ޖިރޯނާ އަތުން ރެއާލްއަށް ފަސޭހަ މޮޅެއް

ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ---

ސްޕެނިޝް ލަލީގާއި ރޭ ރެއާލް މެޑްރިޑުން ޖިރޯނާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

4-1 ގެ ނަތީޖާއިން ނިމުނު ރޭގެ މެޗުގައި ރެއާލްއަށް ގޯލު ޖަހާފައި ވަނީ ސާޖިއޯ ރާމޯސް، ކަރިމް ބެންޒެމާ އަދި ގެރެތު ބޭލްއެވެ. ބެންޒެމާ ވަނީ މެޗުގައި ދެ ގޯލު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ ޖިރޯނާއިންނެވެ. 16 ވަނަ މިނެޓުގައި ހުސްކޮށް ލިބުނު ފުރުސަތެއްގައި އެ ހިތްގައިމު ގޯލު ޖެހީ ޖިރޯނާގެ ބޯހާ ގާސިއާއެވެ. އޭނާގެ ޝޮޓު އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

އެ ގޯލަށް ފަހު ރެއާލްއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރަން އެޓޭކުތަކެއް އުފައްދައިފައެވެ. އެގޮތުން ކުރި އެޓޭކެއްގައި ޖިރޯނާގެ ކުޅުންތެރިއަކު ވަނީ ރެއާލްގެ މާކޯ އެސެންސިއޯއަށް ޕެނަލްޓީ އޭރިއާގެ ތެރޭގައި ފައުލްއެއް ކޮށްފައެވެ. 37 ވަނަ މިނެޓުގައި ކުރި އެ ފައުލްގެ ސަބަބުން ލިބުނު ޕެނަލްޓީ ގޯލަށް ފޮނުވާލ،ީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އެއާއެކު މެޗުގެ ނަތީޖާ އެއްވަރުވިއެވެ.

މެޗުގައި ރެއާލްއަށް ލީޑު ލިބުނު ގޯލަކީވެސް ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އެ ޕެނަލްޓީ ވެސް ލިބުނީ އަސެންސިއޯއަށް ކުރި ފައުލަކުންނެވެ. 51 ވަނަ މިނެޓުގައި ރެއާލްއަށް އެ ޕެނަލްޓީ ޖަހައިދިނީ ބެންޒެމާއެވެ.

ރެއާލްއަށް ލީޑު ފޫޅާކޮށްދިން ގޯލު ޖަހައި ދިނީ ގެެރެތު ބޭލްއެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ ޑިފެންޑަރެއް ބީޓުކުރުމަށް ފަހު ގޯލް ކީޕަރުގެ މައްޗަށް "ވަން އޮން ވަން" ހާލަތެއްގައި ކުރި ހޯދައިގެންނެވެ. އެ ގޯލު ކާމިޔާބު ކުރީ 58 ވަނަ މިނެޓުގައެވެ.

ރެއާލްގެ ފަހު ގޯލު ކާމިޔާބު ކުރީ ގޯލުގެ ކުރިމަތިން ލިބުނު ހުސް ފުރުސަތެއްގައި ބެންޒެމާއެވެ. އެ ގޯލު އޭނާ ކާމިޔާބު ކުރީ މެޗުގެ 79 ވަނަ މިނެޓުގައެވެ.

ލީގުގައި ރެއާލްއާއި ބާސެލޯނާވެސް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިފައެވެ. ނަމަވެސް ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ.

ލީގުގައި ދެން ރެއާލް ނުކުންނާނީ ލެގާނޭސްއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:45ގަ އެވެ.

comment ކޮމެންޓް