އޭޝިއަން ގޭމްސް: ދުނިޔޭގެ 10 ވަަނަ ރޭންކް ކުޅުންތެރިޔާ އަތުން ޒަޔާން ބަލިވެއްޖެ

މިދިޔަ އަހަރު މޮރިޝަސް ސީރީސްގައި ޒަޔާން މެޑަލް އަޅުވަނީ: އޭނާ ވަނީ މިފަހަރުގެ އޭޝިއަން ގޭމްސްގައި ގަދަ 16ގައި ވާދަ ކޮށްފައި --- ފޮޓޯ/ އޮލިމްޕިކް ކޮމިޓީ

އިންޑޮނީޝިއާގައި މިހާރު ކުރިއަށްދާ 18 ވަނަ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓުގެ ފިރިހެން ސިންގަލްސް ބައިގެ ގަދަ 16ގައި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ، ބެޑްމިންޓަންގައި ދުނިޔޭގެ 10 ވަނައަށް ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާ އަތުން ބަލިވެއްޖެ އެވެ.

ޒަޔާން ގަދަ 16 ގައި ވާދަ ކުރީ ދުނިޔޭގެ ރޭންކިންގެ 10 ވަނާގައި އޮތް ޖަޕާނުގެ ނިޝިމޯޓޯ ކެންޓާއާ ދެކޮޅަށެވެ. ކެންޓާ އަކީ މީގެ ކުރިން ވޯލްޑް ކަޕް ޗެމްޕިއަންޝިޕްގެ ގަދަ 16ގެ ބުރުގައި ވެސް ވާދަ ކޮށްފައިވާ ކުޅުންތެރިއެކެވެ.

އެ މެޗުން ނިޝިމޯޓޯ ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. އޭނާ މެޗުގެ ސެޓުތައް ގެންދިޔައީ 21-07، 21-10 އިންނެވެ.

ފިރިހެން ސިންގަލްސް ޑިވިޝަންގެ ރައުންޑް އޮފް 16 އަށް ޒަޔާން ދަތުރު ކުރީ އަފްޣާނިސްތާންގެ ސައީދު އިމްރާން މެރީއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. އެ މެޗުން ޒަޔާން މޮޅުވީ 22-20، 21-11 އިންނެވެ.

ގަދަ 16ގައި ޒަޔާން ބަލިވި އިރު ރާއްޖެ އިން ވާދަ ކުރި އަންހެން ޓީމް އިވެންޓުގައި ވަނީ ފަހަތުން އަރައި ނޭޕާލް ބަލިކޮށްގެން ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ކުއާޓާގައި ރާއްޖެ ބަލިވީ 3-0 ސެޓުން ޗައިނާ އަތުންނެވެ.

އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި ރަން މެޑައްޔެއް ހޯދުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިންޑޮނޭޝިއާގެ ޖަކާޓާ އަދި ޕަލެމްބަންގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް ކުރިއަށް ދާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް