ބްރިޖުގެ ކްރެޑިޓް ދޭންވީ ކާކަށް؟

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު އަވްޝަން

މާލެއާއި ހުޅުލެ ފާލަމަކުން ގުޅާލައި، ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ އެއް މަޝްރޫއު މިވަނީ ނިންމާލާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރަން އަކުރުން ލިޔެވޭނެ ކާމިޔާބީއެކެވެ. މަޝްރޫއު ނިމި، އޭގެ ފޮނިމީރުކަން ފެނުމާއެކު މީގެ "ކްރެޑިޓް" ނަގަން ބޭނުންވާ ފަރާތްތަކުގެ ވާދަވެރިކަން ވަރަށް ބޮޑުވެއްޖެއެވެ. އެހެންކަމުން މި ބޮޑު ކާމިޔާބީގެ ވާހަކަ ދައްކާއިރު، މި މަޝްރޫއުގެ ކްރެޑިޓް ދޭންޖެހެނީ ކާކަށް ނޫނީ ކޮން ބަޔަކަށް ހެއްޔެވެ؟

ދޫދޫ މަތިން ނަމަވެސް ދެކެވޭ ވާހަކައަށް ބަލާއިރު ކުރީގެ ރައީސް މުހައްމަދު އަމީންގެ ދައުރުގައިވެސް ބުރިޖެއްގެ ވާހަކަ ދެކެވުނު ކަމަށް ބުނެއުޅެއެވެ. އޭގެ ފަހުން ރައީސް ނާސިރުގެ ދައުރުގައި ހުޅުލެއާއި މާލެ ފާލަމަކުން ގުޅައިލުމަކީ އެމަނިކުފާނުގެ ތަސައްވަރެއްކަމަށް ވެއެވެ.

ސިނަމާލެ ބްރިޖު -- ފޮޓޯ/ ޓްވިޓާ (މިނިސްޓަރ މުހައްމަދު ސައީދު)

އޭގެފަހުން ބުރިޖުގެ ހިޔާލު ކުރެހުމެއް ނޫނީ ވީޑިއޯ އެއްގެ ސިފައިގައި ދިވެހީންނަށް ފެނިގެންދިޔައީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ. ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމަށްފަހު ގަދަ ފަސްއަހަރަށް އެމަނިކުފާނު ކުރިމަތިލެއްވީ "މޫން ބޭ މެރީނާ"ގެ ތަސައްވަރު ކުރައްސަވައިގެންނެވެ.

އެ ތަޞައްވުރު ރީތި ވީޑިއޯއެއްގެ ސިފައިގައި ރައްޔިތުންނަށް ދައްކަވާލެއްވި ނަމަވެސް ރައީސް މައުމޫނުގެ ވެރިކަން ނިމިގެން ދިޔައީ އެކަން ހަގީގަތަކަށް ހެއްދެވުމުގެ ފުރުސަތު ލިބިވަޑައި ނުގެންނެވެ.

މޫންބޭ މެރީނާގެ ހިޔާލުފުޅު ނުވަތަ ތަޞައްވަރަށް ބަލާއިރު މިއީ މާލޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމަށް އޭގެ ސަބަބުން ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއެއް ކަމަށް އޭރު ވަނީ ވިދާޅުވެފައެވެ. މާލޭ އިރުމަތީ ފަރާތުގައި ކުރިއަށް ގެންދަން ނިންމި މި މަޝްރޫއާ ގުޅޭ މަތީ ފެންވަރުގެ މަޝްވަރާތައް އޭރު ކުރެއްވިއެވެ. މާލޭ އިރުމަތީ ފަރާތު މަލަމަތި ބަދަލުކޮށްލާނެ މަޝްރޫއެއް ހިމަނައި އޭގެ ތެރެއިން ބުރިޖުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމަވައި ގްރެފިކްސްގެ އެހީގައި ރައްޔިތުންނަށް ދެއްކެވިއެވެ.

އޭރު ރައީސް މައުމޫނުގެ އެ ތަޞައްވުރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ، އޭރު އިދިކޮޅު އެންމެ ބޮޑު ލީޑަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އަދި މާލެއާ ހުޅުލެއާ ދެމެދު ބްރިޖެއް އަޅާނީ ކިހިނަކުންތޯއާއި ބްރިޖެއް އަޅާނޭ ގޮތް ކިޔައިދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ. އަދި ރައްޔިތުންގެ ތާއީދު ހޯދުމަށް އެފަދަ، ނުކުރެވޭނޭހެން ހީވާ ޒާތުގެ ދަޅަތައް ނުދެއްކުމަށް އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން މި ދައްކަނީ ކުރެވޭނޭ ކަންތައްތަކުގެ ވާހަކަ. ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިލައްވާނެ، ބްރިޖެއް ނޭޅޭނެ. އަޅުގަނޑަށް ރައީސް މައުމޫން ވިދާޅުވެދެއްވަ ބައްލަވާ ކީއްކުރައްވަންތޯ ތިޔަ އުޅުއްވަނީ. ހުޅުލެއާ މާލެއާ ދޭތެރޭ ބްރިޖެއް އަޅުއްވައިގެން ކޯއްޗެއް ހައްދަވަންތޯ ތިޔަ އުޅުއްވަނީ،" އޭރު ބްރިޖްގެ ތަޞައްވުރާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

" މައުމޫނު ނިކަން ވިދާޅުވެދެއްވާ ތި ބްރިޖެއް އެޅީމާ ދެންވާނެ ގޮތެއް، އެޅިޔަސް. ކިހިނެތްތޯއޭ އަޅާނީ، ކޮބާތޯއޭ ތީގެ އިންޖިނޭރިންއަކީ، ކާކުތޯއޭ ބުނީ ތިޔަ އެޅޭނެއޭ؟

" ކިހިނެތްތޯ އޭގެ ފައިސާ ހޯއްދަވާނީ، ހަމަ މީހުންގެ ލޮލުގައި އަނދުންއަޅުއްވަމުން ނުހިންގަވާށޭ، ތިވަރަށް އޮޅުވާނުލައްވާށޭ."

ކޮންމެއަކަސް ރައީސް މައުމޫނުގެ ވެރިކަން ނިމި ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެންމެ ފަހުން މާލެއާއި ހުޅުލެ ގުޅާލަން ބުރިޖު އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމިއެވެ. މި ނިންމުން މިންމާފައިވަނީ މާލެ ތޮއްޖެހި، ރައްޔިތުންގެ ދިރިއުޅުމާއި ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކާއި، ދިމާވާ އިޖްތިމާޢީ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ.

ދިރާސާތައް ކޮށް މަޝްރޫއު ކުރިއަށް ގެންދަން ނިންމި ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުންވެސް ބުރިޖު އެޅުމަށް އަމަލީގޮތުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި ހުޅުމާލޭގެ ތަރައްގީއަށް އޭރު މާކަބޮޑު އިސްކަމެއް ދެއްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވީ ގުޅިފަޅު ހިއްކައި އެތަން ތަރައްގީކުރުމަށެވެ.

ހުޅުމާލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ ނަމޫނާއެއް ކަމަށް ބުނެ ކުރީގެ ސަރުކާރުން އާންމު ކޮށްފައިވާ ކުރެހުމެއް: ފައިލް ފޮޓޯ

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ޗައިނާގެ ޕްރިމިއާ ވެން ޖިގަބޫއާއެކު ބްރިޖު މަޝްރޫއުގެ ފުރަތަމަ މަޝްވަރާތައް ބޭއްވިއެވެ. ރައީސް ވަހީދުގެ ދޮޅު އަހަރުގެ ވެރިކަން ނިމި 2013ގެ އިންތިޚާބަށް ތައްޔާރުވުމަށް ކުރެވުނު ކެމްޕެއިންތަކުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގާސިމް އިބްރާހިމް ވެސް، ހުޅުލެއާއި މާލެ ބުރިޖަކުން ގުޅާލާ ވާހަކަ ދެއްކެވިއެވެ.

އެންމެ ފަހުން އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ޔާމީނުގެ ވެރިކަމުގައި ބުރިޖާ ގުޅޭ އަމަލީ މަސައްކަތް ފެށިގެން ދިޔައެވެ. އޭރު ގިނަ ބަޔަކު ހިތުގައި އުފެދުނު ސުވާލަކީ އޮއި ބާރު، ފުން ކަނޑެއްގައި މިފަދަ މަޝްރޫއެއް ހިންގޭނެތޯއެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމަށް ބޭނުންވާ ތަހުލީލުތައް ހެދުމުގެ ގޮތުން ކަނޑުގައި ބޯހޯލް ތޮރޮފުމުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ/ މިނިސްޓަރު މުއިއްޒު ޓުވީޓާ

ނަމަވެސް މި ގޮންޖެހުން ގިރާކުރެއްވުމަށް ތައްޔަރަށް ހުންނެވިކަން ސާބިތުކޮށްދެއްވާ ރައީސް ޔާމީނުގެ މި ވެރިކަމުގައި، 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ހުޅުލެއާއި މާލެ ގުޅައިލުމަށް ބުރިޖެއް އަޅަން ދިވެހި ސަރުކާރާ ޗައިނާ ސަރުކާރާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ނުވަތަ ޗައިނާއާއި ރާއްޖެ އާ ދެމެދު އޮންނަ އެކުވެރިކަން ރަމްޒުކޮށްދޭ މި ބްރިޖުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދާފައި ވަނީ ޗައިނާ ސަރުކާރުންނެވެ.

ދުއިސައްތަ މިލިއަން ޑޮލަރު ހަރަދު ކުރި މި މަޝްރޫއަށް އެންމެ ބޮޑު އެހީއެއް ވެދީފައި ވަނީ ޗައިނާ ސަރުކާރުންނެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ޖޫން 11 ވަނަ ދުވަހު ބްރިޖުގެ މަސައްކަތަށް ޗައިނާ ސަރުކާރުން ދޭން ނިންމި ހިލޭ އެހީގެ އެއްބަސްވުމުގައި ދެގައުމުގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ. ބްރިޖަށް ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދެ އެވެ. ސަތޭކަ ހަތްދިހަ މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ވެސް ޗައިނާ ސަރުކާރުން ވަނީ ބްރިޖު މަޝްރޫއަށް ދީފަ އެވެ. ދިވެހި ސަރުކާރުން މަޝްރޫއަށް ޚަރަދުކުރީ 30 މިލިއަން ޑޮލަރެވެ.

ބްރިޖު އަޅާ ކުންފުނި ކަނޑައަޅައި އެކަމުގެ އެއްބަސްވުމުގައި ޗައިނާއާއި ރާއްޖެއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ 2015 ނޮވެމްބަރު 13 ވަނަ ދުވަހު އެވެ. ބްރިޖުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަން ތިން ކުންފުންޏެއް ޝޯޓްލިސްޓް ކުރި އިރު އެ މަޝްރޫއު ކުރިއަށް ގެންދިޔަ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން އާ މަސައްކަތް ހަވާލުކޮށްފައި ވަނީ 2015 ނޮވެމްބަރު 23 ވަނަ ދުވަހު އެވެ. ބްރިޖުގެ މަސައްކަތް ފެށުމުގެ ކުރިން ބްރިޖުގެ ފައިނަލް ޑިޒައިން ދައްކާލުމަށް 2015 ސެޕްޓެމްބަރު ހަތް ވަނަ ދުވަހުގެ ރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މާލޭގެ އިރުމަތީ ފަރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ 30 ޑިސެމްބަރު 2015 ގައެވެ. އެ މަސައްކަތް ފައްޓަވާދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޗައިނާގެ ކޮމާސް މިނިސްޓަރުގެ ނައިބު ގައޮ ޔަން އެވެ.

20 ފެބްރުއަރީ 2017: ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބުރިޖުގެ މަސައްކަތް ކުރިއަށްދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބުރިޖުގެ މަސައްކަތް ކުރިއަށް ދިޔައިރު ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނާއި ބުރިޖުގެ ކޮންޓްރެކްޓަރުން ދިޔައީ 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ. ތާވަލާ އެއްގޮތަށް އޮމާންކަމާއެކު ގެންދިއުމަށް އެތައް ސަތޭކަ ބަޔަކު ރެޔާ ދުވާލު ދިޔައީ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއު ހިންގުމާ ސަރުކާރުގެ ފަރާތުން ހަވާލުވެފައިވާ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގެންދެވީ މަޝްރޫއުގެ ވާނުވާ ރައްޔިތުންނާ ހަމައަށް އެމަނިކުފާނުގެ ޓްވިޓާ މެދުވެރިކޮށް ގެނެސްދެއްވަމުންނެވެ. މިއީ ސަރުކާރުން ކިިހާ ބޮޑު އަހައްމިއްޔަތު ކަމެއް ދޭ މަޝްރޫއެއްކަން މިނިސްޓަރު ގެންދެވީ އެކި ފަހަރު މަތިން ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ބުރިޖުގެ މަސައްކަތް ތިން އަހަރާއި 11 މަސް ތެރޭ ނިންމައި ރޭ މިވަނީ ހުޅުވިފައެވެ. ބުރަ މަސައްކަތަކުން ލިބުނު މޭވާގެ ފޮނިކޮޅު ބޯލަން ބޭނުންވާ ގިނަ ބަޔަކު ތިބިކަން މިއަދު ދަނީ ފެންނަމުންނެވެ.

ރައީސް ޔާމީން ސިނަމާލެ ބުރިޖު ހުޅުއްވައިދެއްވުން ---- ފޮޓޯ: ރައީސް އޮފީސް

ބުރިޖުގެ ކްރެޑިޓު ދޭންޖެހޭނީ މިވެނި މީހަކަށޭ، މިއީ ތިމަންނަ ކުރި މަސައްކަތޭ ބުނެ ބުރިޖާ ވެރިވާ މީހުންގެ އަދަދު މިދަނީ ގިނަ ވަމުންނެވެ. މި ސަރުކާރުގައި ފެށި މަޝްރޫއުތަކަކީ ސަރުކާރުގެ ވެރިޔަކަށް ހުންނަވާ ބޭފުޅާގެ ވިސްނުންފުޅާއި، އިރުޝާދުގެ ދަށުން ކުރިއަށް ގެންދާނެ މަސައްކަތްތަކެކެވެ. ދަށުން ތިއްބަވާ އެހެން ބޭފުޅުންގެ ކަމަކީ އެ އިރުޝާދުތަކަށް ބޯލަނބައި ތަންފީޒު ކުރުމެވެ. ދެ ގައުމެއްގެ ދެމެދު އޮންނަ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުގައިވެސް ފުދޭ މި ބުރިޖުގެ ނަންވެސް ގުޅިފައި މިވަނީ އެ ގުޅުމާއެވެ.

ބުރިޖު ހުޅުވުމަށްފަހު ހަވާއަރުވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ބުރިޖު އެޅުމަށް ކުރެވުނު މަސައްކަތާއި ހޭދަވި ވަގުތާއި އަދި ބުރިޖު މަޝްރޫއާ ގުޅިގެން ދެން ހިނގައިދިޔަ ކަންތަކަށް ބަލާއިރު މި ބުރިޖު ގާދޫ ކޮލުގައި މިއަދު މިހުރީ، ކޮންބައެއްގެ ބުރަ މަސައްކަތަކުންކަން ވިސްނައިލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ފާޑުކިޔަންތިބެ، ކަންވެ ނިމުމުން ނަންވާ މީހުންގެ އުސޫލު ފެންނަމުންދާއިރު، ހަގީގަތް ލޮލަށް ފެންނަ މީހުންނަށް ކަން ހިނގައިދިޔަ ގޮތް ގަބޫލުކުރެވޭނެއެވެ.

ބްރިޖުގެ ކްރެޑިޓްގެ މައްސަލައިގައި، ވެރިކަންކުރާ ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ބްރިޖުގެ އޯނާޝިޕް ނެގުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ބްރިޖުގެ މަސައްކަތުގެ ފެށުން ވެސްއައީ އަދި ނިމިގެން ދިޔައީވެސް ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށް ނިހާން ވިދާޅުވިއެވިއެވެ.

ބްރިޖުގެ ކްރެޑިޓް ދޭނެ ފަރާތަކާމެދު ސޯޝަލް މިޑިއާގައިވެސް ދަނީ ހިޔަލު ފާޅުކޮށް ވާހަކަ ދައްކަމުންނެވެ.

ދުއިސައްތަ މިލިއަން ޑޮލަރުގެ މި މެގަ ޕްރޮޖެކްޓު ނިންމައި އޭގެ ފޮނި މީރުކަން ލިބިގަތުމަށް ދިވެހިން ތައްޔާރުވެފައިވާއިރު އިންފްރާސްޓްރަކްޗާގެ މި މަޝްރޫއުގެ ކްރެޑިޓު ދޭނީ ކާކަށް ހެއްޔެވެ؟

comment ކޮމެންޓް