23 ސެޕްޓެމްބަރުގެ ކުރިން ބްރިޖުން ފީއެއް ނުނަގާނެ!

ސެޕްޓެމްބަރ 1، 2018: މާލެ/ހުޅުލެ ބުރިޖު (ސިނަމާލެބުރިޖު) އާންމުންނަށް ދައްކާލުމުގެ ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމު ދަތުރުފަތުރަށް ބްރިޖު ހުޅުވާލުމަށްފަހު، މިމަހުގެ 23ގެ ކުރިން ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ޓޮލްއެއް ނުވަތަ ފީއެއް ނަގާނެކަމަށް ގަބޫލުނުކުރައްވާކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމް އިން ގެނެސްދިން "ސިނަމާލެ ބްރިޖު-ހުވަފެން ހަގީގަތަކަށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ އަންނަ ހުކުރު ދުވަހު އާންމު ދަތުރުފަތުރަށް ބްރިޖު ހުޅުވާލުމުން އެއްވެސް ފީއެއް ނުދައްކައި ހަމަ ހިލޭ ދަތުރު ކުރަންވީ ކަމަށެވެ.

"އަދި ޓޮލްއެއްގެ ވާހަކައެއް އަޅުގަނޑުމެން ނުވެސް ދައްކަމު. ސަރުކާރަކުން އެވާހަކައެއް ނުވެސް ދައްކާ. އިރާދަކުރެއްވިއްޔާ އަދި ހަމަ ހިލޭ އަޅުގަނޑުމެން ބުރިޖު ހުޅުވައިގެން، ކުރިއަށް އޮތް ހަތެއްގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބްރިޖު އޯޕެން ކުރާނަން. އޯޕަންކުރީމާ ހަމަ ހިލޭ ސާބަހަށް އަދި ދާންވީ. އެބޭފުޅަކު ދާންވީމަ ދާންވީ،" ޒިޔާދު ވިދާޅުވިއެވެ.

https://sun.mv/110064

އޭނާ ވިދާޅުވީ ބްރިޖުމަތިން ދަތުރުކުރާ އުޅަނދުން ނަގާނެ ޓޮލް ކަނޑައެޅުމަށް މަސައްކަތްކުރަމުން ދާ ކަމަށެވެ.

"އެހެން ނަމަވެސް ޓޮލްއެއް އަންނާނެ. ޓޮލް އަންނަ އިރު، ޓޮލް ކަލްކިއުލޭޓު ކުރަމުން އެ ދަނީ. އެންމެ ރީޒަނަބްލް ގޮތެއްގައި ރައްޔިތުންނަށް އެންމެ އަގުހެޔޮކޮށް މިކަން ކުރެވޭނެ ގޮތަކީ އަޅުގަނޑުމެން ބަލައި އެންމެ ލުއިގޮތެއް ކަނޑައެޅިގެންދާނެ،" މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުވި ބްރިޖާ ގުޅިގެން ޒިޔާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން 23 ސެޕްޓެމްބަރުގެ ކުރިން އެއްވެސް ރައްޔިތެއްގެ އަތުން ޓޮލްއެއް ނަގާނެކަމަކަށް އެހެންވީމާ މިވަގުތު ކޮންމެހެން އެކަމާ ހާސްވާކަށް ނުޖެހޭ،"

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ހުސައިން "ސަން" އަށް ވިދާޅުވީ، ސިނަމާލެބްރިޖުން ޓޮލް ނެގުމާ ގުޅޭގޮތުން ޕީއެސްއެމްގެ ޕްރޮގްރާމްގައި ޒިޔާދު ވިދާޅުވީ އޭނާގެ ޚީޔާލުފުޅުކަމަށެވެ. ޓޮލްއާ ގުޅޭގޮތުން ރަސްމީކޮށް ގޮތެއް ނިންމައި ވަރަށް އަވަހަށް އެކަން އާންމު ކުރާނޭ ކަމަށް ފަޒާލް ވިދާޅުވިއެވެ.

ބުރިޖް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބުރިޖު ދަތުރުތަކުގެ އަގުތަކަކީ "އާންމުންނަށް ތަކުލީފަކަށް ނުވާވަރުގެ އަގުތަކެއް"ކަން ޔަގީން ކަމަށެވެ.

comment ކޮމެންޓް