ރޮނާލްޑޯއަށް މިވީ ކިހިނެއްބާ؟

ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ--

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ސެރީއާގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ގޯލެއް ޖެހިފައިނުވާއިރު ފުޓުބޯޅައިގެ ދުނިޔޭގައި މިހާރު އެންމެ ހޫނުކޮށް ދެކެވޭ ވާހަކައަކީ އެއީ އެވެ.

ރޮނާލްޑޯ ގޯލު ޖަހާތަން ދެކެން އޭނާގެ ސަޕޯޓަރުން ކެތް މަދުވެފައި ވަނިކޮށް އިއްޔެ ޔުވެންޓަސް އިން ވަނީ ދުވަސްތަކަކަށް ފަހު ސެރީއާއަށް އަލަށް ކޮލިފައިވި ޕާމާއާ ދެކޮޅަށް ނުކުމެފަ އެވެ. ގިނަ ބަޔަކު ހީކުރީ އެ މެޗުގައި އެންމެގެ އިންތިޒާރަށް ނިމުމެއް އަންނާނެ ކަމަށެވެ. އެހެން ނަމަވެސް، އެ މެޗުގައި ރޮނާލްޑޯގެ އެއްވެސް ހަމަލާއެއް ގޯލުގެ ދާގަނޑުގައި ނުޖެހުނެވެ. އަދި 2-1 އަކުން މެޗު ނިމި ޔުވެންޓަސް އަށް ތިން ޕޮއިންޓު ލިބުނު ނަމަވެސް، ސަޕޯޓަރުން އަނެއްކާ ވެސް ކުރަން ޖެހުނީ އިންތިޒާރެވެ.

ޖުވެންޓަސްއާ އެކު ކުޅުނު ތިން މެޗުގައި ރޮނާލްޑޯ ވަނީ 23 ޝޮޓު އުފައްދައިފަ އެވެ. އެއާ އެކު އޭނާ ވެފައި މިވަނީ ޔޫރަޕުގެ ބޮޑު ފަސް ލީގުގައި ގޯލެއް ޖެހިފައި ނުވާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ޝޮޓު ނަގާފައިވާ ކުޅުންތެރިޔާ އަށެވެ.

ފުޓުބޯޅަ ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނަމުން ދަނީ ރޮނާލްޑޯއަށް ގޯލު ނުޖެހިގެން އުޅެނީ އެހެން ލީގެއްގެ ކުޅުމަށް ހޭނެން އޭނާއަށް އަދި ވަގުތު ބޭނުންވާތީ ކަމަށެވެ. އަދި ސެރީއާ އަކީ އެހެން ލީގުތަކަށް ވުރެ އުނދަގޫ ލީގެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

ރޮނާލްޑޯއަށް ސެރީއޭގައި ކުރިއެކޭ އެއްވަރަށް ގޯލު ނުޖެހޭނެ ކަމަށް ގަބޫލު ކުރާ އެކަކީ ޔުވެންޓަސްގެ ލެޖެންޑް ޗީރޯ ފެރޭރާ އެވެ. ފެރޭރާ ބުނީ އޭނާ ގަބޫލު ކުރާ ގޮތުގައި ލަލީގާގައި ރޮނާލްޑޯ ގޯލު ޖެހި ވަރަށް އޭނާއަށް ސެރީއާގައި ގޯލު ޖަހަން އުނދަގޫވާނެ ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯއަށް މިސީޒަނުގައި 30 ގޯލަށް ވުރެ ގިނައިން ގޯލު ނުޖެހޭނެ ކަމަށެވެ.

"އިޓަލީގައި ފުޓުބޯޅަ ވަރަށް ތަފާތު ވާނެ. އަަހަރެން މިދައްކަނީ ޑިފެންޑަރުންގެ ވާހަކަ އެކަންޏެއް ނޫން. ފުޓުބޯޅައިގެ ސްޓައުލު ވެސް ތަފާތު. މިތަނުގައި ކުޅުން ވަރަށް ޓެކްޓިކަލްވެފައި ކުދި ޓީމުތައް ވެސް ވަރަށް ރޭވުންތެރިކަމާ އެކު ކުޅޭނީ." ފެރޭރާ ބުންޏެވެ.

ރޮނާލްޑޯއާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނިއާ އިޓަލީގައި -- ފޮޓޯ/ ޔުވެންޓަސް ޓުވިޓާ

އެހެން ނަމަވެސް، އެ ހިޔާލާ ދެކޮޅު ފަރާތްތަކުން ފާހަގަ ކުރަމުން ދަނީ ރޮނާލްޑޯ އަކީ މީގެ ކުރިން ތަފާތު ދެ ލީގެއްގައި ކާމިޔާބު ހޯދުމުގެ އިތުުރުން ބައިނަލްއަގްވާމީ މެޗުތަކުގައި ވެސް އޭނާގެ ފެންވަރު ހިފަހައްޓާފައިވާ ކުޅުންތެރިއެއް ކަމެވެ. ރޮނާލްޑޯ ލަލީގާގައި ރެއާލްއާ އެކު އެތައް ކާމިޔާބީއެއް ހޯދުމުގެ ކުރިން އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑާއެކު ދުނިޔޭގެ އެންމެ އުނދަގޫ ލީގު ކަމަށް މާހިރުން ބުނާ އިނގިރޭސި ޕްރިމިއާ ލީގު "ޑޮމިނޭޓު"ކޮށް އެ ލީގު ކާމިޔާބު ކޮށްފައި ކަން ވެސް އެ ފަރާތްތަކުން ފާހަގަ ކުރެ އެވެ.

ރޮނާލްޑޯއަށް ގޯލު ނުޖެހިގެން އުޅޭ އެހެން ސަބަބެއް ކަމަށް މާހިރުން ދެކެނީ އޭނާގެ އުމުރެވެ. ތެއްތިރީސް އަހަރުވެފައިވާ ރޮނާލްޑޯއަށް އޭނާގެ ކުރީގެ ކުޅުން ނުދެއްކިގެން އުޅެނީ އޭނާގެ އުމުރުން ދުވަސްވުމުން ކަމަށް ބުނާ ފަރާތްތަކަށް ރައްދެއްގެ ގޮތުގައި ރޮނާލްޑޯގެ ސަޕޯޓަރުން ފާހަގަ ކުރަނީ އޭނާ މި އަހަރުގެ ތެރޭޭގައި ރެއާލްއާ އެކު މޮޅު ކުޅުމެއް ދައްކައި ޗެމްޕިއަންސް ލީގު އުފުލާލި ކަމެވެ. އަދި ވޯލްޑް ކަޕުގައި ވެސް އޭނާގެ ފެންވަރު ދައްކާލައި މޮޅު ގޯލުތަކެއް ޖެހި ކަމެވެ.

އެންމެ ގިނަ ބަޔަކު ދެކެނީ ރޮނާލްޑޯއަށް ގޯލު ނުޖެހިގެން އުޅެނީ އޭނާގެ ފޯމު އަދި ހަމައަކަށް އެޅިފައި ނުވާތީ ކަމަށެވެ. އޭނާއަށް ލީގުގައި އެއް ގޯލު ޖެހުމުން ދެން ގޯލުތައް "ފުލުފުލުން" އަންނާނެ ކަމަށް އޭނާގެ ސަޕޯޓަރުން ބުނެ އެވެ.

ލަލީގާގައި ކުޅުނު އިރު ވެސް ރޮނާލްޑޯ "ފޯމު ކަޓާފައި" މާ ގިނަ ދުވަހަކު ނުހުރެ އެވެ. އެގޮތުން އޭނާ އަށް ލީގުގައި ގޯލެއް ނުޖެހި އެންމެ ގިނަވެގެން އާންމުކޮށް ހޭދަވަނީ ތިން ވަރަކަށް މެޗެވެ. އަދި 2014/2015 ވަނަ ސީޒަނުގައި ޖެނުއަރީ މަހު ވެސް ރޮނާލްޑޯއަށް ޖެހިޖެހިގެން ތިން ލީގު މެޗުގައި ގޯލު ނުޖެހި ދިޔަ އެވެ. ނަމަވެސް، އެ ސީޒަން އޭނާ ނިންމާލީ 48 ލަލީގާ ގޯލާ އެކު އެވެ. ހަމަ އެއާ އެކު 2015/2016 ސީޒަނުގައި 2015 ވަނަ އަހަރުގެ ސެޕްޓޭމްބަރު މަހު ވެސް ރޮނާލްޑޯއަށް ތިން މެޗުގައި ގޯލު ނުޖެހި ދިޔަ އިރު އެފަހަރު ސީޒަން ނިމުނު އިރު އޭނާ ވަނީ 35 ލަލީގާ ގޯލު ޖަހައިފަ އެވެ. އަދި 2016/2017 ސީޒަނުގައި 2016 ވަނަ އަހަރުގެ ސެޕްޓޭމްބަރު އަދި އޮކްޓޯބަރުގައި ރޮނާލްޑޯއަށް ގޯލު ނުޖެހި ތިން މެޗު ދިޔަ އެވެ. އެފަހަރު އޭނާ ސީޒަން ނިންމާލީ 25 ލަލީގާ ގޯލާ އެކު އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލް ދޫކޮށް ޔުވެންޓަސްއާ ގުޅެން ނިންމާފައި ކަމަށް ރިޕޯޓުތައް ބުނޭ-- ފޮޓޯ: ގޯލް

ޔުވެންޓަސްއާ އެކު ވެސް ރޮނާލްޑޯއަށް ތިން ލީގު މެޗުގައި ގޯލު ނުޖެހިފައިވާ އިރު ހަތަރު ވަނަ މެޗުގައި އޭނާ ގޯލު ޖަހާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ދެން ޔުވެންޓަސް ލީގުގައި ނުކުންނާނީ އަންނަ އާދީއްތަ ދުވަހު ސަސުއޭލޯއާ ދެކޮޅަށެވެ.

ކޮންމެ ގޮތެއް ވިޔަސް ރޮނާލްޑޯއަށް ލަނޑު ނުޖެހި މާ ގިނަ ދުވަސްތަކެއް ނުދާނެ ކަމަށް އެންމެން ވެސް އިއްތިފާގުވެ އެވެ. ސަބަބަކީ އޭނާ އަކީ އެހެން ގިނަ ކުޅުންތެރިންނެކޭ ހިލާފަށް، ސީޒަނަކަށް ފަހު ސީޒަނެއްގައި އެއް ފެންވަރެއް ހިފަހައްޓާފައިވާ ކުޅުންތެރިއެއް ކަމުންނެވެ.

comment ކޮމެންޓް