ލީޑިންގް ގެސްޓްހައުސްގެ އެވޯޑު ރިވެރީސް ޑައިވިންގް ވިލެޖަށް

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެސްޓްހައުސް އެޑިޝަން: ލީޑިންގް ގެސްޓްހައުސްގެ އެވޯޑު ލިބުނީ ރެވެރީސް ޑައިވިންގް ވިލެޖަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ލީޑިންގް ގެސްޓްހައުސް އެވޯޑުގެ ޝަރަފު، ލ. ގަމުގެ ރިވެރީސް ޑައިވިންގް ވިލެޖަށް ލިބިއްޖެއެވެ.

މިރޭ ހުޅުމާލޭގެ ހެރިޓޭޖް އައިލެންޑް، ފަރުކޮޅުފުށީގައި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ ގެސްޓްހައުސް އެޑިޝަން ވަނީ ބާއްވާފައެވެ. އެ ހަފްލާގައި ރާއްޖޭގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ގެސްޓްހައުސްތަކަށް އެވޯޑް ދިނެވެ.

ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު، ރާއްޖޭގެ ލީޑިންގް ގެސްޓްހައުސް އެވޯޑު ރިވެރީސް ޑައިވިންގް ވިލެޖަށް ދެއްވީ ޝަރަފުވެރި މެހެމާނު، މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހްމަދު ނަސީރެވެ.

މިއީ ރިވެރީސް ޑައިވިންގް ވިލެޖަށް މި އެވޯޑު ލިބުނު ދެވަނަ ފަހަރެވެ. މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނެއް ލޯންޗުކުރުމުގެ ކުރިން، 2016 ވަނަ އަހަރުގެ ޓްރެވަލް އެވޯޑްސް ގާލާގައި ރިވެރީސް އަށް ރާއްޖޭގެ ލީޑިންގް ގެސްޓްހައުސް އެވޯޑުގެ އިތުރުން ލީޑިންގް އިނޮވޭޝަން އިން ގެސްޓްހައުސް ޑިޒައިންގެ އެވޯޑު ލިބިފައި ވެއެވެ.

ދެހާސް ބާރަވަނަ އަހަރު ލ. ގަމުގައި ހުޅުވި ރިވެރީސް ޑައިވިންގް ވިލެޖަށް މިދިޔަ އަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަންގައި ލީޑިންގް އެޑްވެންޗާ ގެސްޓްހައުސްގެ އެވޯޑު ވެސް ލިބުނެވެ.

މީގެ އިތުރުން ރިވެރީސް އަށް ވަނީ 2017 ވަނަ އަހަރުގެ ސައުތު އޭޝިއާ ޓްރެވަލް އެވޯޑްސްގައި ދެކުނު އޭޝިއާގެ ލީޑިންގް ގެސްޓްހައުސްގެ އެވޯޑާއި ރާއްޖޭގެ ލީޑިންގް ގެސްޓްހައުސްގެ އެވޯޑުވެސް ލިބިފަ އެވެ.

ސްޓާވޯޒް ފްރެންޗައިޒްގެ އަށް ވަނަ ފިލްމު "ރޯގު ވަން" ލ. އަތޮޅުގައި 2015 ވަނަ އަހަރު ޝޫޓު ކުރި އިރު، އެ ފިލްމުގެ ކްރޫއިން ތިބީ ރިވެރީސް ޑައިވިންގް ވިލެޖުގައެވެ.

comment ކޮމެންޓް