަ ދުވަހުއެވެ. މުބާރާތް ނިންމާލުމަށް ފަހު ޓީމު އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

comment ކޮމެންޓް