ހުދައިދާގައި 400،000 މީހުން ތާށިވެފައި، ހިތް ފަޅައިގެންދާވަރުވޭ!

ޔަމަނުގެ ހުދައިދާ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައި---

ޔަމަނުގެ ހުދައިދާގެ މަތިން ބޮން އަޅަމުންދިޔަ އެއާކްރާފްޓްގެ އަޑު އިވުމުން މުހައްމަދު ޔާސީންގެ ހިތަށްވެސް ވެރިވީ އިންތިހާގެ ބިރުވެރިކަމެވެ.

މަތިން އަޅަމުންދިޔަ ބޮމުގެ ވާރެއިން ސަލާމަތްވުމަށް އެ ސަރަހައްދުގައި ދިރިއުޅޭ އެހެނިހެން ރައްޔިތުންނެކޭ އެއްފަދައިން ޔާސީންވެސް ބެލީ ރައްކާތެރި ތަނަކަށް ދެވޭތޯއެވެ. ފޮއްޓަށް އެއްޗެތި އަޅައިގެން އާއިލާއެކު ޔާސީން މިސްރާބު ޖެހީ އެގައުމުގެ ވެރިރަށް ސަނާއަށެވެ.

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ހުދައިދާގެ 120،000 އަށް ވުރެ ގިނަ މީހުންވަނީ އެ ޝަހަރު ދޫކޮށް ސަނާއަށް ހިޖުރަކޮށްފައެވެ.

ޔާސީން އޭނާގެ އާއިލާ ގޮވައިގެން އެރީ ހަލާކުވާން ކައިރިވެފައި އޮތް ބަހަކަށެވެ. އެ ބަހުގައި އިން އިރުވެސް ބަހުގެ ކުޑަދޮރުން އޭނާ ބަލަމުން ދިޔައީ އުޑުމައްޗަށެވެ. ނަސީބު ކަންދިމާކުރިގޮތުން ފައިޓާ ޖެޓުގެ އަޑު ކުޑަ ވަގުތުކޮޅަކަށް ހިނދުނެވެ.

ސަނާއަށް ދެވުމާއެކު ޔާސީން ބެލީ އޭނާގެ އާއިލާ އދ. ސެންޓަރެއްގައި ބޭތިއްބުމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެެ. ހަނގުރާމައިގެ ސަބަބުން ސަނާވެސް ވަނީ ވަރަށް ބޮޑަށް ވީރާނާ ވެފައެވެ. ބިމާ ހަމަވެފައިވާ އިމާާރާތްތަކެވެ. ވިއްސިވިހާލި ވެފައިވާ ކާރުތަކާއި އެނޫން އެފަދަ އުޅަނދުތަކެވެ. އަދި މަގުތީގައިވެސް އޮތީ ނަޖިހެެވެ.

ހުދައިދާގައި ހަނގުރާމަކުރަމުންދާ ބައެއް ހަނގުރާމަވެރިން---

ޔަމަނުގެ އެތަކެއް ހާސް ކުޑަކުދިންނެއް މިހާރުވެސް ދިރިއުޅެމުންދަނީ ސްކޫލުތަކުގައެވެ. އެއީ އެމީހުންގެ ވަގުތީ ހިޔާވަހިތަކެވެެ. އެތަނުގައި މިހާރު ކިޔެވުން ހުއްޓާލިތާވެސް ކިތަންމެ ދުވަހެކެވެެ.

ޔާސިންއަށް ސަނާއަށް ދިއުމުން ވަކި ހަމަޖެހުމުގެ ނޭވާއެއް ނުލެވުނެވެ. އެ ވަށުގައި ދިރިއުޅުމުގެ އަގުތައް އެހާމެ ބޮޑެވެ. ޔާސީންއަށް އޭނާގެ އާއިލާ ގޮވައިގެން ސަނާއަށް ދެވުނީވެސް 240 ޑޮލަރު ދައްކައިގެންނެެވެ. އެއަަަށްފަހު އެ ރަށުގައި ދިރުއުޅުމުގެ ހަރަދު ކެތްވާވަރުގެ ކަމަކަށް ނުވިއެވެެ. ކުއްޔާއި ކެއުމަށް އެކަނިވެސް މަހަކު 800 ޑޮލަރު އަރައެވެ.

ޔާސީންއަަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. އޭނާ ސަނާގައި މަޑުކޮށްފިނަމަ ކާ އެއްޗެއް ނުލިބި މަރުވެދާނެއެވެ. ހުދައިދާއަށް އަނބުރާ ގޮސްފިނަަމަވެސް އެއްވެސް ރައްކާތެރިކަމެއް ނެތެެވެ. ޔާސީން އެންމެފަހުން ނިންމީ އާއިލާއާއެކު އެނބުރި ރަށަށް ދިއުމަށެވެ.

ހުދައިދާގައި ހަނގުރާމަ ފެށުމުގެ ކުރިން އެ އަވަށުގައި 600،000 އެއްހާ މީހުން އުޅެއެވެ. މިއީ ޔަމަނަށް މުދާ އެތެރެކުރާ ބަނދަރުވެސް ހުންނަ ސަރަހައްދެވެ. ނަމަވެސް ސައުދީއާ ޔަމަނުގެ ހޫތީ ހަނގުރާމެވެރިންގެ ހަމަލާތައް އެ ސަރަހައްދުގައި ވަރުގަދަވުމާއެކު މިހާރު އެ އަވަށުގައި ތިބީ އެންމެ 400،000 މީހުންނެވެ.

ބައިނަލްއަގުވާމީ އެހީދޭ ޖަމާއަތްތަކުން މިހާރުވެސް ވަނީ އެ އަވަށުގައި ހަނގުރާމަ ދިގުލަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ސަރަހައްދުގައި ހަނގުރާމަ އިތުރަށް ދިގުލައިފިނަމަ އެ ސަރަހައްދަށް ކާބޯތަކެތި އެތެރެނުކުރެވި އާންމުން ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރުވެސް ދަނީ ދެމުންނެވެ.

ހުދައިދާގައި ހަނގުރާމަކުރަމުންދާ ބައެއް ހަނގުރާމަވެރިން

ހުދައިދާއަށް ބޮން އެޅިޔަސް ޔާސީން އާއި އެ އަވަށުގައި ދިރިއުޅޭ މީހުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެެވެ. އެ މީހުން ދާނެ ވަކިތަނެއް ވެސް ނެެތެވެ. އެ ގޮތަށް ހުދައިދާ ދޫކޮށްދާ މީހުންގެ އެންމެ ބޮޑު ބަދު ނަސީބަކީ ދެން ދާ ތަނަށްވެސް ބޮން އަޅަން ފެށުމެެވެ.

" އަހަރެން ބުނަން އަހަރެންގެ ދަރިން ކައިރީގައި ހުރިހާ ކަމެއް ރަނގަޅު ވާނެޔޭ. އެކަން ވިސްނައިދޭން ވަރަށް އުނދަގޫ. ހުދު އަހަރެންނަށްވެސް އެކަން ގަބޫލުކުރަން ދަތިވޭ،" ހުދައިދާގެ ރައްޔިތެއް ކަމަށްވާ ސަމަދު އަބްދުﷲ ބުންޏެެވެ.

comment ކޮމެންޓް