ދެކުނު ކޮރެއާ ރަން މެޑަލް ހޯދުމުން ސޮންއަށް އަސްކަރީ ޚިދުމަތަށް ނުގޮސް ސަލާމަތްވެވިއްޖެ!

18 ވަނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލްގައި ޖަޕާނާ ވާދަކޮށް ދެކުނު ކޮރެއާ ވަނީ، 2-1 މޮޅުވެ ރަން މެޑަލް ހޯދާފައި-- ފޮޓޯ: ބީބީސީ

އޯގަސްޓް 18އިން ސެޕްޓެމްބަރު 2އަށް އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ކުރިއަށް ގެންދާ 18 ވަނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ދެކުނު ކޮރެއާއަށް ރަންމެޑަލް ލިބުމުން، ޓޮޓެންހަމް ހޮސްޕާގެ ފޯވާޑް ސޮން ހިއުން-މިންއަށް އަސްކަރީ ޚިދުމަތަށް ނުގޮސް ސަލާމަތް ވެވިއްޖެއެވެ.

ދެކުނު ކޮރެއާގެ ގާނޫނުގައިވާ ގޮތުން ކޮންމެ ފިރިހެނަކު ވެސް 28 އަހަރު ވުމުގެ ކުރިން އެގައުމުގެ އަސްކަރިއްޔާގައި ދެ އަހަރު މަސައްކަތް ކުރަން ޖެހޭނެއެވެ. އެހެން ނަމަވެސް، އޮލިމްޕިކް ރަން މެޑަލެއް ނުވަތަ އޭޝިއަން ގޭމްސްގައި ރަން މެޑަލު ހޯދާ އެތްލީޓުން އެ ހިދުމަތް އަދާ ކުރަން ނުޖެހޭނެއެވެ.

ޖަޕާނާ ދެކޮޅަށް ސައުތު ކޮރެއާ ކުޅުނު ފައިނަލްމެޗުގެ 90 މިނިޓް ހަމަވީއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 30 މިނިޓް ތެރޭގައި ކޮރެއާ ވަނީ 2-1ގެ ނަތީޖާއަކުން ޖަޕާނު ބަލިކޮށްފައެވެ.

މެޗުގައި ކޮރެއާގެ ފުރަތަމަ ލަނޑު ޖަހައި ދިނީ، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލީ ސިއުން-ވޫއެވެ. ދެވަނަ ލަނޑު ޖަހައިދިނީ، ވަން ހީ-ޗަން އެވެ. 2-0ގެ ނަތީޖާއަކުން އިތުރު ވަގުތުގެ ކުޅުން ނިމެން ދަނިކޮށް ޖަޕާނަށް ފަރަގު ކުޑަކޮށްދިނީ، އަޔަސީ އުއެދާ ޖެހި ލަނޑުންނެވެ.

ދެކުނު ކޮރެއާގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު އުމުރުން 26 އަހަރުގެ ސޮންއަކީ އެ ޓީމުގައި ހުރި ދުވަސްވީ ކުޅުންތެރިޔާއެވެ. ފައިނަލް މެޗުގައި އެޓީމުން ކާމިޔާބުކުރި ދެލަނޑުގައިވެސް ވަރަށް ސޮންގެ ހިއްސާ ބޮޑެވެ.

އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓް ފަސްވަނަ ފަހަރަށް ދެކުނު ކޮރެއާއިން ކާމިޔާބުކުރުމާއެކު އެންމެ ބޮޑު ފައިދާއެއްކުރާނެ އެއް ބަޔަކީ، އިނގިރޭސި ޕްރިމިއަރ ލީގު ކްލަބް ޓޮޓެންހަމްއެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ޓޮޓެންހަމްއިން ވަނީފަސްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 22 މިލިއަން ޕައުންޑަށް ސޮން ގަނެފައެވެ. ދެކުނު ކޮރެއާ ޗެމްޕިއަންކަން ހޯދުމާއެކު ޓޮޓެންހަމްއިން ވަނީ، ސޮންއަށް މަރުހަބާ ކިޔައިފައެވެ.

https://sun.mv/109953

ދެކުނު ކޮރެއާއިން 2014 ވަނަ އަހަރު އަވައްޓެރި އުތުރު ކޮރެއާ ބަލިކޮށް އޭޝިއަން ގޭމްސްގެ ރަން މެޑަލް ހޯދިއިރު ސޮން އެ ކޮރެއާގެ 23 އަހަރުން ދަށުގެ ޓީމުގެ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ. އޭރު ސޮންއަށް ސްކޮޑުން ޖާގަ ނުލިބުނީ، އޭނާ ކުޅެމުން ދިޔަ، ޖަރުމަނުގެ ބޭޔާ ލެވަކުސެންއިން އޭނާއަށް ރިލީޒް ނުދިނުމުންނެވެ.

comment ކޮމެންޓް