ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަން ބްރިޖުމަތީ ބާއްވަނީ

އޮގަސްޓް 30، 2018: ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަނީ: 200 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެޅި ބްރިޖު ހުޅުވުމަށް މިރޭ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަން ސިނަމާލެ ބްރިޖު މަތީ ބާއްވަން ހުއްދަ ދީފިއެވެ.

ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޔޫގެ އެދުމަކަށް އަންނަ މަހުގެ ދެވަނަ ދުވަހުގެ ރޭ އެ ޔުނިވާސިޓީގެ ގްރެޖުއޭޝަން ބްރިޖު މަތީ ބޭއްވުމުގެ ހުއްދަ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށެވެ.

މި ތާރީޚީ ދަސްވެނިވުމުގެ ހަފްލާގައި ދަސްވެނިވާ ހުރިހާ ދަރިވަރުންނަށް މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ބްރިޖު ހުޅުވުމާ ގުޅޭ ތަފްސީލު ހާމަ ކުރައްވަމުން މިނިސްޓަރު އިއްޔެ ވިދާޅުވީ މާދަމާ ބްރިޖު ހުޅުވި ނަމަވެސްް ހަތް ދުވަހުގެ މުއްދަތަކަށް އުފާ ފާޅުކުރުން ނުވަތަ "ސެލެބްރޭޝަންސް" ކުރިއަށް ގެންދާނެ ކަމަށެވެ.

މި މުއްދަތުގައި ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި ބްރިޖު މައްޗަށް އަރައި ފޮޓޯނެގުން ފަދަ ކަންތައް ކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"31 އޮގަސްޓުން 6 ސެޕްޓެމްބަރާ ހަމައަށް ކޮންމެ ދުވަހަކުވެސް ބްރިޖަށް އަރާ ފޮޓޯ ނަގައި، ހިނގައި ހުރިހާ ކަމެއް ކުރެވޭނެ މާލެ ކޮޅުން ހުޅުލެއާ ހަމައަށް. ހުޅުމާލެ ކޮޅުން މިކޮޅަކަށް ނާދެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ތާރީޚުތަކަށް ބަދަލު ގެނައުމަކީވެސް އެކަށީގެންވާކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖުގައި ކުރިއަށް ގެންދާ އިވެންޓުތަކުގެ ތެރޭގައި ބްރިޖުމަތީ ކުރާ ކައިވެނިތަކާއި ބައިކް މޯލްޑިވްސްގެ ބައިސްކަލް އިވެންޓް، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިވެންޓަކާއި ސްކޫލު ކުދިންނާއި އެމްއެންޑީއެފްގެ ޕެރޭޑް އަދި ޒުވާނުން އިސްނަގައިގެން ބާއްވާ ކާރު އަދި ސައިކަލް ޝޯ ހިމެނެއެވެ.

ޗައިނާއާއި ރާއްޖޭގެ އެކުވެރިކަން ރަމްޒުކޮށްދޭ ބްރިޖުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއިންނެވެ. މި މަސައްކަތަށް 200 މިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ.

comment ކޮމެންޓް