ގާކޮށިބީގެ ގެލެރީ ނެގުމަށް ކޯޓު އަމުރެއް ހޯދަނީ

ށ. ގާކޮށިބީގައި ހެދި ފެއާމޮންޓް މޯލްޑިވްސް ސިއްރުފެންފުށި ރިސޯޓުގައި ހުންނަ އިންޓަ ޓައިޑަލް އާޓް މިއުޒިއަމް ---

ށ. ގާކޮށިބީގައި ހިންގާ ފެއާމޮންޓް މޯލްޑިވްސް ސިއްރުފެންފުށި ރިސޯޓުގައި ހަދާފައިވާ ކަނޑުއަޑީގެ ގެލެރީ ނެގުމަށް އެންގިތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، ގެލެރީ އަދިވެސް ނަގާފައި ނުވާތީ އެކަން ކުރުމަށް ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ސިއްރުފެންފުށީގައި ހުޅުވި "އިންޓަ ޓައިޑަލް އާޓް މިއުޒިއަމް" އަކީ ދުނިޔޭގައި ވެސް ހުޅުވި އެފަދަ ފުރަތަމަ މިއުޒިއަމް އެވެ. "ކޮރަލޭރިއަމް"ގެ ނަން ދީފައިވާ އެ މިއުޒިއަމްގައި އިންސާނުން ރަމްޒުވާ ޖުމްލަ 14 "ބުދެއް" ބަހައްޓާފައި ހުރެ އެވެ.

https://sun.mv/108615

އިންސާނުން ރަމްޒުވާ ބުދުތަކެއް ބެހެއްޓި މައްސަލާގައި، 27 ޖުލައި 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެއް ދުވަހުގެ ތެރޭގައި އެތަކެތި ނެގުމަށް ރިސޯޓަށް އެންގިކަން ހާމަކޮށްފަ އެވެ.

ނަމަވެސް މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، އެތަކެތި އަދިވެސް ނަގާފައިނުވެ އެވެ.

ސަރުކާރުގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވި ގޮތުގައި، އެ ބުދުތައް ނަގަން އެންގި ފަހުން، އެ ބުދުތަކުގެ ސިފައަށް ބަދަލުތަކެއް ގެންނަ ފަދަ ވާހަކަތަކެއް ރިސޯޓުން ބުނެފައިވެ އެވެ. ނަމަވެސް އަދިވެސް އެ މަސައްކަތް ކޮށް ނިމިފައި ނުވާ އިރު، ބުދުތައް ނަގާފައި ނުވާތީ އެކަން ކުރުމަށް ކޯޓު އަމުރެއް ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިހާރު ކޯޓު އަމުރެއްގެ ދަށުން އެތަކެތި ނަގަން މި އުޅެނީ. އަމުރު ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ،" ސަންއާ ވާހަކަދެއްކެވި ސަރުކާރުގެ އޮފިޝަލު ވިދާޅުވި އެވެ.

ށ. ގާކޮށިބީގައި ހުންނަ ފެއާމޮންޓް މޯލްޑިވްސް ސިއްރުފެންފުށި ރިސޯޓުގައި ހެދި ކަނޑުއަޑީގެ ގެލެރީއާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކަނޑުއަޑީގެ މިއުޒިއަމް ފަދަ ތަންތަން ހެދުމަށް ސަރުކާރުން ވަކި ހުއްދައެއް ނަގަން ނުޖެހެ އެވެ. ނަމަވެސް ގާކޮށިބީގައި ހުންނަ ރިސޯޓުގައި ގެލެރީ ހެދީ، ރިސޯޓުން ބޭނުންވެގެން އީއައިއޭވެސް ހަދައިގެން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

https://sun.mv/108652

މިނިސްޓަރު ޒަމީރު ވިދާޅުވީ އީއައިއޭ ހެދި ނަމަވެސް، އެތަނުގައި ބަހައްޓަން އުޅުނީ އިންސާނުންގެ ސިފަ ރަމްޒުވާ ފަދަ ބުދުތަކެއްކަން ސަރުކާރަށް އޭރު ނާންގާ ކަމަށެވެ.

"މީގެ ހައެއްކަ މަސް ކުރިން އެތަނުގައި އަޅުކަން ކުރާ ފަދަ ބުދުތަކެއް ބަހައްޓަން އުޅޭކަން މީޑިއާ އިން އަޅުގަނޑުމެންނަށް އެނގިގެން އެމީހުންނާ ވާހަކަ ދެއްކިން. އިސްލާމީ ވެލިއުތަކާއި ރާއްޖޭގެ ގާނޫނާ ޚިލާފު ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އެބޭފުޅުން ދިން،" ޒަމީރު ވިދާޅުވި އެވެ.

comment ކޮމެންޓް