ބްރިޖު ހުޅުވުމާ އެކު ރާޅުގަނޑު ސަރަހައްދުގައި ރާޅާއެޅޭނެ: މުއިއްޒު

މީހަކު ރާޅާ އަޅަނީ: ބްރިޖް ހުޅުވުމާ އެކު ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރެވޭނެ --- ފޮޓޯ: ރާޅު އެދުރު

ޗައިނާގެ ކުންފުންޏަކުން މާލެއާއި ހުޅުލެއާ ދެމެދު ގާއިމުކުރި ބްރިޖު ހުޅުވުމަށްފަހު ރާޅުގަނޑު ސަރަހައްދުގައި ރާޅާއެޅުމުގެ ފުރުސަތު ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ފެށުމާއެކު ރާޅުގަނޑު ސަރަހައްދުގައި ރާޅާ އެޅުން ވަނީ މަނާކޮށްފައެވެ. ރާޅުގަނޑުގައި ރާޅާ އެޅުން 2016 ވަނަ އަހަރުގެ މާޗްމަހު މަނާކުރުމާއެކު ރާޅާ އަޅާމީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ރާޅާއަޅާ މީހުންނަށް ތަނބުރުދޫ ވަނީ ޚާއްސަ ކޮށްފައެވެ.

މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވީ ރާޅުގަނޑު ސަރަހައްދު ބަންދުކުރީ އެ ސަރަހައްދުގައި މަސައްކަތްކުރާ އިރު ރާޅާއަޅާ މީހުންނަށް އެ ސަރަހައްދު ރައްކާތެރި ނުވާނެތީ ކަމަށެވެ.

"މަސައްކަތް ނިމުމުން އެ ސަރަހައްދު އަލުން ރާޅާ އަޅާ މީހުންނަށް ހުޅުވާލާނަން،"

ބްރިޖުގެ މަސައްކަތްކުރުމަށް އެ ސަރަހައްދުގައި އެޅި އެޕްރޯޗު ބްރިޖުގެ ބައިތައް ނެގުމުގެ މަސައްކަތްވެސް މަސައްކަތުގެ ކޮންޓްރެކްޓަރު ކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވިއެވެ. އެޕްރޯޗު ބްރިޖުގެ ބައެއް ބައިތައް މިހާރުވެސް ނަގާފައިވާއިރު މިހާރު ހުރީ ކަނޑު އަޑިއަށް ޖަހާފައިވާ ބައިތަކެވެ. އެ ބައިތައް ނަގަން އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ހަ މަސްދުވަސް ކޮންޓްރެކްޓަރަށް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ އެދެން [އެ ބައިތައް ނެގުމަށް]. އެކަމަކު އަޅުގަނޑުމެންނަށް އެކަން މަޖުބޫރެއްވެސް ނުކުރެވޭނެ ކޮންޓްރެކްޓުގައި މުއްދަތެއް ދީފައިވާތީ،" އެ ބައިތައް ނެގުމުމުގެ މަސައްކަތް ކޮންޓްރެކްޓަރުވެސް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް