އުފަލަކަށް ފަހު އުފަލެއް: މިއީ އުމުރުން އެއްފަހަރުވެސް ނުލިބޭނެފަދަ ފުރުސަތެއް!

ސިނަމާލެ ބުރިޖުގައި ރޭ ބޭއްވި ގައުމީ ޔުނިވާސީޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި ސިނަމާލެ ބުރިޖު، މިހާރު މިވަނީ ދިވެހި ރައްޔިތުންގެ ހިތްތަކުގެ އެންމެ ފުންމިނުން ޖާގަ ހޯދައިފައެވެ. ބުރިޖޭ ބުނުމުން އެ ބަހަކީ ހިތްތަކުގެ ދިރުން އިހުސާސްވާފަދަ ބަހަކަށް މިހާރު މިވަނީ ބަދަލުވެފައެވެ. ފަނޑުވަމުން ދިޔަ ގައުމީ ޖޯޝް ބުރިޖާއެކު އަލުން ދިރި އާލާވާންފަށައިފިއެވެ. ލޯބިވެރިންނާއި ކުދި ބޮޑު އާއިލާތައްވެސް ބުރިޖުން ގުޅާލާ ނިމެއްޖެއެވެ.

މިއީވެސް ބުރިޖަށް އިތުރުވި އާ ބޮޅެކެވެ. އާ ސަފުހާ އެކެވެ. އަލަތު ކައިވެނީގެ ސަފުހާއަށް ފަހު ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާވެސް މިހާރު މިވަނީ ސިނަމާލެ ބުރިޖުމަތީ ބާއްވައި ތާރީހުގެ ތެރެއަށް ވަދެ ނިމިފައެވެ. އެ ޔުނިވާސިޓީން ރޭ ދަސްވެނިވި 361 ދަރިވަރުންނަށްވެސް އެ ހަފްލާ ވެގެން ދިޔައީ މުޅިން ތަފާތު އިހުސާސްތަކަށެވެ.

ސިނަމާލެ ބުރިޖުގައި ރޭ ބޭއްވި ގައުމީ ޔުނިވާސީޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

" އަސްލު އަޅުގަނޑުމެން ގުރެޖުއޭޝަން ރަސްމިއްޔާތު ބާއްވަން ހަަމަޖައްސައިފައި ކުރިން އޮތީ މިދިޔަ ބުރާސްފަތި ދުވަހަށް. ނަަމަވެސް އެ ދުވަހު ބުރިޖު ހުޅުވާތީ ދަރުބާރުގެއެއް ނުލިބުނު. ދެން އަޅުގަނޑުމެން ސްޓާފުންނާ ކުރި މަޝްވަރާތަކުގެ ތެރެއިން އައި ހިޔާލެއް ބުރިޖުގައި ރަސްމިއްޔާތު ބާއްވަން. މި އިވެންޓްް ބާއްވަން ހައުސިން މިނިސްޓްރީގައި އެދުނުއިރު ހިތަކަށްވެސް ނާރާ އެކަން ހަމަޖެހޭނެ ކަމަކަށް،" ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އައިޝަތު ޝާހީން ވިދާޅުވިއެވެ.

ބުރިޖުގައި ގުރެޖުއޭޝަން ބޭއްވުމަކީ އުމުރުން އެއްފަހަރުވެސް ލިބުން ދަތި ރަނުގެ ފުރުސަތެކެވެ. ހާއްސަކޮށް އަންނަ ހުކުރު ދުވަހު ދަތުރުތައް ކުރުމަށް ބުރިޖު ހުޅުވާލުމާއެކު، އެފަދަ ފުރުސަތެއް ލިބުމަކީ ދެން ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ. އެކަމާ ޝާހީންވެސް އިއްތިފާގުވެއެވެ.

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުން ބުރިޖުގައި ބޭއްވުމުން އެކަމަށް ކޮންމެވެސް ވަރެއްގެ ފާޑުކިޔުންތައްވެސް އަމާޒުވިއެވެ. އެގޮތުން މިއީ ދެން މާ ބޮޑަށް ކަން ދެއްކުން ކަމަށްވެސް ބުނެ ބައެއް މީހުން ވަނީ ޝުއޫރުތައް ފާޅުކޮށްފައެެވެ. ނަމަވެސް ޝާހީންގެ ހިޔާލު ތަފާތެވެ. އޭނާގެ ނަޒަރުގައި އެގޮތަށް އެ ވިސްނުން ބެހެއްޓީ ކޮންމެހެން މޮޅުކަމެެއް ކޮށްލުމުގެ ނިޔަތެއް އޮވެގެނެއް ނޫނެވެ.

ސިނަމާލެ ބުރިޖުގައި ރޭ ބޭއްވި ގައުމީ ޔުނިވާސީޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

" ބުރިޖުގެ ތެރެއިން މާލެއާއި ހުޅުމާލެއާ ގުޅުވާލެވުނީ ދެން އިތުރު ވަޒީފާތަކާ އެކު އެމްއެންޔޫއިން ގްރެޖުއޭޓްވެގެން ނިކުންނަ ނަރުހުން ލޯޔަރުން ބިޒްނަސްމަނުންނަށްވެސް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ. އެހެންކަމުން އެ ބުރިޖަކީ ހަަމަ ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް އޮތްްކަން ރަމްޒުކޮށްދޭ އެއްޗެއް. މިއީ އަޅުގަނޑުގެ ވިސްނުން. ދެން މިއިީ ތާރީހީ މުނާސަބަތަކާ ގުޅިގެން އޭގެ ބޭނުން ހިފީ،" ޝަހީން ވިދާޅުވިއެވެ.

ދެ ގަޑިއިރަށް ދެމިގެންދިޔަ ހަފްލާގައި ރޭ ވަނީ 361 ދަރިވަރުން ދަސްވެނިވެފައެވެ. މާސިންގާ ބުރިޖުމަތީ ބޭއްވި އެ ހަފުލާ ކިތަންމެ ހާވެސް ފުރިހަމައެވެ. ބީއްސާލަމުން ދިޔަ ކަނޑުގެ ރާޅުތަކާއި ޖެހެމުން ދިޔަ ނަލަ ވައި ރޯޅި އާއެކު އަދި ދަސްވެނިވެ ހަޔާތުގެ ދެން އޮތް މަރުހަލާއަށް ކާމިޔާބުކަމާއެކު ދެވިއްޖެ ކަމުގެ އިހުސާސްތައް އެއްވުމުން ނުލިބޭނެ ވަކި އުފަލެއް ކޮބައި ހެއްޔެވެ؟ އެންމެ ލޯބިވާ މީހުން އެ ހަފްލާގައި ތިބީ ދަރިވަރުންނާއެކު އެ އުފަލުގައި ޝާމިލްވެގެންނެވެ.

" ބުރިޖު މަތީ އަޅުގަނޑުމެން ގައުމީ ޔުނިވާސިޓީން ސެޓްފިކެޓް ދެއްވުމުގެ ސެރަމަނީ ބޭއްވުމަކީ އަޅުގަނޑުމެންނަށް ލިބުނު ފަހުރެކޭ އަޅުގަނޑަށް ދަންނަވާނީ. އެއީ ބައިނަލްއަގުވާމީ ގޮތުންވެސް ބައްލަވާނެ ދެއްތޯ. ކޮންމެގޮތެއްގަވެސް މިއީ ރެކޯޑެއް. އެހެންވީމާ މިފަދަ ތަނެއްގައި މިފަދަ ރެއެއްގައި އަޅުގަނޑުމެންނަށް މިޗާންސް ޔުނިވާސިޓީން ހޯއްދަވައި ދެއްވިކަމީ އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ ކަމެއް،" ރޭ ޔުނިވާސިޓީން ދަސްވެނިވި ދަރިވަރު އައިޝަތު ހުސެން މަނިކު އޭނާގެ ޝުއޫރުތައް ކިޔައިދިނެވެ.

ސިނަމާލެ ބުރިޖުގައި ރޭ ބޭއްވި ގައުމީ ޔުނިވާސީޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

އައިޝަތެކޭ އެއްފަދައިން ރޭ ދަސްވެނިވި ދަރިވަރު ޝިއުނާގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުފަލުން ބަބުޅަމުންދާ މަންޒަރެވެ. މިއީ ކުރިން އެއްގޮތަކަށްވެސް ޝިއުނާ އުއްމީދު ކުރި ކަމެއް ނޫނެވެ. އަދި އުއްމީދު ނުކޮށް ހުއްޓައި ލިބުނު އެ ފުރުސަތު ދެން އެހެން މީހަކަށް ލިބިދާނެކަމަށް ޝިއުނާ ގަބޫލެއް ނުކުރެއެވެ. ޝިއުނާގެ ނަސީބު ހަމަ ގަދައީއެެވެ. އެކަމާ ހަމަ ރަނގަޅަށްވެސް އޭނާ ފަހުރުވެރިވެއެވެ.

މާސްޓާސް އިން ސެކަންޑްރީ ޓީޗިން އިން ދިވެހިން ދަސްވެނިވި ގުލްފިޝާންއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނީ ހަމައެކަނި ބުރިޖު ފަދަ ތަފާތު މާހައުލެއްގައި އެ ހަފްލާ ބޭއްވިގެން ދިއުމުން އެކަންޏެއް ނޫނެެވެ. އެ ހަފްލާގައި އޭނާގެ އާއިލާގެ ތިން މެމްބަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.

ސިނަމާލެ ބުރިޖުގައި ރޭ ބޭއްވި ގައުމީ ޔުނިވާސީޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއީ އެކަން ކުރިން އޮތް ގޮތެއް ނޫނެވެ. ޖާގައިގެ ދަތިކަމުން ކުރިން ގުރެޖުއޭޝަންއަށް ވަދެވެނީ ހަމައެކަނި އާއިލާގެ އެއް މެމްބަރަަކަށް އެކަންޏެވެެ. ނަމަވެސް ރޭ ބުރިޖު ވަނީ އެ ހުރަސް ނައްތާލައިފައެވެ. ރޭ އެ ބުރިޖުގައި ޖާގައިގެ ދަތިކަމެއް ތަކުލީފުކުރާކަށް ނުޖެހުނެވެެ. އުއްމީދީ ބުރިޖުން އެތަކެއް އުއްމީދުތަކެއް ކިތަންމެހާވެސް ރަނގަށް ވަނީ ރޭ ގުޅާލަދީފައެވެ.

ރާއްޖޭގައި އެޅި ތާރީހީ ބުރިޖުން ލިބުނު ފޮނި މީރުކަން ރޭ ދަރިވަރުން ލިބިގަތެވެ. އެ ބުރިޖު މަތީގައި ނެގި ފޮޓޯތަށް ހަމަ ރަނގަޅަށްވެސް އެ ފަހުރުވެރި ތާރީހީ މުނާސަބަތު ހެކި ވާނެއެވެ.

comment ކޮމެންޓް